މާލެ ސިޓީގެ ލޮކްޑައުން އަދި ނެގެން ނެތް ކަމަށާއި، މިހާރު ކޭސްތައް ފެންނަ ގޮތަށް ބަލާއިރު ރަށްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ނެގޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެސް ވަރަކަށް ކޮންޓްރޯލް ވެގެން ކަމަށެވެ.

ޑރ. ވިދާޅުވީ މިހާރު ފެންނަ ކޭސްތަކަކީ ވެސް ގިނައިން ހެލިފެލިވެ އުޅޭ ގްރޫޕެއްގެ ތެރެއިން ކަމަށާއި، ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަނީ އެހެންވެ ކަމަށެވެ. އަދި ބޭރަށް ނުނުކުމެ ގޭގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު ކުޑަކަމަށެވެ.

"އެހެންވީމަ ހަގީގަތުގައި ލޮކްޑައުން ލިފްޓު ކުރެވޭ ހިސާބަށް ދެވޭނީ ބެކްލޮގުގަ ހުރި ހުރިހާ ކޭސްތަކެއް އައިޑެންޓިފައިވެ، ކޮންމެސް ވަރަަކަށް މި ތިރިވާން ފެށީމަ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 214 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ އެކަނި ވެސް ޕޮޒިޓިވް 73 ކޭސް ފެނިފައިވެއެވެ. މާލޭގެ އިތުރުން، ހއ. އުލިގަމާއި ކ. ތުލުސްދޫއިން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ.

އެހެންކަމުން ލޮކްޑައުން އުވާލުމުގައި ރަށްތަކަށް ވާނެ ގޮތެއް ވެސް ވިސްނަންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އެކަށީގެންވޭ ރަށްތަކަށް ސްޕްރެޑްވުން ވެސް. އެހެންވީމަ އެކަން ދާނެ ގޮތެއް އަޅުގަނޑުމެންނަށް ރަނގަޅަށް އެނގުނީމަ ލޮކްޑައުން ލިފްޓް ކުރެވޭނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މިހާރު މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން އިތުރަށް ދިގު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭވެސް ލޮކްޑައުން އުވާލެވޭނެ ހާލަތައް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭތީ، މިހާރު ޓެސްޓުކުރުން އިތުރުކޮށް، ބަލި ހުރި މީހުން އަވަހަށް ދެނެގަނެ އެމީހުން އެކަހެރި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.