26 Apr 2020, 22:06
މިއަދު ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 73 އަށް އަރައިފިއެވެ.
މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.
ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ޖުމްލަ 50 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕްރެސް ފެށުނު ފަހުން އިތުރު 23 ކޭސް ފެނިފައިވާ ކަމަށެވެ.
އެއާއެކު ހަމައެކަނި މިއަދު ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 73 އަށް އަރައިފައެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް ވަނީ އަރައިފައެވެ.ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޭސްތަކުގެ މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ވަރަށް ބޮޑެތި ކްލަސްޓާތައް އުފެދިފައިވާ ކަމަށެވެ. އެގޮތުން އެއް ކްލަސްޓާއަކުން 517 ކޮންޓެކްޓްސް ހޯދިފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން "އަމާޒު" ބޯޓާ ގުޅިގެން ވެސް ސާވެއިލެންސް މަސައްކަތާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މިރޭގެ ޕްރެސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 5948 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 5699 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިިވާ ކަމަށާއި ނަތީޖާ ނުލިބި ހުރީ 58 ސާމްޕަލް ކަމަށެވެ.
ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅިގެން މިހާތަނަށް 2003 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 253 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
އެއް ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އެރިއިރު، މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެގަތުމަށް ޓެސްޓު ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށާއި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.