ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރިސޯޓުތަކުން ނުފޭބި ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ރިސޯޓުތަކުގައި ތާށިވެފައި އެބަ ތިއްބެވެ. އާއިލާއާ ދުރުގައި ގިނަ ދުވަސް ހޭދަ ކުރަން ޖެހުމުން އެ މީހުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮަޕރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލޮކްޑައުން ކުރުމުގެ ސަބަބުން ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ ކުރިން ފުރަބަންދުގައި ތިބި ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް އަނބުރާ ރަށަށް ދިޔުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން،" އަލީ ވަހީދު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކާއި ގުޅުގެން ރަށަށް ނުދެވި ތިބި ސްޓާފުންނަށް ރަށާ ހަމައަށް ދެވުނުކަން ކަށަވަރު ކުރަން މަސައްކަތްކޮށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ވާހަކަ ދަންނަވަން،"

މީގެ ކުރިން ރިސޯޓުން ފޭބޭ ގޮތަށް އޮތީ އެންމެ ފަހު ޓޫރިސްޓު ފައިބާތާ 14 ދުވަސް ފަހުންނެވެ. އެހެން ނަމަވެސް، އެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކުން އެހެން ރަށަކަށް ދަތުރު ނުކެރެވޭ ގޮތަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އެންގުމެއް ނެރެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ރާއްޖޭގެ 16އަށް ވުރެ ގިނަ ރިސޯޓު މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރެއިން 10 ރިސޯޓުގައި އަދިވެސް ފަތުރުވެރިން އެބަ ތިބި ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.