21 Apr 2020, 13:51
ރަޝިޔާގެ ލޮކޮމޮޓިވް މޮަސްކޯގެ ޒުވާން ޑިފެންޑަރު އިންނޮކެންޓީ ސަމޮކްލޮވް ގޭގައި ފަރޮތަކުރުންތައް ކުރިއަށް ގެންދަނިކޮށް، ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ޑިފެންޑަރު މަރުވެފައިވާ ކަން ކުލަބުން ޔަގީން ކޮށްދީފައިވާ އިރު އޭނާ މަރުވެފައިވަނީ ކޮރޯނާ ވައިރަސް ޖެހިގެން ނޫން ކަމަށާއި އޭނާ މަރުވީ ހިތުގެ މައްސަލައެއްގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކުލަބުން ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަް އަޅާފައިވާ ފިޔަވަޅުތަކާ އެކު ސަމޮކްލޮވް އޭނާގެ ގޭގައި ކޯޗުގެ އިރުޝާދުގެ ދަށުން ތަމްރީންތައް ފުރިހަމަ ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ އިރު އޭނާ މަރުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.
"އޭޕްރީލް 20 ވަނަ ދުވަހު، ޑިފެންޑަރު އިންނޮކެންޓީ ސަމޮކްލޯވް މަރުވެފައިވާ ކަމުގެ ވާހަކަ ކުލަބަށް ވަނީ ލިބިފައި. މި ހިތާމަވެރި ހާދިސާ އަޑުއެހީ ފުން ހިތާމައާ އެކު. އާއިލާއަށާއި، ގާތް ރަހުމަތްތެރިނަށް ކެތްތެރިވުމަށް އެދެން،" ލޮކޮމޮޓިވްއިން ބުނެފައިވެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ލޮކޮމޮޓިވްއަށް ގުޅުނު ސަމޮކްލޯވް މިހާތަނަށް ސީނިއާ ސްކޮޑުން ޖާގަ ލިބިފައި ނުވާ އިރު އޭނާ މިދިޔަ ފަސް އަހަރު ވަންދެން ކުޅެފައި ވަނީ އެކުލަބުގެ ރިޒާވް ޓީމް ކަޒަންކާއަށެވެ. އެ ޓީމަކީ ރަޝިޔާގެ ތިންވަނަ ޑިވަޝަނުގައި ވާދަކުރާ ޓީމެކެވެ.
"މިއީ ވަރަށް ދެރަ ކަމެއް. ޑޮކްޓަރުން އޭނާ ކުޅުމަށް ހުއްދަ ދީފައި އޮތުމުން އިނގެނީ އޭނަގެ އެއްވެސް މައްސަލައެއް ނެތް ކަން. އެކަމަކު އިނގިފައި ވަނީ ހާޓް ފެއިލިޔާއެއް ވެގެން ކަން މަރުވީ." ކަޒަންކާގެ ކޯޗު އެލެކްސެންޑާ ގްރިޝިން ބުނެފައިވެ އެވެ.
ރަޝިޔާގެ މޮސްކޯގެ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އެގައުމުގެ ރައީސް ވްލެޑްމިރް ޕުޓިން އަމުރުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މި މަހުގެ 30 އާއި ހަމައަށް އެގައުމުގެ ސަރުކާރު ބަންދުކޮށްފައިވާ ތާރީހު ވަނީ މިހާރު އިތުރުކޮށްފަ އެވެ.
ރަޝިޔާގައި މިހާތަނަށް 47،121 މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާ އިރު 405 މީހަކު ވަނީ އެބަލި ޖެހިގެން މަރުވެފަ އެވެ.
ކޮރޯނާ ޖެހިފައިވާ ބައެއް ފުޓުބޯޅަ ކުޅުންތެރިންނަށް ބަލާއިރު ޔުވެންޓަސްގެ ބްލެއިސް މަޓުއިޑީއައި، ޑެނިއަލް ރުގާނީގެ އިތުރުން ޕައުލޯ ޑިބާލާ ހިމެނޭ އިރު އާސެނަލްގެ ކޯޗު މިކެލްޓް އާޓެޓާއާއި، އޮލިމްޕިއާކޯސްގެ ރައީސް އެވަންގެލޯސް މަރިނާކީ ވެސް ވަނީ އެބައްޔަށް ޕޮޒިޓިވް ވެފަ އެވެ.