30 Apr 2020, 10:59
ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި ސަޕޯޓު ހޯދި ބޮލީވުޑްގެ ތަރި އިރުފާން ޚާންގެ މަރަކީ ފިލްމީ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ކޯލޯން އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ މަރުވި އެކްޓަރު އިރުފާން ޚާން އާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރުފާނަކީ ވާސަޓައިލް ހުށަހެޅުންތަކެއް ހުށަހަޅައިދޭ ތަރިއެއްކަން އަބަދުވެސް މީހުން ހަނދާނުގައި ހުންނާނެ ކަމަށެވެ.
އިރުފާންގެ އާއިލާއާއި ރަހުމަތްތެރިންނަށް މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
އިންޑިއާގެ ރާޖަސްތާނަށް އުފަން އިރުފާން އަކީ ޓަޔަރުގެ ވިޔަފާރިކުރާ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ބަތަލު އިރުފާން އެންމެ ފުރަތަމަ ސްކްރީން ކުރިމަތިން ފެނުނީ 1985 ދައްކަން ފެށި "ޝްރީކަންތު" އިންނެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމަކީ 1988 ވަނަ އަހަރު ނުކުތް "ސަލާމް ބޮމްބޭ" އެވެ.
އިރުފާން ހާން މަރުވިއިރު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ އެކްޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އެ މީހުން އިއްޔެ ސިފަކުރަނީ "ކަޅު ހިތާމަވެރި" ދުވަހެއްގެ ގޮތުގައެވެ.