ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރޭގައި ގުނާ ކޭސް26 ކޮންފާމްޑް ކޭސްތަކުގެ ތެރެއިން އުނިކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދެ ޕްރޮބަބްލް ކޭހެއް މީގެ ކުރިން ގުނި ނަމަވެސް ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހާ މަޝްވަރާ ކުރުމަށްފަހު ކޮންފާމްޑް ކޭސްތަކުގެ ތެރޭގައި އެއް ޕްރޮބަބްލް ކޭސް ހިމެނޭތީ، އެ ކޭސް ކޮންފާމްޑް ކޭސްތަކުގެ ތެރެއިން އުނިކޮށްފައިވާ ކަމަށެވެ.

"ކޭސް ނަންބަރު 26. އެ ކޭސް އަޅުގަނޑުމެން ކޮންފާމްޑް ކޭސް ތެރެއިން އުނިކޮށްލާފައި، ދެން އަންނަ އާ ކޭސް އަކަށް ކޭސް ނަންބަރު 26 ދޭނަން،" ޑރ. ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޭސް 26 އަދި ދެވަނަ ޕްރޮބަބްލް ކޭސް ވަކިން، އެޗްޕީއޭގެ ކައުންޓްގެ ތެރޭގައި ދެ ޕްރޮބަބްލް ކޭސްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓޯޓަލް ކޭސްތަކުގެ ތެރޭގައި މި ދެ ކޭސް ހިމެނިގެން ދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޕްރޮބަބަލް ކޭސްގެ ގޮތުގައި ގުނަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތްނަމައެވެ.

ކޭސް26ގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެ، ދެވަނަ އަދި ތިން ވަނަ ފަހަރު ވެސް ޓެސްޓު ވަނީ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕޭޝަންޓް 26 އަކީ، މާލެއިން ފެނުނު ވައިރަހުގެ ފުރަތަމަ ކްލާސްޓާގައި ހިމެނޭ ފަރާތެކެވެ. އުމުރުން 37 އަހަރުގެ އެ އަންހެން މީހާއަކީ، ވައިރަހަށް ޕޮޒިޓިވްވި 42 އަހަރުގެ އަންހެން މީހާ، ކޭސް23 އާ ސީދާ ބައްދަލުވި މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 108 ކޭހެއް ވަނީ ފެނިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެނުނު ކޭސްތަކުގެ އަދަދު 23 އަށް އަރައެވެ.