ޔޫރޮޕުގެ ބޮޑެތި ހުރިހާ ލީގުތަކަށް އަންނަ މަހުގެ 25 ގެ ކުރިން ގޮތެއް ނިންމުމަށް ޔޫއެފާއިން އަންގައިފި އެވެ.

މިހާރު ކުރިއަށްދާ 2019-2020 ވަނަ ސީޒަންގެ ކުޅުން ހުރިހާ ލީގަކުން ވެސް ހުއްޓާލާފައި އޮންނަތާ ދެ މަސްވާން ގާތްވެފައިވާ އިރު މިހާތަނަށް ޔޫރޮޕުގެ ބޮޑު ދެ ލީގެއް ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ ނެދަލޭންޑްސްގެ ޑަޗް ލީގާއި ފްރާންސްގެ ފްރެންޗް ލީގެވެ.

އެހެން ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޖަރުމަނު ލީގު ފެށުމަށް ކުލަބުތަކުން މިހާރު ވަނީ ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ އާސެނަލާއި، ޓޮޓެންހަމުން ޓްރެއިނިންގް ސެންޓަރުތަކުގައި ތަމްރީންތައް ހަދަން ވަނީ ފަށައިފަ އެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހު ރަސްމީކޮށް ޓީމުތަކަށް ޓްރެއިނިންގް ހެދުމަށް ސެންޓަރުތަކާއި ދަނޑުތައް ހުޅުވާލުމަށް ވެސް ދަނީ އެ ދެ ގައުމުގައި މަޝްވަރާ ކުރަމުންނެވެ.

ޔޫރޮޕު ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫއެފާއިން މިދިޔަ ހަފުތާ ބޭއްވި އެކްސްކޯ ބައްދަލުވުމަށް ފަހު ކިރިޔާ ވެސް ކުޅެވޭނެ ހާލަތެއް އޮތް ލީގެއް ވިއްޔާ ކުޅެ ނިންމުމަށް ވަނީ ޔޫރޮޕުގެ ހުރިހާ ގައުމެއްގެ ފުޓުބޯޅަ އެސޯސިއޭޝަނަކަށް އަންގައިފަ އެވެ. އަދި އެހެންމެ ލީގުތައް ކުރިއަށް ގެންދެވޭ ނަމަ މެޗުތައް ކުޅޭނެ ތާރީހުތަކާއި، ނުކުޅެވޭނެ މެޗުތަކުގެ އަޕްޑޭޓްތައް އަންނަ މަހުގެ 25 ކުރިން އެ އިދާރާއަށް ހުށައެޅުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ލީގުތަކުގެ ގަވާއިދަށް ބަދަލު ގެނެސް އަންނަ ސީޒަނަށް ކޮލިފައިވާނެ ޓީމުތައް ކަނޑައަޅާނެ އުސޫލުތައް ވެސް އެ ތާޜީހުގެ ކުރިން އެންގުމަށް ޔޫއެފާއިން ވަނީ އަންގައިފަ އެވެ. ޔޫއެފާގެ އަންނަ އެކްސްކޯ ބައްދަލުވުން ބޭއްވުމަށް އެ އިދާރާއިން ނިންމާފައިވަނީ މޭ 27 ވަނަ ދުވަހު އެވެ. އަދި އެ ބައްދަލުވުމުގައި ލީގުތަކުން ހުށައަޅާފައިވާ ތާރީހުތައް ދިރާސާކޮށް ޔޫރޮޕު ފުޓުބޯޅައިގެ މުސްތަގުބަލަށް ގޮތެއް ނިންމާނެ ކަމަށް ވެސް ޔޫއެފާއިން ބުނެ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕުގެ ލީގުތަކާއި، ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ ކުޅުން މެދު ކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެކަމަކު ގައުމުތަކުގައި އަދި ވެސް ވައިރަސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާތީ ލީގުތައް ޔަގީންކަމާ އެކު ފެށޭނެ ތާރީހެއް ނޭނގެ އެވެ.

ޔޫއެފާއިން ވަނީ މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ 2020 އަންނަ އަހަރުގެ ޖޫން މަހަށް ފަސް ކޮށްފަ އެވެ. އަދި އަންނަ އަހަރުގެ އެދުވަސްވަރު ބާއްވަން ހަމަޖެހިފައި އޮތް ވުމެންސް ޔޫރޯ ވަނީ 2022 އަށް ފަސްކޮށްފަ އެވެ.