04 May 2020, 00:20
މާލޭ ސިޓީ ލޮކްޑައުންކޮށްފައި އޮތް ހާލަތުގައި، މިހާރު ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ވިޔަފާރިކުރަން ފިހާރަތަކަށްދާން ބޭރަށް ނުކުންނަ މީހުންގެ ފަރާތުން ކަމަށާއި، އެހެންކަމުން އެކަމަށް ސަމާލުވުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.
މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި ވިޔަފާރި ކުރުމަށް ފުލުހުން އަންނަނީ، އުސޫލުތަކެއްގެ ދަށުން ރައްޔިތުންނަށް ހުއްދަ ދޫކުރަމުންނެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ވިޔަފާރިކުރަން ބޭރަށް ނުކުންނަ ފަރާތްތަކުން ކަންތައްތަަކަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިިފައެވެ.
"އެއީ މިހާރު ލޮކްޑައުންގެ ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރުމަށް ހުޅުވިދާނެ މަގަކީ ޝޮޕިން އަށް ނުކުމެ އުޅުއްވާ ބޭފުޅުންގެ ފަރާތުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެހެންކަމުން އެއްޗެހި ގަންނަން ފިހާރައަށް ދާ މީހުން، ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި، މާސްކް އަޅައިގެން ފިހާރައަށް ދިއުމަށާއި، ފިހާރަކޮށް ނިމިގެން ގެއަށް ވަންނަ ގޮތަށް އަތް ދޮވެ ސާފުކުރަން ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ގަންނަ ތަކެއްޗަކީ ސާފުކުރެވޭ ކަހަލަ އެއްޗަކަށް ވާނަމަ، ސާފުކޮށްލުމަށާއި، ރެޑީމޭޑް އެއްޗެއް ނަމަވެސް، ގޭގައި ހުންނަ ކޮންޓެއިނަރަކަށް އެ ބަދަލުކޮށް، ފިހާރައިން ގެނައި ޕެކޭޖިން ރައްކާތެރިގޮތުގައި އެއްލައިލުމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އަދި އެއަށްފަހު ވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް ހަނދާންކޮށްދެއްވިއެވެ.
މިރޭގެ ޕްރެސްގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ގެއަށް ޑެލިވަރީކުރާ އަދަދު މަދުކުރުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.
"އޭގެ މާނައަކީ ޑެލިވަރީއެއް ކުރާ ކޮންމެ ފަހަރަކު، އެކަން ކުރެވޭ ގޮތަށް އޮތިއްޔާ ގިނަ އަދަދަށް ތަކެތި ހޯދުން. އޭރުން އެ އިންޓަރެކްޝަން މަދުވާނެ ޑެލިވަރީ ކުރަން އަންނަ މީހަކާ،" މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 527 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ޑެލިވަރީ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް މީހުން ވެސް ހިމެނެއެވެ.