16 Apr 2020, 20:13
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހަކާ ބައްދަލުވެފައިވާ މީހުން ހޯދުމަށް، ކޮންޓެކްޓް ޓްރޭސިން ހެދުން ޑިޖިޓަލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
އެންއީއޯސީ އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޑިޖިޓަލް ކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމަށް ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަންއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ބޭރުގެ އެފަދަ ޕްލެޓްފޯމެއް ބޭނުންކުރަން ފެށުމުގެ ކުރިން ދިވެހި ބަހަށް ބަދަލުކުރުން ފަދަ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެފަދަ ކަމެއް ކުރެވޭނީ ޓެކް ޓީމުގެ އެޕްރޫވަލް ލިބުމުން ކަމަށެވެ.
"މިހާރު ސެޓަޕް އިންނަ ގޮތުން ވިއްޔާ ޓްރޭސިންގެ މަސައްކަތަކީ ވަރަށް ބޮޑަށް ޓްރޭސް ކުރެވޭ މީހާއާ ބައިވަރު ސުވާލުތަކެއް ކުރަން ޖެހޭ ސިސްޓަމެއް. އޭތި އެޕަކަށް ގެންދިއުމުގެ އެއް ކަމަކީ އެޕް ސިސްޓަމަކަށް ގޮސްފިއްޔާ ޓްރޭސް ކުރާއިރު އެއަށް ޖަވާބު ދޭ މީހާގެ ވެސް އެ ވަރުގެ އެބިލިޓީއެއް ހުންނަ ކަހަލަ އިންޓަފޭސްއަކަށް ދާން ޖެހޭނީ. މިވަގުތު އެކަހަލަ ސެޓަޕެއް ނެތް،" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ 4220 ޕީސީއާރު ޓެސްޓް ކިޓާއި 629 ބްލަޑް ސާމްޕަލް ޓެސްޓް ކުރެވޭ ކިޓް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޗައިނާ އިން 10،000 ޓެސްޓް ކިޓާއި އަލީ ބާބާގެ ވެރިޔާ ޖެކްމާ ދެއްވާނެ ކަމަށް ވިދާޅުވި 10،000 ޓެސްޓް ކިޓު މި ހަފްތާ ނިމޭ އިރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފަ އެވެ. އޭގެ ތެރެއިން 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.