ކޮވިޑް-19 ޖެހިފައިވާ ޓޫރިސްޓުން ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި އެންމެން ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ޓެސްޓް ކުރި 173 މީހަކު އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސް އެއް ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގަައި ހުރި ފަތުރުވެރިޔަކު އަނބުރާ ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވްކަން އެނގުމާއެކު އެ ރިސޯޓުގެ އެލާޓް ލެވަލް އޮރެންޖަށް މަތިކޮށް، ރިސޯޓު ލޮކްޑައުން ކުރިއެވެ.

ކުރެއްދޫ އަކީ އިމްޕޯޓް ކޭސް އަކުން ލޯކަލް ޓްރާންސްމިޝަން އަކަށް ދިޔަ ރަށަކަށް ވުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުން ކޮވިޑް19 އަށް ޓެސްޓުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރިސޯޓުގައި ތިބި ހުރިހާ ސްޓާފުންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 173 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމަޕަލެއް ވެސް ނެގެޓިވް ކަމަށެެވެ. އަދި ބާކީހުރި ސާމްޕަލްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ބަލި ފެނުމާއެކު އެ ރިސޯޓުން މީހުން ފޭބުން މަނާކޮށްފައި އޮންނަތާ މިހާރު 50 އަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ރިސޯޓުން ފަސް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.