18 Apr 2020, 14:18
ލަންޑަން (18 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށް ބޭހެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުން ކުރަމުންދާ ސައެންޓިފިކް ރީސާޗްގައި އެމެރިކާގެ "ގިލީޑް" ކުންފުނިން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
އެކުންފުނީގެ މަސްއޫލުވެރިއަކާ ހަވާލާދީ ލަންޑަންގައި ނުކުންނަ "ފައިނޭޝަލް ޓައިމްސް" ބުނާ ގޮތުން ކޮވިޑް-19 އަށް ޚާއްސަކޮށްގެން ގިލީޑް ކުންފުނިން އުފެއްދި ބޭހުގެ ކްލިނިކަލް ތަޖްރިބާ ކުރަމުން ގެންދާއިރު އެތަޖްރިބާގައި އަމިއްލަ ރުހުމުގައި ބައިވެރިވި ކޮވިޑް-19ގެ ބަލިމީހުންނަށްވަނީ އަވަސް ޝިފާއެއް ލިބިފަ އެވެ. ގިލީޑް ކުންފުނިން ކުރި މިތަޖްރިބާގައި އެމެރިކާގެ މަޝްހޫރު ޔުނިވާސިޓީއެއްކަމަށްވާ ޝިކާގޯ ޔުނިވާސިޓީގެ ސައެންޓިފިކް ރީސާޗް ޓީމެއް ވެސް ބައިވެރިވި އެވެ.

ގިލިޑް ކުންފުނީގެ ރީސާޗަރެއްއެޓީމުން ކުރި ތަޖްރިބާތަކުގެ އަލީގައި ނެރުނު ރިޕޯޓެއްގައި ޝިކާގޯ ޔުނިވާސިޓީންވަނީ ގިލީޑް ކުންފުނިން އުފެއްދި ބޭހުގެ ކްލިނިކަލް ތަޖްރިބާ ވަރަށް ކާމިޔާބުކަން ބަޔާންކޮށްފަ އެވެ.
މިގޮތުން ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންގެ ތެރެއިން އަމިއްލައަށް ވޮލަންޓިއާކޮށް އެބޭސް ބޭނުންކުރި މީހުން އެބޭސް ބޭނުންނުކުރާ މީހުންނަށް ވުރެ މާއަވަހަށް އެބަލިން ރަނގަނޅުވިކަން އެ ރިޕޯޓްގައި ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް ގިލީޑް ކުންފުނިން އުފެއްދި ބޭހުގެ ސައިޑް އިފެކްޓްތައް އަދި ސާފުނުވާކަމަށާ އެބޭހުގެ އިތުރު ތަޖްރިބާތަކެއް ކުރަންޖެހޭނެ ކަމަށް ޝިކާގޯ ޔުނިވާސިޓީގެ ޓީމުން ބުނެފައިވެ އެވެ.
އިނގިރޭސިވިލާތުގައި ޝާއިޢުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެކިބަލިތަކަށް މިހާރު އުފައްދާފައިވާ ބައެއް ބޭސްތައް ކޮންބައިންކޮށް ދީގެން ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމުގެ ތަޖްރިބާތަކެއް އެގައުމުގެ އޮކްސްފޯޑް ޔުނިވާސިޓީން ވެސް ގެންދަނީ ކުރަމުންނެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ އެބައްޔަށް ޚާއްސަ ބޭހެއް އުފައްދައިގެން ނޫނީ އެބައްޔަށް ޚާއްސަ ވެކްސިން އެއް އުފައްދައިގެން ކަމަށާއި އެނޫންގޮތަކަށް ދާއިމީ ގޮތެއްގައި އެ ރޯގާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" އިން ބުނެ އެވެ. ޑަބްލިޔޫއެޗްއޯ އިންވަނީ ދުނިޔޭގެ 25 ގައުމަކުން ކޮރޯނާ ވައިރަސް އަށް ވެކްސިން އީޖާދު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އަދި ތިން ވެކްސިން އެއް ކްލިނިކަލް ތަޖްރިބާގެ މަރުހަލާގައިވާ ކަމަށް ބުނެފައެވެ. (ފައިނޭންޝަލް ޓައިމްސް+ނޫސްއެޖެންސީތައް)