އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވަނިކޮށް ކެނޯއެއް ބަންޑުން ޖަހާލައިގެން ކަމަށް ބުނެ ހދ. ކުޅުފުއްޓަށް ދެމީހަކު އެރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހުއްދަ ނުހޯދާ 19 އޭޕްރީލް 2020 ވަނަ ދުވަހު ހދ. ނޮޅިވަރަމް ހުޅަނގުފަރާތުން ކެނޯއެއްގައި ދެމީހަކު ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ރަންވޭގެ ހުޅަނގުކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ ކުޅުދުއްފުށްޓަށް އަރާފައިވާ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

"މި ދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވޭ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން ކެނޯގައި ދަތުރުކޮށްފައިވަނީ ކެނޯގެ ވެރިފަރާތުގެ ހުއްދައެއް ވެސް ނެތި،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 23 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުން ވަނީ މަނާކޮށްފައިވާއިރު، އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓް މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކުރި ލޯންޗެއްގެ ކެޕްޓަނެއް ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.