ސޯލް (އޭޕްރިލް 30): ބޭރު ގައުމުތަކަށް ދަތުރު ކޮށްފައިވާ ހަތަރު މީހަކު ފިޔަވާ އިތުރު އެއްވެސް މީހަކު ދެކުނު ކޮރެއާއިން އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށް އެގައުމުގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ކޭސީޑީސީ)އިން ބުނެފި އެވެ.

ކޭސީޑީން ބުނި ގޮތުގައި އެއީ މިދިޔަ ފެބްރުއަރީ މަހުގެ 29ގައި އެގައުމުގެ ވައިރަހުގެ ކޭސްތައް ޕީކްވި ފަހުން ކޮރެއާއިން މީހަކު ވައިރަހަށް ޕޮޒިޓިވް ނުވާ ފުރަތަމަ ފަހަރެވެ. އެ ސެންޓަރުން ވަނީ ކޮވިޑް-19 ބަލީގައި އެގައުމުން އިއްޔެ އެކަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20ގައި ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން މިހާތަނަށް އެގައުމުގެ 10،765 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 247 މީހަކު ވަނީ މަރުވެފަ އެވެ.

ދެކުނު ކޮރެއާގައި ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 20އަށް ވުރެ އިތުރު ނުވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އެގޮތުން ޖިސްމާނީ ގައިދުރުކަން ބެހެއްޓޭ ގޮތަށް ދީނީ އަދި ކުޅިވަރު ކުރޭ ތަންތަން ހުޅުވަން ވަނީ ހުއްދަ ދޭން ފަށާފަ އެވެ.