އެމެރިކާގެ ޑެންބަރީގައި ދިރިއުޅެމުން ދިޔަ ޖޮނަތަން ކޮއެލްހޯއަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސިއްހަތު ރަނގަޅު، 32 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މިދިޔަ މަހު އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް މަރުވުން ވެގެން ދިޔައީ އޭނާ ދަންނަ އެންމެން ސިއްސުވާލި ކަމަކަށެވެ. ހާއްސަކޮށް އޭނާގެ އަންހެނުން ކޭޓީ އާއި ކުޑަ ދެ ކުދިންނަށެވެ. ނަމަވެސް ޖޯންގެ ހާލު އެންމެ ސީރިއަސްވި ވަގުތުވެސް އޭނާ ވިސްނަމުން ދިޔައީ އާއިލާއާ މެދުކަން އޭނާގެ ފޯނުގައި ލިޔެފައި އޮތް ނޯޓަކުން ވަނީ އެނގިގެންގޮސްފަ އެވެ.

"އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ތި އެންމެން ދެކެ ލޯބިވަން އަދި [މި އާއިލާއިން] ވަނީ އަހަރެންނަށް ހީނުކުރާ ވަރުގެ އުފާވެރި ދިރިއުޅުމެއް ދީފަ. އަހަރެން ވަރަށް ނަސީބުގަދަ އަދި [ކޭޓީ]ގެ ފިރިމީހާއަށް ވުމުންނާއި ބްރޭޑިން އާއި ޕެނީގެ ބައްޕައަށް ވުމަކީ އަހަރެން ވަރަށް ފަހުރުވެރިވާ ކަމެއް،" ޖޯންގެ ނޯޓުގައިވެ އެވެ.

ސީއެންއެންއާ ވާހަކަ ދައްކަމުން ކޭޓީ ބުނި ގޮތުގައި އޭނާ އާއި ޖޯން ބައްދަލުވީ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ. އަދި 2011 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރީ 2013 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އެ ދެ މީހުންނަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ ދެ އަހަރުގެ ބްރޭޑިން އާއި 10 މަހުގެ ޕެނެލޮޕީ އެވެ.

ބްރޭޑިން އުފަންވެފައި ވަނީ ސެރީބްރަލް ޕަލްސީ އާއި އެހެނިހެން ސިއްހީ ބައެއް މައްސަލަތަކާ އެކުގަ އެވެ. އަދި ބްރޭޑިން ހަ ހަފްތާއަށް ވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ބްރޭޑިންގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ކޭޓީ ބުންޏެވެ.

ޖޯން ފޯނުގައި ލިޔެފައި އޮތް މެސެޖު -- ފޮޓޯ: ކޭޓީ ކޮއެލްހޯ

ބްރޭޑިން އަށް ބޭނުންވާ ހާއްސަ ފަރުވާތައް ދިނުމަށާއި ޕެނެލޮޕީއަށް އަޅާލަން ކޭޓީ ގޭގައި ހުންނަ އިރު ޖޯން އަކީ ކޯޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ ޕްރޮބޭޝަން އޮފިސަރެކެވެ. އަދި އޭނާއަކީ އަސާސީ ހިދުމަތްދޭ މުވައްޒަފެއް ކަމުން، ކޮރޯނާވައިރަސް ފެތުރެމުން ދިޔަ އިރުވެސް ޖޯން ދިޔައީ ވަޒީފާއަށް ނުކުންނަމުންނެވެ.

ކޭޓީ ބުނި ގޮތުގައި ޖޯންއާ ދިމާވި މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ މަހުގެ 24ގަ އެވެ. އަދި ޖޯން ޓެސްޓު ކުރުމުން އޭނާވެސް ޕޮޒިޓިވްވި އެވެ.

އެއަށް ފަހު ޖޯން ފުރަތަމަ ކަރަންޓީނުވީ ގޭގައި ނަމަވެސް، ޓެސްޓު ކުރިތާ 24 ގަޑި އިރު ތެރޭ އޭނާ ވަރަށް ބޮޑަށް ކެއްސާ، ނޭވާލާން އުނދަގޫވި އެވެ. އޭގެ ސަބަބުން ޖޯން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނެވެ.

ކޭޓީ ބުނި ގޮތުގައި ޑޮކްޓަރުން ފުރަތަމަ ބެލީ ބޭސް ދިނުމުން ޖޯންގެ ހާލު ރަނގަޅުވޭތޯ އެވެ. ނަމަވެސް ބޭހުން ފަސޭހަ ނުވުމުން، އޭނާ ގިނަ އިރު ހޭނައްތާ، ވެންޓިލޭޓަރަށް ލާން ޖެހުނީ އެވެ.

ޖޯން ވެންޓިލޭޓަރަށް ލި ފަހުންވެސް ޑޮކްޓަރުން ތިބީ އޭނާ މުޅިން ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. އަދި މިދިޔަ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ޖޯންއަށް ވެންޓިލޭޓަރާ ނުލައި އަމިއްލައަށް ނޭވާލެވޭނެ ގޮތް ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރި އެވެ. ނަމަވެސް އެ އުއްމީދުތަކަށް ނިމުން އައީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖޯންގެ ހިތް ހުއްޓި، އޭނާ މަރުވުމުންނެވެ.

ކޭޓީ ބުނި ގޮތުގައި ޖޯންގެ ހިތް ހުއްޓުނު ސަބަބެއް ޑޮކްޓަރުންނަކަށް ނޭނގެ އެވެ. އަދި އަންގާރަ ދުވަހުވެސް ޖޯން ހޭލާ، ހަރަކާތްކޮށް ހެދި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޖޯން އާއި ބްރޭޑިން އާއި ޕެނެލޮޕީ -- ފޮޓޯ: ކޭޓީ ކޮއެލްހޯ

ކޭޓީ ބުނި ގޮތުގައި ޖޯން އެޑްމިޓު ކުރި ފަހުން، އޭނާއަށް ރަނގަަޅަށް އާއިލާއާ އެންމެ ފަހުން ފޯނުން ވާހަކަ ދެއްކުނީ މިދިޔަ މަހުގެ 29ގަ އެވެ. އެއީ ޖޯން ވެންޓިލޭޓަރަށްލީ ދުވަހުގެ ކުރީ ދުވަހެވެ. އަދި ޖޯންގެ ނޯޓު ލިޔުނީ އެ ދުވަހު ކަމަށް ގަބޫލު ކުރެވެ އެވެ.

އެ ނޯޓުގައި ވަނީ ކޭޓީގެ އިތުރުން އެ މީހުންގެ ދެ ކުދިންނަށް ދޭނެ މެސެޖުތައްވެސް ލިޔެފަ އެވެ. އެގޮތުން "ބްރޭޑިންގެ ބައްޕައަށްވީތީ ވަރަށް ފަހުރުވެރިވާ ކަމަށާއި ބްރޭޑިން ކޮށްފައިވާ އަދި ކުރަމުންދާ ހުރިހާ ކަމަކާ މެދުވެސް ފަހުރުވެރިވާ" ކަމަށް ޖޯން ބުނެފައިވެ އެވެ. އަދި "ޕެނެލޮޕީ އަކީ އަމީރާއެއް ކަމަށާއި އޭނާއަށް ބޭނުން ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން" ޖޯން ދީފައިވެ އެވެ.

މީގެ އިތުރުން ޖޯން ވަނީ ކޭޓީއަށް އެހެން މީހަކު ދެކެ ލޯބިވެވިއްޖެ ނަމަ، އެ ލޯތްބައިގެން ކުރިއަށް ދިޔުމަށް އެދިފަ އެވެ.

"އެހެން މީހަކާ ބައްދަލުވެ، ކޭޓީ އާއި ދެ ކުދިން ދެކެ އެމީހަކު ލޯބިވާކަން އެނގޭ ނަމަ، އަހަރެންވެސް ކޭޓީއަށް އުފަލަށް އެދޭނަން. ކޮންމެ ގޮތަކަށް ކަންތައްތައް ދިޔަ ނަމަވެސް ކޭޓީ އުފަލުގައި ދެމިހުންނާތި،" ޖޯންގެ ނޯޓުގައިވެ އެވެ.

ކޭޓީ ބުނި ގޮތުގައި އެ ނޯޓު ފެނުމުން އުފާވި ނަމަވެސް އެ ނޯޓު ލިޔުނު އިރު ޖޯން ބިރުގަނެފައި ހުންނާނެ މިންވަރު ވިސްނާ، ހިތްދަތިވެ އެވެ.

"އަހަންނަށް އިހުސާސު ކުރެވެނީ އަހަރެންގެ [ހަށިގަނޑުގެ] ބަޔެއް މަރުވެފައިވާހެން. [ޖޯންއަކީ] 13 އަހަރު ވަންދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަށް އަހަރުވަންދެން އަހަރެންގެ ފިރިމީހާ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެކު އަހަރެމެން ދިރިއުޅެމުން އައި ގޮތް ދަންނަ ހަމައެކަނި މީހަކީ ޖޯން،" ކޭޓީ ބުންޏެވެ.

ކޭޓީ ބުނި ގޮތުގައި ޖޯން ވަކިވެ ދިޔުމުން އެންމެ ބޮޑަށް ދެރަވަނީ ބްރޭޑިން އާއި ޕެނެލޮޕީއަށް އެ ދެ ކުދިންގެ ބައްޕަ ނުފެނި ބޮޑުވާން ޖެހޭތީ އެވެ. އަދި ދެ ކުދިން ބޮޑުވާ ތަން ބަލަން ކުދިންގެ ބައްޕައަށް ނުހުރެވޭތީ އެވެ. ނަމަވެސް ޖޯންގެ ފުރާނައަށް ނުރައްކާވި އިރުވެސް، އޭނާ ދިޔައީ އެ ދެ ކުދިންނާ މެދު ވިސްނަމުން ކަމާއި އެ އާއިލާ ދެކެ އޭނާ ލޯބިވާ މިންވަރު މި ނޯޓުން ބުނެދޭނެ ކަމަށް ކޭޓީ ބުންޏެވެ.

ޖޯންގެ ވާހަކަ ދުނިޔެއާ ހިއްސާ ކުރުމުގެ ބޭނުމަކީ، މި ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތަށް ނުކުތުމުން ފުރާނައަށް އޮތް ނުރައްކާ ބަޔާންކޮށް ދިނުން ކަންވެސް ކޭޓީ ފާހަގަ ކުރި އެވެ.