03 May 2020, 11:18
"ކޮން އެއްޗެއް ތޯ ވިސްނުނީ؟" ޢާބިސް އެހިއެވެ.
"އެ ތަކެތި ވަގަށް ނެގީ ޠުޢުމާ ކަން އަހަންނަށް ޔަގީން. އޭނާ އެ ދިޔައީ އެ ހުރިހާ އެއްޗެއް ހިފައިގެން. ޠުޢުމާއަށް އިތުބާރު ކުރެވުނު ކަން އެއީ އަހަރެމެންގެ މޮޔަކަން." ސުލާލަތު ބުންޏެވެ.
ޠުޢުމާމެން ތިބި އޮޑީ ދަތުރަށް ފުރައިފިއެވެ. ދަތުރުގެ މިސްރާބު ހުރީ ކަނޑުގެ އަނެއް ފަރާތުގައި އޮތް މިޞްރުގެ އަދަބިޔާ ބަނދަރަށެވެ.
"ފިލާން ދާނެ އެއްވެސް ތަނެއް ނެތި، ކަނޑުމަތީގައި ދުވެދުވެ ހުރި އޮޑިއެއްގެ ވެރި މީހާގެ އަތުން ވައްކަން ކުރާނީ ކޮންފަދަ ބޮޑު މޮޔައެއް!" އޮޑީގެ ވެރިޔާ ހަޅޭއް ލަވައިގަތެވެ.
"ކިހިނެއް ތޯ ވީ؟" އެކިއެކި މީހުން އޮޑީގެ ވެރިޔާއާ ސުވާލު ކުރާން ފެށިއެވެ.
"އަގުހުރި ޖަވާހިރުތަކުން ކުރެހުން އަޅާފައިވާ އަހަރެންގެ ޚަންޖަރު ކޮންމެވެސް މީހަކު ވަގަށް ނަގައިފި. އެހެންކަމުން އަހަންނަށް ޖެހޭނީ ކަލޭމެން އެއްމެންގެ ތަކެތި ބަލައި ފާސް ކުރާން." އޮޑީގެ ވެރިޔާ ބުންޏެވެ.
"ތުހުމަތު ކުރެވޭ ވަކި މީހަކު ނެތި، ކިހިނެއް ހަމަ އެއްމެންގެ ފޮށިދަބަސް ބަލައި ފާސް ކުރާނީ؟ ތިޔައީ ބޮޑު އިހާނާތެއް." އެ ތަނުގައި ހުރި ޠުޢުމާ ބުންޏެވެ.
"ތުހުމަތު ކުރެވޭ ވަކި މީހަކު ނެތިއްޔާ އެންމެ އިންސާފުވެރި ގޮތަކީ ވަކި މީހަކު އިސްތިސްނާ ކުރުމެއް ނެތި ހުރިހާ އެއްމެން ފާސް ކުރުން. އެހެންނަމަވެސް މި ވަގުތު އެބަހުރި ތުހުމަތު ކުރެވޭ މީހަކު. ވީމާ އަހަރެން ފާސް ކުރާނީ އެމީހާގެ ތަކެތި އެކަނި. އެމީހާ ތުހުމަތުން ބަރީއަ ވެއްޖެ ނަމަ، ދެން އެހެން މީހެއްގެ ތަކެތި ފާސް ކުރާނީ." އޮޑީގެ ވެރިޔާ ބުންޏެވެ.
"އެއީ ކާކު؟" ޠުޢުމާ އެހިއެވެ.
"އެއީ ކަލޭ!!" އޮޑީގެ ވެރިޔާ ބުންޏެވެ.
"އަހަންނޭ؟ އެއީ ކީއްވެ؟ ތުހުމަތު ކުރެވޭ ހަމައެކަނި މީހާއަކީ އަހަންނަށް ވާން ވީ؟" ޠުޢުމާ ކަންބޮޑުވެފައި ހުރެގެން އެހިއެވެ.
"ކަލޭގެ މައްޗަށް ތުހުމަތު ކުރެވުނީ ކީއް ވެގެން ކަން މި ތަނުގައި މިތިބަ އެއްމެންނަށް ވެސް އެނގޭނެ." އޮޑީގެ ވެރިޔާ ބުންޏެވެ.
"އަހަރެންގެ ތަކެތި ފާސް ކުރާކަަށް އަހަރެން ހުއްދައެއް ނުދޭނަން." ޠުޢުމާ ބުންޏެވެ.
"އޭނާ ހިފަހައްޓާ!" ފަޅުވެރީންނަށް އޮޑީގެ ވެރިޔާ އަމުރު ކުރިއެވެ. އަދި ޠުޢުމާއަށް ބުންޏެވެ. "އެއްވެސް ވަގަކު ވައްކަން ކޮށްގެން ހުރެ އޭނާގެ ތަކެތި ބަލައި ފާސް ކުރާން ހުއްދަ ދޭނެ ތަ؟ ވައްކަމުގެ ތުހުމަތެއް ކުރެވޭ އިރު، ބަލައި ފާސް ކުރުމުގެ ހުއްދަ އެ ތަނެއްގެ ވެރިޔާއަށް އޮންނާނެ. މި އޮޑީގެ ވެރިޔަކީ އަހަރެން. ވީމާ އަހަންނަށް ފާސް ކުރެވޭނެ. އަދި ފާސް ކުރުމުގެ އަމުރު ވެސް ނެރެވޭނެ." އޮޑީގެ ވެރިޔާ ބުންޏެވެ.
"އަހަރެންގެ ތަކެތި ނުހާވާ! އަހަރެންގެ ތަކެތި ނުހާވާ!" ޠުޢުމާ ހަޅޭއް ލަވަމުން ދިޔައެވެ.
"ހާދަ ބައިވަރު ދީނާރަކާއި ދިރްހަމެއް އެބަ ހުއްޓޭ! އަދި ނަވަރަންނައިގެ ހުރިހާ ޖަވާހިރެއް ވެސް ހަމަޔަށް އެބަ ހުރި. މިހާ މުއްސަނދި މީހަކު ސާހިބާގެ ޚަންޖަރު ވަގަށް ނަގާނެ ތޯ؟" ޠުޢުމާގެ ތަކެތި ފާސް ކުރަމުން ދިޔަ ފަޅުވެރިޔާ އޮޑީގެ ވެރިޔާއާ ދިމާއަށް އެނބުރިފައި ބުންޏެވެ.
"ތިޔައީ މުޅީން ވެސް ވަގަށް ނަގާފައި ހުރި ތަކެއްޗަށް ވާނީ. ރަނގަޅަށް ފާސް ކުރޭ." އޮޑީގެ ވެރިޔާ ބުންޏެވެ.
"އޭނާގެ ދަބަސްތަކާއި ފޮށި އަދި ތަންމަތި ވެސް އަހަރެން ބަލައިފިން. އޭގެ ތެރެއަކު ސާހިބާގެ ޚަންޖަރެއް ނެތް." ފާސް ކުރި މީހާ ބުންޏެވެ.
"އޭނާ އަނދެގެން ހުރި އިޒާރާއި ބޮލުގައި އޮތް ފޮށާގެ ތެރެ ވެސް ބަލާ!" އޮޑީގެ ވެރިޔާ އަމުރު ކުރިއެވެ.
"ސާހިބާ! މިއީ ތޯ ސާހިބާގެ ޚަންޖަރު. މި އޮތީ ޚަންޖަރެއް. ހިންފޮތިގަނޑު ތެރޭގައި." ޠުޢުމާގެ ކަމަރުގައި އައްސާފައި އޮތް ހިންފޮތިގަނޑުގެ ތެރެއިން ޚަންޖަރެއް ނަގަމުން ފަޅުވެރިޔާ ބުންޏެވެ.
"އާނ! ތިޔައީ. ތިޔައީ އަހަރެންގެ ޚަންޖަރު." އޮޑީގެ ވެރިޔާ ބުންޏެވެ.
"އަހަރެން ވައްކަމެއް ނުކުރަން. ތިޔަ ވާނީ ކޮންމެވެސް މީހަކު އަހަރެންގެ ހިންފޮތިގަނޑުގެ ތެރެއަށް އަހަންނަށް ނޭނގި ތިޔަ ޚަންޖަރު ލީ ކަމަށް." ޠުޢުމާ ދިޔައީ ވައްކަން ކުރި ކަމަށް އިންކާރު ކުރަމުންނެވެ.
"އިތުރު އެއްވެސް ވާހަކައެއް ބޭނުމެއް ނޫން. ވައްކަން ކުރީ ކަލޭ. ކަލެއަށް އަދަބު ލިބޭނެ." އޮޑީގެ ވެރިޔާ ބުންޏެވެ.
"ތިޔަ އުޅެނީ އަހަރެންގެ އަތް ކަނޑާން ތަ؟" ޠުޢުމާ ބުންޏެވެ.
"ނޫން. ނޫން. ނޫން. އަހަރެމެން ނޫޅެން މި އޮޑީގެ ތެރެއަށް ލޭ އޮހޮރޭ ކަހަލަ އަދަބެއް ދޭކަށެއް." އޮޑީގެ ވެރިޔާ ބުންޏެވެ.
"އަހަރެންގެ ގައިގައި ޗާބޫކުން ތަޅާން ތަ ތި އުޅެނީ؟" އަނެއްކާ ވެސް ޠުޢުމާ އެހިއެވެ.
"ކަލޭގެ ގައިގައި ތަޅައި އަނިޔާކޮށް އެ މަންޒަރު ބަލާކަށް ވެސް އަހަރެމެން ބޭނުމެއް ނޫން. އަނިޔާވެރިކަމަކީ އަހަރެމެން ލޯބި ކުރާ ކަމެއް ނޫން. ކޮންމެ ކުށަކަށް ވެސް އޮންނަ ހައްގު އަދަބު އަހަރެމެން ދޭނީ." އޮޑީގެ ވެރިޔާ ބުންޏެވެ.
"ދެން އެހެން ވީ އިރު އަހަރެންގެ އަދަބަކީ ކޮބާ؟" ޠުޢުމާ އެހިއެވެ.
"އެއީ ކަނޑުމަތީގައި ވައްކަން ކޮށްފި މީހަކަށް އަހަރެމެންގެ އާދަކާދައިގައި އޮންނަަ އަދަބު. އެ އަދަބަކީ އެމީހާގެ ތަކެތި އޮޑިއަށް ނަގާފައި. އެމީހާ ކަނޑަށް އެއްލައިލުން. އެމީހާ މަރު ނުވެ ހިކިފަސްތަނެއް އަތު ވުމަކީ އެމީހާގެ ނަސީބު. މަރުވެއްޖެ ނަމަ އެއީ އެމީހާގެ ބަދުނަސީބު. ފަޅުވެރީންނޭ! އޭނާގެ ދަބަސްތަކާއި ފޮށި އަދި ތަންމަތި ސަރަކަގެއަށް ގެންދޭ. އަދި އޮޑީގައި ތިބި ކުޑަކުދީންނަށް ނުފެންނާނޭ ހެން އޭނާގެ މައްޗަށް އަދަބު ތަންފީޒު ކުރޭ." އޮޑީގެ ވެރިޔާ ބުންޏެވެ.
"ނޫން. ތިޔަހެން ނަހަދާ. އަހަންނަކަށް ފަތާކަށް ނޭނގޭ. އަދި އެ ރަނގަޅު ސުލާލަތުގެ އަތުން އަހަރެން ނެގި ފައިސާތަކާއި ޖަވާހިރުތައް އަހަންނަށް ބޭނުން ނުކުރެވުނު ތާނގައި އޭނާއަށް ވެސް ގެއްލުނީ." ޠުޢުމާ އާދޭސް ކުރަމުން ބުންޏެވެ.
"ސުލާލަތު ބިންތު ސަޢުދް ތަ؟ އަހަރެމެން ވަގުންގެ ކިބައިން އޮޑިޔަށް ހިފަނީ އޭނާގެ އަތުގައި ހުރި ތަކެތީގެ ތެރެއިން ކާކުގެ ތަކެތި ކަން ނޭނގޭ ތަކެތި. ކާކުގެ ތަކެތި ކަން އެނގޭ ތަކެތި އެ ތަކެތީގެ ވެރި ފަރާތަށް ރައްދު ކުރަމު. މީހުންގެ މިލްކިއްޔާތަށް އަރައިގަތުމަކީ އަހަރެމެން ކުރާ ކަމެއް ނޫން." އޮޑީގެ ވެރިޔާ ބުންޏެވެ. "ފަޅުވެރީންނޭ އަދަބު ތަންފީޒު ކުރޭ!"
ޠުޢުމާ ހަޅޭއް ލަވަލަވައި އޮއްވާ ފަޅުވެރީން އޭނާގެ ގައިގައި ހިފައިގެން ދަމަމުން ގޮސް އޮޑީގެ ދިރުނބާ ކޮޅުން ކަނޑަށް އެއްލައިލިއެވެ.
*****
"ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 115 ވަނަ އާޔަތާއި 116 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުތަކުގެ މާނައިގައި ވަނީ މިހެން. - އަދި، އެމީހަކަށް ތެދުމަގު بيان ވުމަށްފަހު، رسول އާއާ ދެކޮޅުވެރިވެ، مؤمن ންގެ މަގު ނޫން މަގަކަށް تبع ވާމީހާ (ދަންނާށެވެ!) އެމީހާ اختيار ކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. (115) ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ. (116) - ޞަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ޞަދަޤަ ﷲ އަލްޢަޡީމް." ސަލްމާ ވިދާޅުވިއެވެ.
"ކާފާ ޠުޢުމާ ކަނޑަށް ޣަރަޤު ވެގެން މަރު ވީ ތަ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.
"ތާރީޚު ފޮތްތަކުގައި މި ވާހަކައިގެ ނިމުން ތިން ގޮތަކަށް ރިވާވެގެން އައިސްފައި ވޭ. އޭގެ ތެރެއިން އެއް ރިވާޔަތުގައި ވާ ގޮތުން ޠުޢުމާ ކަނޑަށް ޣަރަޤު ވެގެން މަރުވީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ދެވަނަ ރިވާޔަތުގައި ވާ ގޮތުން ވާހަކައިގެ ނިމުން އަންނަނީ ކިހިނެއް ތޯ؟" އަމީރު މުޙައްމަދު ޞަފިއްޔުއްދީނު އެއްސެވިއެވެ.
"ދެވަނަ ރިވާޔަތެއްގައި ވާ ގޮތުން ޠުޢުމާ މައްކާއިން ފައިބައިގެން ދިޔައީ ޠާއިފަށް. ޠާއިފުގެ ދުވަސްވީ ގެޔަކުން ވައްކަން ކުރަން އުޅެނިކޮށް އެ ގޭގެ ފާރުތައް ވެއްޓި ފާރުގެ ހިލަތަކުގެ ދަށުގައި ވެގެން ބޯ ފަޅައިގެން ގޮސް އޭނާ މަރުވީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކޮބައިތޯ ތިންވަނަ ގޮތަކީ؟" އަމީރާ ޞަފާ އެއްސެވިއެވެ.
"ތިންވަނަ ރިވާޔަތެއްގައި ވާ ގޮތުން މައްކާއިން ފައިބައިގެން ގޮސް ޠުޢުމާ އުޅުނީ ޙައްރަތު ބަނީ ސުލައިމް ކިޔޭ ތަނެއްގައި. އެ ތަނުގައި އޭނާ މަރުވާން ދެން އުޅުނީ. އަދި މަރުވެގެން ދިޔައީ ޣައިރު މުސްލިމެއްގެ ގޮތުގައި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ބައްޕާ! ތިންވަނަ ރިވާޔަތުގައި ވާ ނިމުމުގައި އޭނާ މަރުވެގެން ދިޔައީ އާދައިގެ މަރަކުން ނޫން ތޯ؟ ވީ އިރުު ޠުޢުމާއަކަށް އޭނާ ކުރި ކަންތަކުގެ އަދަބެއް އަދި ގެއްލުމެއް ނުލިބުނެއް ނޫން ތޯ؟" ސަލްމާ ވިދާޅުވިއެވެ.
"އެއީ ކީއްވެގެން؟ ޣައިރު މުސްލިމެއްގެ ގޮތުގައި މަރުވުމަށް ވުރެ ބޮޑު ގެއްލުމަކީ ކޮބާ؟ ދުނިޔޭގެ ކަނޑުގައި ޣަރަޤު ނުވި ނަމަވެސް އޭނާ ވީ ކުށާއި ފާފައިގެ ކަނޑުގައި ޣަރަޤު ވެފައި. އަދި ބޯ ފަޅައިގެން މަރު ނުވި ނަމަވެސް އޭނާގެ ބޮލަކީ އެއިން ފައިދާއެއް ކުރި ބޮލެއް ނޫން. އޭނާއަކީ ނުބައި، ދޮގުވެރި އަދި ފާފަވެރި ނިތްގަނޑެއްގެ ވެރިއެއް. ތައުބާ ވުމެއް ނެތި ޣައިރު މުސްލިމެއްގެ ގޮތުގައި މަރުވުމަށް ވުރެ ބޮޑު ބަދުނަސީބެއް ނޯންނާނެ. އެހެނީ ދެން އޭނާ ކުރިމަތިލާން ޖެހޭނީ ފުރަތަމައަށް ކަށްވަޅުގެ އަޒާބާ. ދެން ނަރަކައިގެ ވޭން ދެނިވި އަޒާބާ. ހިނގާ އަވަހަށް ނިދާން ދަމާ. މާދަަމާ މި ކާފަ ވެސް އެބަ ޖެހޭ ތިޔަ ކުދީންގެ އަނެއް ކާފަގެ އަރިހަށް ގަނޑުވަރަށް ދާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އަހަރެމެން ބޭނުން ދުވަސްކޮޅަކު މިގޭގައި ތިބެލާން." އަމީރު މުޙައްމަދު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"މި ގޭގައި މަޑު ކުރެވެނީ ގަނޑުވަރަށް ގޮސް ތިޔަ ކުދީންގެ ބައްޕާފުޅާ ތިޔަ ކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު ބައްޕާފުޅުގެ ހުއްދަ ލިބިގެން." ސަލްމާ ވިދާޅުވިއެވެ.
- ނުނިމޭ -