29 Apr 2020, 09:27
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އިރުފާން ޚާން އަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.
މުމްބާއީ ހޮސްޕިޓަލް ކޮކީލާބެން ދިރުބާއީ އަމްބާނީގައި އިރުފާނަށް ފަރުވާދެމުން އަންނައިރު އޭނާ އައީ 2018 ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ބަލި ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފެށީ ކޮލޯންގެ އިންފެކްޝަނަކާ ގުޅިގެންނެވެ.
މިދިޔަ އަހަރު އިރުފާން ވަނީ ކެންސަރު ބަލިން ސަލާމަތްވުމަށް އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭނާއަށް ޖެހުނީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް)އެވެ. އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށެވެ.
ބަތަލާ އިރުފާން ވަނީ އިނގިރޭސިވިލާތުން ފަރުވާ ހޯދުމަށްފަހު އެނބުރި އިންޑިއާއަށް އައިސް ފިލްމެއް ވެސް ކުޅެފަ އެވެ.
ދާދިފަހުން އިރުފާންގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ. މަންމަގެ ޖަނާޒާއަށް އިރުފާނަށް ޖައިޕޫރަށް ނުދެވުނުއިރު އޭނާ މަންމަގެ ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. އޭނާއަށް މަންމަގެ ޖަނާޒާގައި ބައިވެރިވުމަށް ޖައިޕޫރަށް ނުދެވުނީ އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުންނެވެ.