މައްކާ (1 މޭ 2020): މާތްވެގެންވާ މައްކާގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމުގެ ބިރު ހީވެފައިވާކަމަށް "މިޑްލްއީސްޓް އައި" ބުނެފިއެވެ.

ސައުދީ ގެ ސިއްހަތާބެހޭ އެންމެ އިސްފާރްތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ "މިޑްލްއީސްޓް އައި" ބުނާގޮތުން މައްކާގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ކަމަށް ބެލެވޭ އަލާމާތްތައް ވަނީ ފެންނަން ފަށާފައެވެ. މައްކާއާއި ސައުދީ އެހެން ބައެއް ސަރަހައްދުތަކުން ރެންޑަމްކޮށް ސާމްޕަލްތައް ނަގައި ކުރަމުން ދާ ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު ސައުދީގައި ކޮވިޑް-19 ފެތުރިފައިވަނީ ރަސްމީ ފަރާތްތަކުން ލަފާކޮށްފައިވާ ވަރަށްވުރެ މާބޮޑަށެވެ.

މުސްލިމުންގެ އެންމެ މާތް ހަރަމްފުޅު ކަމަށްވާ މަސްޖިދުލްޙަރާމް (ކައުބަތުﷲ ނުވަތަ ގެފުޅު) އެރަށެއްގައި ހުންނަ މާތްވެގެންވާ މައްކާގެ އާބާދީއަކީ ގާތްގަނޑަކަށް ދެ މިލިޔަން މީހުންނެވެ. ސައޫދީ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެގައުމުގައި ކޮވިޑް-19 ގެ އެންމެ ބޮޑު ކޮމިއުނިޓީ ސްޕްރެޑެއް އޮތީ މައްކާ ގައެވެ.

މައްކާގެ މަގުތައް ހުސްކޮށް

މައްކާ އަކީ ދީނީ އަޅުކަމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމަކުންނާ އަދި ސައޫދީގެ ހުރިހާ ކަންކޮޅު ތަކަކުންވެސް އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރަތް ކުރަމުންދިޔަ ސިޓީއެވެ. އެހެންކަމުން މައްކާވެފައިވަނީ އަބަދުވެސް ގިނަބަޔަކު އައިސް ގޮސްވާ ވަރަށް ހަލަބޮލި އަދި ހަރަކާތްތައް ގިނަ ސިޓީއަކަށެވެ. އަދި ޚާއްސަކޮށް ހަރަމްފުޅުގެ ސަރަހައްދަކީ ވަރަށް ބައިބޯ ސަރަހައްދެކެވެ.

މައްކާގައި ކޮވިޑް-19 ފެތުރިފައިވަނީ އުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި އެސިޓީއަށް މީހުން ދިޔުން ވަގުތީގޮތުން މަނާކުރުމަށް ސައޫދީ ސަރުކާރުން ފިޔަވަޅު އެޅުމުގެ ކުރިންކަމަށް މިހާރުވަނީ ބެލެވިފައެވެ. ކޮވިޑް-19 ދުނިޔެއަށް ފެތުރިގެންދިޔަތާ ކުރީކޮޅު ސައޫދީ ސަރުކާރުންވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މައްކާއަށް މީހުން ދިޔުން ވަގުތީގޮތުން މަނާކޮށް މަސްޖިދުލްހަރާމް ގައި ޖަމާއަތުގައި ނަމާދުކުރުމާއި އުމުރާގެ އަޅުކަން އަދާކުރުންވެސް ވަގުތީގޮތުން ހުއްޓުމަކަށް ގެނަސްފައެވެ.

މިފިޔަވަޅުތަކާއެކުވެސް މައްކާގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ވަނީ ގޮސްފައެވެ. މިއާއެކު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސައޫދީ ސަރުކާރުން ގެންދަނީ ފުރަބަންދުގެ ފިޔަވަޅުތައް ވަރަށް ހަރުކަށިކޮށް މައްކާގައި ތަންފީޒު ކުރަމުންނެވެ.

ސަޢޫދީ މިސްކިތެއް ޑިސްއިންފެކްޓް ކުރަނީ

ސައޫދީ އެހެން ސަރަހައްދުތަކުގައި ކޮވިޑް-19 އާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވީނަމަވެސް މައްކާގައި އެފިޔަވަޅުތަކަށް ލުއިދީފައެއް ނުވެއެވެ. އެއީ މައްކާގައި ކޮވިޑް-19 ފެތުރިފައިވާލެއް ބޮޑުކަމުންނެވެ.

މައްކާއަށް ކޮވިޑް-19 އައީ ކޮންގައުމަކުންކަން ސާފުނުވިނަމަވެސް ތުރުކީއާއި އެނޫންވެސް ބައެއްގައުމުތަކުން ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ފެނިފައިވަނީ އުމުރާގެ އަޅުކަން އަދާކުރުމަށްފަހު މައްކާއިން އައި މީހުންގެ ތެރެއިންނެވެ.

ސައުދީގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 24،000 އަށް ވުރެ މަތީގައެވެ. ދުވާލެއްގެ މައްޗަށް ސައުދީއިން 13،00 އާއި 15،00 އާ ދެމެދުގެ އަދަދަކަށް ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެންނައިރު އޭގެތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް ކޭސްތައް ފެންނަނީ މައްކާއިންނެވެ. ސައުދީގައި ކޮވިޑް-19 ޖެހިގެން 170 މީހުން މަރުވެފައިވާއިރު 3،500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެރޯގާ ޖެހުމަށްފަހު ޝިފާ ލިބިފައެވެ.

(މިޑްލް އީސްޓް އައި + ނޫސްއެޖެންސީތައް)