ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން އިޓަލީގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ ރޯމާ އިން ނިންމައިފި އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އެންމެ ހަލުވި ކަމާ އެކު ފެތުރި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ އިޓަލީން އެ ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް އެގައުމުގެ އިގްތިސާދު ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

އަދި އެކަމުން އަރައިގަންނަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކޮށްފައި ވާއިރު ގިނަ ސެލަބްރިޓީންނާއި ފުޓުބޯޅަ ކުޅުންތެރިން މިވަގުތު އަންނަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި، ސިއްހީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުލަބެއް ކަމަށްވާ ރޯމާގެ ހުރިހާ ކުޅުންތެރިން ވަނީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ މުސާރަ ނުނަގާ ދޫކޮށްލަން ނިންމާފަ އެވެ.

ޓީމުގެ ސްކޮޑުގެ ހުރިހާ ކުޅުންތެރިންގެ އިއްތިފާގުން މި ނިންމުން ނިންމާފައިވާ އިރު މިހާރު ކުރިއަށްދާ 2019-20 ވަނަ ސީޒަން ނިންމާލަން ޖެހުނަސް ކުރިއަށް އޮތް ހަތަރު މަހަށް މުސާރަ ނުނަގަން ވަނީ ނިންމާފަ އެވެ.

ރޯމާގެ ކުޅުންތެރިން ހެދި މި އެއްބަސްވުުގައި އެ ޓީމުގެ ކޯޗު ޕައޮލޯ ފޮންސެކޯ ވެސް ބައިވެރިވާ އިރު އެ ކުލަބުގެ ހުރިހާ ޑިރެކްޓަރުން ވެސް ވަނީ މިދިޔަ މަހުގެ މުސާރަ ނުނަގާ ދޫކޮށްލައިފަ އެވެ.

މީގެ އިތުރުން އިޓަލީގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ރޯމާގެ ޓްރެއިނިންގް ގްރައުންޑުގައި ހާއްސަ ފަންޑު ފޮއްޓެއް ބެހެއްޓުމަށްވެސް އެ ޓީމުން ވަނީ ނިންމާފަ އެވެ.

ރޯމާ އަކީ އިޓަލީއަށް ދިމާވެފައިވާ މި އުނދަގޫ ހާލަތުގައި އެންމެ ބޮޑަށް އެހީވަމުންދާ އެއް ކުލަބެވެ އެގޮތުން އެ ޓީމުން ވަނީ މީގެ ކުރިން ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށް ވައިރަހެއް އުފެއްދުމަށް އިޓަލީގެ މެޑިކަލް ޔުނިވާސިޓީއަކަށް މާލީ ބޮޑެތި އެހީތަކެއް ވެދީފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލި އިރު ޖޫން މަހުގެ ނިޔަލަށް ލީގު ފެށޭނެ މާހައުލެއް ނެތް ނަމަ ލީގު ކެންސަލް ކޮށްފާނެ ކަމަށް އިޓަލީގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.