25 Apr 2020, 17:05
ކުރިއަށް އޮތީ ރާއްޖޭގައި ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑުވާ ދުވަސްވަރެއް ކަމަށާއި އެ ބަލި ފެތުރިއްޖެނަމަ އެކަން ވެގެންދާނީ ސިއްހީ ނުރައްކަލުގެ ތެރޭގައި އިތުރު ބުރައަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމަކީ ރާއްޖޭގައި ޑެންގީ ފެތުރޭ ދުވަސްވަރެކެވެ.
"ވިއްސާރަ މޫސުމާ މި ބައްދަލުކުރަނީ. ވިއްސާރަ އައުމާއެކީގައި ޑެންގީގެ ކަންކަން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އެއީ ކުރިން ވެސް ލަފާކުރެވިފައި އޮތް ކަމެއް... މިހާރު، ހާއްސަކޮށް މާލޭގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، ޑެންގީ އިތުރުވެގެން ހިނގައިދާނެކަމާ ދޭތެރޭގައި. އެ ހާލަތަށް ގޮސްފިނަމަ ސިއްހީ ނުރައްކަލުގެ މި ހާލަތުގެ ތެރެއިން ބުރަކަމެއް އިތުރުވެގެންދާނެ. " މިނިސްޓަރު ވިދާޅުވި އެވެ.

އޭޕްރީލް 9، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް މިހާރު ވެސް ޑެންގީ ފެތުރުނަ ނުދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިއަހަރުގެ ކުރީކޮޅުން ފެށިގެން [ހާއްސަކޮށް އަތޮޅުތަކުގެ ތެރޭގައި] ޕަބްލިކް ހެލްތުގައި މަސައްކަތްކުރާ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރުމުގެ ސަބަބުން މިހާތަނަށް އެހެން އަހަރުތަކުގައި ޑެންގީ ކޭސްތައް ފެންނަ ވަރަށް އަތޮޅު ތެރެއިން ވެސް މާލެއިން ވެސް ނުފެނޭ." މިނިސްޓަރު ވިދާޅުވި އެވެ.
ލޮކްޑައުންއާ ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓިފައިވުމާއެކު، ކޮންސްޓްރަކްޝަން ސައިޓުތައް ސާފުކުރުން ފަދަ ކަންކަން މާލެއާއި އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް މިނިސްޓަރު އަމީން އިރުޝާދުދެއްވި އެވެ.