30 Apr 2020, 00:42
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި މީހާގެ ހާލު ސިރިއަސް ވެއްޖެ އެވެ.
އުމުރުން ދުވަސްވީ އެ މީހާ ވައިރަހަށް ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
މިރޭ ދަރުބާރުގޭ، އެންއޯސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، އޭނާގެ ހާލު ސީރިއަސް ވެގެން އޮކްސިޖަން މިހާރު ގުޅާފައިވާ ކަމަށެވެ
"ދެންމެ އަޅުގަނޑަށް މައުލޫމާތު ލިބިއްޖެ ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ ދަރުމަވަންތަ ހޮސްޕޮޓަލަށް ގެންދިޔަ 80 އަހަރުގެ ދިވެހި މީހާ އޮކްސިޖަން ބޭނުންވެގެން އޮކްސިޖަން ގުޅިކަމަށް،" އަފްޒަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަފްޒަލް ނުދެއްވަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 ޖެހިގެން އިތުރު ދެމީހަކަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. އެއީ 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ.
އަފްޒަލް ވިދާޅުވީ، 80 އަހަރުގެ މީހާގެ އިތުރުން ދެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުން ހާލު ރަނގަޅު ކަމަށެވެ.
މީހަކު ހާލު ސީރިއަސްވެފައިވާއިރު، މިރޭ 1:00 ގައި އެންއޯއީސީ އިން ދަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 277 މީހުންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅުވެފައެވެ.