25 Apr 2020, 18:37
ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ.
.........................................................................
އުފާވެރިކަން ހުއްޓެވެ. ބަރަކާތްތެރި ރަމަޟާން މަސް އަހުރެމެންނާ ބައްދަލުކޮށްފިއެވެ. މިބަރަކާތްތެރި މައްސަރު ބައްދަލުކުރާހިނދު، އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާ ބަސްފުޅުތަކުގައި އެކުލެވިގެންވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. އެމަހުގައި ރޯދަ ހިފުން އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ފަރުޟެއްކަމުގައި ﷲ ލެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕޭހުއްޓެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވޭހުއްޓެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ގިނަ ހެޔޮކަން އެކުލެވިގެންވާ ރެޔެއް އެމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެމީހާ އެވަނީ ޔަގީނުންވެސް ހެޔޮކަމުން މަހުރޫމުވެފައެވެ."(1)
ހަދީސްގައި ބަޔާންކުރައްވާފައިއެވާ މަތިވެރި ނިޢުމަތްތަކާއެކު، އަހަރަކު އެއްފަހަރު މީސްތަކުންނާ ބައްދަލުކުރާ ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރައްވާފައިވަނީ ކޮންމަޤުޞަދެއްގައިކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (ބަޤަރާ: 183) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ." މިއާޔަތުން ސާފުކޮށް އެނގޭގޮތުގައި، ރޯދަ ފަރުޟުކުރެއްވި މަޤުޞަދުކަމަށް އެވަނީ (لَعَلَّكُمْ تَتَّقُونَ) މީސްތަކުން ﷲ އަށް ތަޤުވާވެރިވުމެވެ.
އިސްލާމްދީނުގެ ފަސްރުކުނުން އެއްރުކުންކަމަށްވާ، ރަމަޟާން މަހު ރޯދަ ހިފުމުގެ މައިގަނޑު މަޤުޞަދަކީ ތަޤުވާވެރިވުންކަމަށްވާއިރު، ތަޤުވާގެ ހަގީގަތަކީ ކޮބައިކަން ކޮންމެ މީހަކަށްވެސް އެނގުން މުހިއްމެވެ. އާނއެކެވެ! އާދައެއްގެގޮތުގައި ކޮންމެ އަހަރަކުވެސް ރޯދަމަހު ދުވާލު ނުކައި ނުބޮއެ ތިބުމާއެކު، އާންމު މަސައްކަތްތަކުން ހިސާބަކަށް ދުރަށް ޖެހިލައި ފަސްވަގުތު މިސްކިތަށް އަރާލައި، ޤުރުއާނުން ތަންކޮޅެއް ކިޔަވާލައި ދުޢާ ޒިކުރުކުރުން އިހުނަށްވުރެ އިތުރުކޮށްލައި، ލިބުނީވިއްޔާ ޞަދަޤާތެއްކޮށްލައި، ކުޅަދާނަވިއްޔާ މީހަކަށް ހެޔޮފޯރުވާލައިދީ، މީހުންނަށް ޒުވާބުދިނުމާއި ނުރަނގަޅު ބަސްތައް ބުނުމުން ދުރުހެލިވެލައި، ކާތަކެތި އެއްކޮށްގެން ތިބެ އިރު ފެނުޖެހޭއިރަށް ލަސްނުކޮށް ރޯދަ ވީއްލައި، ކުޑަވަގުތުކޮޅަކަށްނަމަވެސް ރޭގަނޑުން ބައެއްގައި ހޭލައިހުރެ ހެއްދެވި ފަރާތަށް މުނާޖާ ދަންނަވައި، ލިބުނު އެއްޗަކުން ހާރުކާލައިގެން އަނެއްދުވަހުގެ ރޯދައަށް ތައްޔާރުވުމީ ރޯދަ ހިފުމެވެ. ﷲ ގެ އެންގެވުމަށް ތަބާވުމެވެ.
އެއްވެސް ޝައްކެއްނެތެވެ. ބުނެވިދިޔަ ހުރިހާ ސިފަތަކަކީވެސް ތަޤުވާވެރިންގެ ސިފަތަކެވެ. އެހެންނަމަވެސް އެއީ ތަޤުވާގެ ފުޅާ މާނައިގެތެރޭގައި ހިމެނޭ މަދު މިންވަރެކެވެ. ތަޤުވާގެ މާނަ ބަޔާންކުރައްވައި، ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ޚުލާޞާއަކީ؛ ތަޤުވާއަކީ އިޚުލާޞްތެރިކަމާއެކު އެންމެ ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއީ އެކަލާނގެ ކުރަން އެންގެވި ކަންތައްތައް ކުރުމާއި، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.(2)
އިސްވެ ބުނެވުނު، ތަޤުވާގެ މާނައަށް ބަލާއިރު؛ ތަޤުވާގައި ދެބައެއް ހިމެނިގެންވެއެވެ. އެއީ ﷲ ކުރަން އެންގެވި ކަންތައްތައް ކުރުމާއެކު ނަހީކުރެއްވި ކަންތައްތައް މުޅިން ދޫކޮށްލުމެވެ. އެހެންކަމަށްވާނަމަ، ތަޤުވާވެރިޔާ ވާހުށީ ﷲ އަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންވާ މީހެއްކަމުގައެވެ. އެފަދަމީހާ ﷲ އަށް އީމާންވެ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރާނެއެވެ. އަހުރެމެން އެންމެނަކީ އެ އިލާހުގެ އަޅުން ކަމަށާއި، އަހުރެމެންގެ އެންމެހައި ޢަމަލުތައް އެ އިލާހު ދެކެ ދެނެވޮޑިގެންވާކަން ޤަބޫލުކުރާނެއެވެ. ނަމާދު ޤާއިމުކޮށް ރޯދަހިފައި ޒަކާތްދީ، ކުޅަދާނަވާނަމަ ޙައްޖުގެ އަޅުކަންވެސް އަދާކުރާނެއެވެ. މައިންބަފައިންނަށް ކަމޭހިތައި، އާއިލީ ގުޅުންތައް ދަމަހައްޓާނެއެވެ. އަވަށްޓެރީންނާއި، ރައްޓެހިންނާއި، ދަންނަމީހުންނާއި، ނުދަންނަމީހުންނާއި، މުސްލިމުންނާއި، ޣައިރު މުސްލިމުންނާމެދުވެސް ހެޔޮ ގޮތުގައި މުޢާމަލާތުކުރާނެއެވެ. މީސްތަކުންނާމެދު ހިތް ހެޔޮކޮށް ރުޅިވެރިކަމާއި ހަސަދަވެރިކަމެއް ނުބާއްވާނެއެވެ. ދޮގާއި މަކަރު ހެދުމާއި ނެތިމޮށުމާއި ދޮގު މަޢުލޫމާތު ފެތުރުންފަދަ ކަންކަމެއް ނުކުރާނެއެވެ. ކެއިން ބުއިމާއި އުނުފޭރާމާއި ބޯހިޔާވަހިކަމާއި ސަވާރީއަށްވިޔަސް، ޙަރާމް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ. ޙަރާމް ތަކެތި ބެލުމާއި އެފަދަ ތަކެތި އަޑުއެހުމަށް ނަފުރަތު ކުރާނެއެވެ. ތިމާއާއި އެހެންމީހުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުންދޭނެއެވެ. ތަނުގެ އާންމު މަޞްލަޙަތަށްޓަކައި ހަދާފައި ހުންނަ ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާނެއެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެއެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރާނެއެވެ. އިސްރާފުނުކޮށް، މުދަލުން ހޭދަކޮށް ތިމާގެ ފުށުން އެހެން މީހަކަށް ފައިދާއެއް ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދިނުމަށް އަވަސްވެގަންނާނެއެވެ. ސިއްރާއި ފާޅުގައި، ތަނަވަސްކަމާއި ދަތިހާލަތުގައި، ސަލާމަތުން ހުންނައިރުގައްޔާއި ބަލިމަޑުކަމުގެ ހާލަތުގައިވެސް ރައްބުލްޢާލަމީންގެ މަތިން ހަނދުމަނެތިކޮށެއްނުލާނެއެވެ.
ރޯދަ ފަރުޟުކުރެއްވި މަޤުޞަދަކީ (لَعَلَّكُمْ تَتَّقُونَ) ﷲ އަށް ތަޤުވާވެރިވުންކަމަށްވާތީ، ރޯދަވެރިޔާއަކީ އޭނާގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރުމާއެކު ނުބައި ކަންތައްތަކުން ދުރުހެލިވެގެން ހުންނަ މީހަކަށް ވާންޖެހޭނެއެވެ. އެހެންނަމަވެސް، ތަޤުވާގެ މައިދާނުގައި ތަފާތުމީހުންނަށް ތަފާތު ހާލަތްތައް ކުރިމަތިވާނެކަން ދެނެވޮޑިގެންވާ އިލާހު ވަޙީކުރައްވާފައިވެއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا (ތަޣާބުން 16) "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ!" މިސާލަކަށް، ކޮންމެ ނަމާދެއްގައިވެސް ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ބައިވެރިވުމަކީ ހަމަކޮންމެ މީހަކަށް ކުޅަދާނަ ކަމަކަށްނުވެދާނެއެވެ. އެހެންނަމަވެސް ފުރަތަމަ ސަފުގައި ބައިވެރިނުވެވޭމީހާވެސް ޖަމާޢަތުގެ ކޮންމެވެސް ސަފެއްގައި ބައިވެރިވެ ނަމާދުކޮށްފިނަމަ އެފަރުޟު އަދާކުރުމުގެ ސަވާބު ދެއްވަވާނެއެވެ. އެކަކީ ރޯދަމަހުގެ ކޮންމެ ދުވަހެއްގައިވެސް ސަތޭކަ މީހުންނަށް ރޯދަވީއްލުން ދޭ މީހަކަށްވާއިރު، އަނެއްމީހާއަށް ކުޅަދާނަވަނީ ރޯދަވީއްލާ ތަކެތި ބަހައްޓާފައި ހުންނަ މޭޒުމަތީގައި ކުޑަ ކަދުރު އުރައެއް ބާއްވަންކަމަށް ވެދާނެއެވެ. މިއީ އެއްގޮތަކަށްވެސް ދެރަވާންޖެހޭކަމެއްނޫނެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤުވާވެރިވެއްޖެނަމަ އެއޮތީ އެއިލާހުގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންވެވިފައެވެ. ރޯދަ ހިފުމުގެ މަޤުޞަދަށް ވާސިލުވެވިފައެވެ. އަދި ކީއްހެއްޔެވެ؟ ތަޤުވާގެ މަގުގައި ހިނގާފައި ދަނިކޮށް ކަތި ފިޔަވަޅެއް އެޅިއްޖެނަމަ ކަންތައް ކުރަންވީގޮތް ބަޔާންކޮށްދެއްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "اتَّقِ اللَّهِ حَيْثُمَا كُنْتَ وَأَتْبِع السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ"(3) މާނައީ: "ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ނުބައި ކަމެއް ކުރެވިއްޖެނަމަ އެކަމާ ވިދިގެން ހެޔޮކަމެއް ކުރާހުށިކަމެވެ. އޭރުން އެނުބައި ކަންތައް ﷲ ފުއްސަވާނެތެވެ. އަދި ރިވެތިވެގެންވާ އަޚުލާޤުން މީސްތަކުންނާ މުޢާމަލާތުކުރާހުށިކަމެވެ."
ﷲ އަންގަވާފައިވާގޮތަށް ފުރިހަމައަށް ރޯދަ ހިފައިފިނަމަ ނަތީޖާއަކަށްވާނީ އެމީހަކީ ތަޤުވާގެ ސިފަ ލިބިފައިވާ މީހަކަށްވުމެވެ. ތަޤުވާގެ މަތިވެރި ސިފަ ލިބިއްޖެނަމަ ނަތީޖާއަކީ ނިކަން ގިނަ ދަރުމައާއި ސަވާބު ލިބި ދެދުނިޔޭގެ ކާމިޔާބު ލިބުމެވެ. އެގޮތުން ތަޤުވާވެރިންނަށް ދެއްވަވާނެކަމަށް އަންގަވާފައިވާ ބައެއް ނިޢުމަތްތަކަށް ބަލައިލަމާ ހިނގާށެވެ.
ތަޤުވާވެރިވުމަކީ އިންސާނާގެ އެންމެހައި ކަންތައްތައް ފަސޭހަވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާއަށް ފަސޭހަކަން ލައްވާނެތެވެ." (ޠަލާޤު: 4)
ތަޤުވާވެރިވުމަކީ އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުތައް ހުޅުވޭނޭ ކަމެއްކަމުގައި އަންގަވާފައިވެއެވެ. "ރަށްތަކުގެ އަހުލުވެރީން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ." (އަޢުރާފު: 96)
ތަޤުވާވެރިވުމަކީ ހީވެސްނުކުރާފަދަ ގޮތްގޮތުން ރިޒުޤު ތަނަވަސްކޮށްދެއްވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ." (ޠަލާޤު: 2-3)
ތަޤުވާވެރިވުމަކީ ﷲ ގެ ޙަޟުރަތުގައި މަތިވެރިވެގެންވާ މީހަކަށް ވުމުގެ ސަބަބެކެވެ. "ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރިމީހާއެވެ." (ޙުޖުރާތު: 13)
ތަޤުވާވެރިވުމަކީ ޤިޔާމަތް ދުވަހުގައި ﷲ ގެ އަޒާބުން މިންޖުވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމަ އެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ. ދެން ތިމަންރަސްކަލާނގެ ތަޤުވާވެރިވީމީހުން ސަލާމަތްކުރައްވާހުށީމެވެ." (މަރުޔަމް: 72)
"ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ. ހަމަކަށަވަރުން، ތަޤުވާވެރިންވަނީ، ހިޔާތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!" (މުރުސަލާތި: 40-43)
އިސްވެ ބަޔާންކުރެވުނީ ތަޤުވާވެރިންނަށް ހުރިކަމަށް ޤުރުއާނުގައި އަންގަވާފައި ނިޢުމަތްތަކުގެތެރެއިން މަދު މިންވަރެކެވެ. ފަހެ ކީރިތި ޤުރުއާނުގެ ސަތޭކައަށްވުރެ ގިނަ ތަނުގައި ތަޤުވާގެ ވާހަކަ ބަޔާންކުރައްވައި، އެންމެހައިމީސްތަކުންނަށާއި، މުއުމިނުންނަށާއި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބިއްޔުންގެ އުންމަތްތަކަށްވެސް، ތަޤުވާގެ ސިފަ ލިބިގަތުމަށް އަމުރުކުރައްވާފައިވުމުން، އޭގެ މުހިއްމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އަހުރެމެން ފުރިހަމަކުރަމުން މިދާ ރޯދައިގެ އަޅުކަން ފަރުޟު ކުރައްވާފައިވަނީ މި މަތިވެރި ސިފަ ލިބިގަތުމަށެވެ. އާނއެކެވެ! ރޯދަ ފަރުޟުކުރެއްވެވީ އޭގައި ހުރިހައި ހެޔޮކަމެއް އެކުލެވިގެންވާ އެންމެ މަޤުޞަދަކަށްޓަކައެވެ. އެއީ ތަޤުވާގެ މަޤުޞަދެވެ. ރޯދަ ހިފަންވާނީ ހުރިހާގޮތަކުންވެސް އެ މަޤުޞަދު ހާސިލުކުރެވޭނެ ގޮތަށެވެ. ރޯދަ ފަރުޟު ކުރެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ މަޤުޞަދު ހާސިލުނުވާގޮތަށް ހިފާ ރޯދައިން ކުރާނެ ފައިދާއެއްނޯންނާނެއެވެ! ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (ޙަޝްރި: 18) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފުސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
(1) رواه أحمد في المسند 2/386، ح 8979، والنسائي في سننه 4/129، ح 2106، صححه الألباني صحيح الترغيب 1/490.
(2) الجرجاني: علي بن محمد (ت816هـ)، التعريفات، القاهرة: دار الفضيلة، د ت، ص 58 ، 59.
(3) سنن الترمذي 7/1910 ، كتاب البروالصلة ، باب ماجاء في معاشرة الناس ، وقال حديث حسن صحيح . وحسنه الألباني: صحيح وضعيف الترمذي 4/1987.