މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއް ސްކްރީން ކުރި އިރު 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލަ ރަފީގު ވިދާޅުވީ މި 14 ކޭސް ފެނިފައިވަނީ ބިދޭސީން ދިރިއުޅޭ ތަންތަނަށް އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމުތަކުން ގޮސް އެތަންތަނުގައި އުޅޭ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެންނަ ނަމަ، އެމީހުން ޓެސްޓު ކުރަމުން ދަނިކޮށް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭތަންތަން ހޯދުމަށް ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން އުޅޭ ތަންތަން ދެނެގަނެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ރެޕިޑް ރެސްޕޮންސް ޓީމު، އަދި މެޑިކަލް ޓީމުވެސް ހިމެނޭގޮތަށް މިކަހަލަ ތަންތަނަށް ގޮސް ސްކްރީނިން ހަދައި، އެތަންތަނުގައި ބަލީގެ އަލާމަތް ހުރި ބަޔަކު ތިބިތޯބަލާ، އެފަދަ ބަޔަކު ތިބިނަމަ އެމީހުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދުވެސް މިފަދަ ތިން ތަނެއް ސްކްރީން ކުރެވިފައިވާ ކަމަށާއި މިއަދު ޕޮޒިޓިވްވި 14 ބިދޭސީންނަކީ މިގޮތުން ސްކްރީން ކުރެވުނު ތަނަކުން ފެނުނު މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި 14 މީހުން ދިރިއުޅެނީ އެއްތަނެއްގައި ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބިދޭސީން ދިރިއުޅެނީ ވަރަށް ތޮއްޖެހިގެން ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ އަންޑޮކިޔުމެންޓެޑް ބިދޭސިން އުޅޭއިރު، އެފަދަ މީހުން އެކި ދުވަހު މަސައްކަތްކުރަނީ އެކިތަނުގައިކަމަށާއި މިފަދަ މީހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 108 ކޭސް ފެނިފައިވާރިރު ބަންގްލަދޭޝްގެ 43 މީހަކު މީގެ ތެރޭ ހިމެނެއެވެ.

މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެފައި ތިބި 1675 މީހަކު ވަނީ ހޯދައިފައެވެ.

އެމީހުންނާ ގުޅުންހުރި 217 ތަނެއް މޮނިޓަރިންގ އަށް ލާފައިވާއިރު އައިސޮލޭޝަންގައި 189 މީހުން އަދި ކަރަންޓީންގައި 1546 މީހުން އެބަތިއްބެވެ.