25 Apr 2020, 13:02
ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަސަން ލަތީފް މިހެން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެކު ރާއްޖޭގެ އިގްތިސޯދަށް ކުރަމުން އަސަރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ދެއްވި ޕްރެސްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ.
މިނިސްޓަރުގެ ވާހަކައަށް އިޝާރާތް ކުރައްވައި މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ޕްރެސް ބަލަން އިންނެވި އިރު ވަރަށް ބޮޑަށް ހިތާމަކުރެއްވި ކަމަށެވެ.
އެ ހިތާމަ ސިފަކޮށްދެއްވަމުން މެމްބަރު ވިދާޅުވީ، އިއްޔެ ކުރެވުނީ ގާތް ރައްޓެއްސެއްގެ މަންމަ ނިޔާވިއިރުު، މަންމަ ނިޔާވީ ހަފްތާއެއް ވަންދެން ވެންޓިލޭޓަރުގައި އޮވެފައިކަމަށް، އެ ރަހުމަތްތެރިޔާ ސަހަރާގައި ހުރެފައި ބުނުމުން ކުރެވޭނެ ކަހަލަ އިހްސާސެއް ކަމަށެވެ. އެވަރުގެ ބޮޑު ކަމެއް ވީއިރު އެހާ ގާތް ރަހްމަތްތެރިއަކަށް މެމްބަރު ވެހުރެ، ރަހުމަތްތެރިޔާ އެވާހަކަ ނުބުނެ ހުރުމުން ކުރެވޭނެ އިހްސާސް ކަމަށެވެ.
"އެކަމަކު ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިގްތިސޯދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ،" މެމްބަރު ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ދެން ވެސް އަވަސްވެގަންނަންވީ އިހްތިސޯދު ވެންޓިލޭޓަރުން ނަގައި، ސަލާމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަޖިލީހުގައި އެދިފައިިވާ ފަައިސާ ސަރުކާރަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.
އެހެން ނަމަވެސް މަޖިލީހުން އެކަމަށް ހުއްދަ ދޭއިރު އެ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލް މަޖިލީހަށް ލިބެންވާނެ ކަމަށާއި، އަދި އެ ފައިސާ ހަރަދުކުރާ ގޮތް މަޖިލީހަށް ބެލޭނެ މެކޭނިޒަމް އެއް ހޯދަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.
އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
ހަސަން ލަތީފް ވިދާޅުވީ އިސްތިސްނާއެއް ހޯދައިދެނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުން އިސްތިސްނާ ނުވާނެ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ފަހިކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ ސަރުކާރުން ދަރަންޏަށް ނަގާ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މަޖިލީހަށް އެނގެން ވާނެ ކަމަށް،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިނިސްޓަރު އަމީރު އިއްޔެ ދެއްވި ޕްރެސްގައި ބައެއް ހަރަދުތަކުގެ ތަފްސީލް ދެއްވި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު އަދި މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އަދި މަޖިލީހުގައި އެދިފައި ވަނީ 4.2 ބިލިއަން ރުފިޔާގެ ދަރަންޏަކަށް ކަމަށާއި، މިނިސްޓަރު އިއްޔެ ދެއްވީ އޭގެ ތެރެއިން 1.49 ބިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ގޮތުގެ ތަފްސީލް ކަމަށެވެ.
"ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ 4.2 ބިލިއަން ރުފިޔާއިން މި ދެންނެނެވި 1.49 ބިލިއަން ރުފިޔާ އުނިކުރީމާ ބާކީ އޮތް 2.71 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލް އެނގެން ބޭނުންވާ ވާހަކަ މި ދަންނަވަނީ،" ލަތީފް ވިދާޅުވިއެވެ.
އެގޮތުން ރޯގާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކަށް ހިނގާނެ ހަރަދާއި ބައްޔަށް ފަރުވާ ދިނުމަށް ހިނގާނެ ހަރަދުގެ އިތުރުން ސަރުކާރުުގެ އެހެނިހެން ކޮމިޓްމަންޓުތަކަށް ހިނގާނެ ހަރަދުތައް ތަފްސީލުކޮށް އެނގެން ޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
"ވަޒީފާ ގެއްލިފައިިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގައި ހިނގާނެ ހަރަދާއި، ގޭކުލި ނުދެއްކިވާ ފަރާތްތަކަށް އިނާޔަތެއް ދެވޭނެތޯ، އެހެންނަމަ އެއީ ކިހާ ހަރަދެއްތޯ. ވިޔަފާރިތައް ބަނގުރޫޓުވާން ކައިިރިވެފައިވާ ފަރާތްތަކަށް އިނާޔަތެއް ދެވިދާނެތޯ އެހެންނަމަ އެއީ ކިހާ ހަރަދެއްތޯ. އިގްތިސޯދު ނެގެހެއްޓުމަށް ކުރާނެ ހަރަދުތަކަކީ ކޮބައިިތޯ އާއިި، އެކަންކަމަށް ހިނގާނީ ކޮން ހަރަދުތަކެއްތޯ އާއި ތައާރަފްކުރާ އިގްތިސޯދީ ރިލީފް ޕެކޭޖްތަކަށް ހިނގާނީ ކިހާ ހަރަދެއްތޯ އާއި އޭގަ ހިމެނޭނީ ކޮންކޮން ކަމެއްތޯއާއި، ސިއްހީ ހިދުމަތްތެރިންނަށް އިނާޔަތެއް ދެވިދާނެތޯ އާއި ހާއްސަކޮށް ޑޮކްޓަރުންނާ ނަރުހުންނަށް، އެއީ ކިހާ ވަރެއްތޯ އާއި މިކަންކަމުގެ ތަފްސީލުތައް އެނގެން ރައްޔިތުން ބޭނުންވާނެ،"
އެހެންކަމުން ސަރުކާރުން ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް މިހާރުން މިހާރަށް މަޖިލީހަށް ލިބެންޖެހޭ ކަމަށާއި، ފައިސާ ލިބުމަށްފަހު ސަރުކާރުން އެ ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތު މަޖިލީހަށް މޮނިޓަ ކުރެވޭނެ އިންތިޒާމެއް ކޮމިޓީ މަރުހަލާގައި ނިންމަންވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
"މި މޭރުމުން މި ވާހަކަ މި ދައްކާ ސަބަބަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަޔަކު ކޮށްފާނެ ނުރަނގަޅުކަމެއްގެ އިލްޒާމުގެ ޒައްރެއްގެ މިންވަރުވެސް އެޅޭކަށް،" މެމްބަރުު ވިދާޅުވިއެވެ.