ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ބަލާ ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާ އަންނަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނީ މެންދުުރު 15:00 ގައި ކަމަށެވެ.

މި ފްލައިޓުން ފުރާ ފަސިންޖަރުން އަމަލު ކުރަންވީގޮތް މިނިސްޓްރީ އިން މިހާރު ފަސިންޖަރުންނަށް އަންގާފައިވާނެ ކަމަށާއި މިނިސްޓްރީ އަށް ފޯރުކޮށްދެންޖެހޭ މައުލޫމާތު މިރޭ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މިނިސްޓްރީ އިން ބުނީ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން މާދަމާ ފުރަން ދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

އެގޮތުން މި ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިހާލަތުގައިވެސް އެއްވެސް ފަޅުވެރިއަކަށް އެއާޕޯޓަށް ނުފޭބޭނެއެވެ.

ކޮރޯނާއާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިޔުމަށް މީގެ ކުރިންވެސް ވަނީ ފްލައިޓުތައް ބާއްވައިފައެވެ.