18 Apr 2020, 19:09
ކޮވިޑް19 އާއި ގުޅިގެން، އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލައި، ޓްރެކިއޯސްޓޮމީ ހެދުމައް ހޮސްޕިޓަލުން އެދެމުން ދާކަމަށް ދެކެވޭ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެކެވެމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އެހެން ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓަރުގައި ތިބޭ ޕޭޝަންޓުން ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރާ ކަމެއް ކަަމަށް އައިޖީއެމްްއެޗް އިން ބުންޏެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.
ކޮވިޑް19 އާ ގުޅުގެން ސަރުކާރުން އަމާޒުކޮށްފައިވަނީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ރާއްޖޭގައި ހެދުމަށެވެ. މުޅި ރާއްޖޭގެ އެކި ސަރައްހަދުތަކުގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރެވެ.
އެހެން ނަމަވެސް 151 ވެންޓިލޭޓަރު 57 މިލިއަން ރުފިޔާއަށް ގެނައުމަށް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
އަދި ކޮރޯނާވައިރަސްއިން ޖެހޭ މީހުންނަށް ފަރުވާދިނުމަށް ބޭރުގެ ޖަމިއްޔާތަކުގެ އެހީގައި އިތުރު 27 ވެންޓިލޭޓަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.