16 Apr 2020, 14:52
މާލެއިން ފެނުނު ކޮވިޑް-19 ފުރަތަމަ މީހާ، "ޕޭޝަންޓް 21" އާ ގުޅުންހުރި މާލެ، ހުޅުމާލޭގެ އިތުރު ގެތަކެއް ކަރަންޓީނުކޮށް މީހުން ވަދެ ނިކުތުން މަނާކޮށްފި އެވެ.
އެގޮތުން 11 ތަނެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. މިގެތަކަކީ:
ހުޅުމާލެ ލޮޓް 11090
- ހ. ރަތްކުރެދި އާރު
- މ. ފީރޯޒުގެ 6ބީ
- މ. ލޯކަސި 3 ސީ
- މ. ސޯސަންމާގެ
- މ. ފެނިގެއްލިދާގެ 7 ވަނަ ފްލޯ
- ހުޅުމާލެ ފްލެޓް 02-2-6
- އަމީން އެވެނިއު ޓީކް 905
- މ. ނާގޫށު ވިލާ ދެވަނަ ފްލޯ
- ހުޅުމާލެ ލޮޓް 11296
- މއ. އޯކިޑް
މި ގެތަކުގެ އިތުރުން ޕޭޝަންޓް 21އާ ގުޅުން ހުރި ހަތަރު ގެއެއްގެ މައުލޫމާތު އެޗްޕީއޭ އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ އާއި މާލޭގެ ތިންގެ އެކެވެ.
އެޗްޕީއޭ އިން ބުނީ މި ގެތައް މޮނީޓަރިންގެ ހާލަތަށް ގެނެވުނީ ޕޭޝަންޓް 21 އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކަމަށެވެ.
އިއްޔެ ކަރަންޓީނުކުރި ގެތަކަކީ، ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ، މ. ޖަރީމާގެ، އައްޑޫ ހިތަދޫ ނޫމަސްވާދީގެ އެވެ.
ޕޭޝަންޓް21ގެ އިތުރުން އޭނާގެ ކުޑަ ދަރިފުޅާއި އޭނާ އާއި ގުޅުން އޮތް އިތުރު މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ޕޭޝަންޓް 21އާ ބައްދަލުވި 54 މީހަކު ހޯދިފައިވާ ކަމަށް އެޗްޕީއޭއިން އިއްޔެ ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން، 11 މީހެއްގެ ސާމްޕަލް ނެގިއިރު، 11 10 މީހުން ނެގަޓިވްވެފައިވެ އެވެ.
ޕޭޝަންޓް 21އަކީ ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި ކޮވިޑް-19 ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފަ އެވެ. މިހާތަނަށް 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.
މާލެއިން ބަލި ފެނުމާއެކު އިއްޔެގެ 3:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައިވާއިރު ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް މިއަދު އިތުރުކޮށްފަ އެވެ.
އިއްޔެގެ ކޭސް އާއެކު މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށްބަލާ މާލޭގެ ހާލަތު ވަނީ ލެވެލް ހަތަރަކަށް މަތިކޮށް ރަތް އެލާޓަށް ގެނެސްފަ އެވެ.