"ކާފަމެންގެ ކުޑައިރުގެ ހަނދާންތަކާއި ކާފައަށް ފެނުނު ހިތްހަމަ ޖެހޭ ކަންކަމާއި ހަނދާނުން ފިލުވާލަން ދަތި ކަންކަން ވެސް އަޑު އަހާލަން ބޭނުން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ލައްބަ ދަރިފުޅާ! އަޑު އަހާ! ކާފަމެން ކުޑަ އިރު އުޅުނީ ބޮޑު ޝަހަރެއްގައެއް ނޫން. މީހުން މަދު ކުޑަކުޑަ އަވަށެއްގައި. އެއީ ވަރަށް އަމާން އަދި ސުލްހަވެރި މާހައުލެއް. ކުޅިވަރުތަކުގެ ގޮތުގައި އޮންނަނީ އަސް ދުއްވުމާއި އަމާޒަށް ތީރު ޖެހުމާއި ފެތުމާއި ބަނޑުމުސާރައަށް ހިފުމާއި ކަނޑިހަނގުރާމައިގެ ހުނަރުތައް ދައްކައިލުން. ބޮޑެތި މީހުންނާއި ޒުވާނުން ޝިކާރައަށް ދާނެ. ޝިކާރަކޮށްގެން މަޝްވީ ހަދައިގެން ކެއުން. ރޭގަނޑު ނިދުމުގެ ކުރީން ވާހަކަ ކިޔާ މީހަކު ލައްވައި ވާހަކަ ކިޔުއްވުމަކީ ފޯރުންތެރިކަން ހުންނަ ގޭގޭގައި އޮންނަ ކަަމެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފަމެން ކައި އުޅުނީ ކޮން އެއްޗެއް ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.

"އާއްމު ކެއުމަކަށް ހުންނާނީ ސަޔާއި ޕާނާއި ޕަނީރާއި ޒައިތޫންޏާއި ކިރު އަދި ދަހީ. ދެން ކޮންމެ ގެއެއްގައި ވެސް ކަދުރާއި ބޯފެން ހުންނާނެ. ކާނެ އެހެން އެއްޗެއް ނެތިއްޔާ ހުރިހާ ވަގުތަކު ވެސް ކާނާއަކީ ކަދުރާއި ފެން. ތަންކޮޅެއް ފޯރުންތެރިކަން ބޮޑެތި މީހުންގެ ގޭގޭގައި މާމުޔާއި ޒަބީބު ހުންނާނެ. ދެން ތަފާތު ވައްތަރުގެ ބަދަނާއި ހިއްކައިފައި ހުންނަ މޭވާގެ ބާވަތްތައް ހުންނާނެ. އެއްމެން ވެސް މަސް ކާނީ ވަރަށް މަދުން. ޝިކާރަ ކުރުމަކަށް ފަހު، ނުވަތަ ކޮންމެވެސް މުނާސަބަތެއްގައި. ޒަބީބު ހުންނަ ގޭގޭގައި ޒަބީބުން އަދި ޒަބީބު ނުހުންނަ ގޭގޭގައި ކަދުރުން ހެދުނަށް އާދައިގެ ނަބީޒު ތައްޔާރު ކުރުމަކީ ވަރަށް ގިނައިން ކުރާ ކަމެއް. ދެން ވަރަށް ގިނައިން ވައްތީނި ބޭނުން ކުރޭ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެންވީމާ ކާން ހުންނަނީ ވަރަށް މަދު ބާވަތްތަކެއް ތާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ.

"ލައްބަ ދަރިފުޅާ! އިންސާނާ ކާން ޖެހެނީ ދިރި ހުރުމަށް. ދިރިހުންނަނީ ކާކަށް ނޫން. ކާން ޖެހޭނީ ބޭހެއްގެ ގޮތުގައި. އެހެންނޫނީ ކާނާއެއްގެ ގޮތުގައި ބޭސް ބޭނުން ކުރާން ޖެހިދާނެ. ކާފަމެން ކުޑައިރު ކެއުމަށް ބޭނުން ކުރި ތަކެތީން ފުދޭ. އަދި ހިތްހަމަ ޖެހޭ. އިންސާނާގެ މައިގަނޑު ކެއުމަކަށް ވާން ވާނީ ގަސްގަހާ ގެހީން ލިބޭ ތަކެއްޗާއި ކިރުގެ ބާވަތްތައް. މަހުގެ ބާވަތްތައް ބޭނުން ކުރާން ޖެހޭނީ މަދުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފަމެން ތިބޭ ހިސާބަށް އެހެން ތަންތަނުން މީހުން އާދޭ ތޯ؟" އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.

"ލައްބަ ދަރިފުޅާ! ބޮޑެތި ޝަހަރުތަކުން ބޭރުގައި ހުންނަ ކުދިކުދި އަވަށްތައް ނުވަތަ ބާދިޔާތައް އާއްމުކޮށް ހުންނަނީ ދަތުރު ކުރާ ކޮންމެވެސް މަގަކާ ކައިރީގައި. އެހެންކަމުން ދަތުރުވެރީން އައިސް ވަރަށް ގިނައިން މަޑު ކުރާނެ. ބާދިޔާތަކުގެ އަހުލުވެރީންނަކީ ރައްހާލުންނާއި ދަތުރުވެރީންނާއި ޒިޔާރަތްކުރާ މީހުންނާއި މެހުމާނުންނަށް ހެޔޮކޮށް ހިތުމުގައި ލާމަސީލު ބައެއް. ކޮންމެ މީހަކަށް ވެސް ބޯފެނާއި ކަދުރު ނޫނީ ހަލުވާއާއި ސައި ނޫނީ ގަހުވަ ދިނުމަކީ އާދައެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފަ ކުޑަ އިރު އެންމެ އުފާވަނީ ކޮން ކަމަކުން. އަދި އެންމެ ހަނދާން ހުންނަނީ ކޮން ކަމެއް؟" އަމީރު މުޙައްމަދުު އެއްސެވިއެވެ.

"އެންމެ އުފާވަނީ ކާފަގެ ކާފައާއި މާމަ ވާހަކަ ކިޔައި ދިނުމުން. އެންމެ ހަނދާން ހުންނަނީ ކާފަގެ ކާފައާ އެކު އެ ކާފަގެ ދަނޑަށް ދެވޭ ދުވަސްތައް. އެ ތަނުގެ ކައިރީގައި އޮންނަ ބޮޑު ފެންގަނޑަކަށް އެރި ފަތާން ދަސް ކުރުން ވީ ވަރަށް ހިތްގައިމު ކަމަކަށް." ޞަފިއްޔުއްދީީނު ވިދާޅުވިއެވެ.

"ކާފަމެން ކިޔަވަނީ ކިހިނެއް؟ މަދަރުސާއަށް ދިއުން އޮންނަނީ ކިހިނެއް؟" އަމީރާ ޞަފާ އެއްސެވިއެވެ.

"އޭރުގެ ކިޔެވުން އޮންނަ ގޮތަކީ، ލިޔާން ކިޔާން ދަސް ކުރުމަށް ފަހު ހިސާބު ޖަހާން ދަސް ކުރަނީ. ދެން ދީނުގެ ކަންކަން ދަސް ކޮށް ދީނުގެ ފޮތްތައް ކިޔާނެ. ދެން ޅެން ކިޔޭތޯ ބަލާނެ. ބައެއް މީހުން ވާހަކަ ކިޔާން ދަސް ކުރާނެ. މިއަށް ވުރެ އިތުރު ކިޔެވުމެއް ނޯވޭ. ކާފަ ފަހުން ކިޔެވީ އިސްތަންބޫލަށް އައިސް. އަރަބި ބަހާއި އަރަބި ބަހުގެ އިލްމުތަކާއި އިސްލާމް ދީނުގެ އިލްމުތައް. ދެން ސަރިޔަތް ކުރުމުގެ އުސޫލުތަކުން ތަހައްސުސް ވީ." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ އަހަރެމެންގެ ބަހަކީ ތުރުކީ ބަހެއް ނު. ކީއްވެ އަހަރެމެން އަރަބި ބަސް ދަސް ކުރަނީ؟" އަމީރު މުޙައްމަދު ސުވާލު ކުރެއްވިއެވެ.

"ޢަރަބި ބަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުމަށް ﷲ އިޚްތިޔާރު ކުރެއްވި ބަސް. ﷲ ގެ އިޚްތިޔާރަށް ވުރެ ރަނގަޅު އިޚްތިޔާރެއް ނޯންނާނެ. އިންސާނުންނަށް އެ އިލާހުގެ ރިސާލަތު ބަޔާން ކޮށް ދެއްވުމަށް ﷲ އިޚްތިޔާރު ކުރެއްވި ބަހަށް ވުރެ މޮޅު އަދި ފަސޭހަ ބަހެއް ކަންކަން ބަޔާން ކުރުމަކަށް ނޯންނާނެ. ޢަރަބި ބަހަކީ އިލްމުތަކުގެ ތަޅުދަނޑި. ޢަރަބި ބަހުން ވާހަކަ ދެއްކުމަކީ އެންމެ ބޮޑު ސުންނަތް. ޢަރަބި ބަހުން ވާހަކަ ދެއްކުމަކީ ވިސްނުން ތަރުތީބު ކުރާން އެނގި، ހަމަނުޖެހޭ ވާހަކަތަކުން މީހާގެ ދޫ ސަލާމަތް ކުރުވާ ކަމެއް. އަދި ހަމަ އެހެންމެ ސަލާމް ލެއްވި އާދަމުގެފާނުގެ ބަހަކީ ޢަރަބި ބަސް. އެހެން ބަސްތައް އުފެދި ކަފި ވެގެން ދިޔައީ ޢަރަބި ބަހުން. އެހެންކަމުން އިންސާނުންގެ އަސްލު ބަހަކީ އަރަބި ބަސް." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެންވީއިރު އަޅުގަނޑުމެން ތުރުކީ ބަސް ދޫކޮށްލާން ވީތޯ؟" އަމީރު މުޙައްމމަދު ސުވާލު ކުރެއްވިއެވެ.

"ނޫން. ކޮންމެ މުޖުތަމައެއްގައި ވެސް އާއްމުން ވާހަކަ ދައްކާ ބަސް އެ މުޖުތަމައެއްގައި ދިރިއުޅޭ ބަޔަކު ނަމަ ރަނގަޅަށް ދަސް ކުރާން ޖެހޭނެ. ހާއްސަކޮށް ވެރީންނަށް އާއްމުންގެ ބަސް އެނގޭން ޖެހޭނެ. ދަރިފުޅުމެންނޭ މަޣުރިބު ނަމާދުގެ ވަގުތު ގާތް ވެއްޖެ. ކާފަ މި ދަނީ މިސްކިތަށް. ހުއްރާސުންނާ ނުލައި އަމީރުން އާއްމު ތަންތަނަށް ގެންދިއުމަކީ މަނާ ކަމެއް ނޫން ނަމަ ކާފަ މިސްކިތަށް ދިޔައީހީ ދަރިފުޅު ގޮވައިގެން." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ލައްބަ ކާފާ! އަމީރެއްގެ ގޮތުގައި އުޅުމަކީ އުނދަގޫ ކަމެއް." އަމީރު މުޙައްމަދު ވިދާޅުވިއެވެ.

ގާޒީ ޞަފިއްޔުއްދީނު ވަޑައިގަތީ މިސްކިތަށެވެ. އަމީރު މުޙައްމަދާއި އަމީރާ ޞަފާ ގޮވައިގެން ސަލްމާ ވަޑައިގަތީ ގޭގެ މާބަދުގެއަށެވެ. މާބަދުގެއަކީ ގޭގެ އަހުލުވެރީން ނަމާދުކޮށް ޤުރްއާން ކިޔަވައި ޒިކުރު ކުރުމަށް ތިބޭން ހަދައިފައި ހުންނަ ނަމާދުގެއެވެ.

ގާޒީ ޞަފިއްޔުއްދީނު އެނބުރި ގެއަށް ވަޑައިގަތީ އިޝާ ނަމާދު ކުރައްވައިގެންނެވެ. ޞަފިއްޔުއްދީނު ބޮޑުކޮޓަރިއަށް ވެންނެވި އިރު ސަލްމާއާއި ޞަފާއާ ތިއްބެވީ އަމީރު މުޙައްމަދާއި ޒަޣުލޫލު ރާޒުވާ ކުޅޭން ތިބި ތަން ބެއްލެވުމަށެވެ. ސަލާމް ގޮވައިލެއްވުމަށް ފަހު ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ދަރިފުޅާ! ޒަޣުލޫލު ވަރަށް މޮޅުވާނެ ރާޒުވާ ކުޅޭން."

"ކާފާ! އެކަމަކު ކޮންމެ ފަހަރަކު ބަލިވަނީ ޒަޣުލޫލު." އަމީރު މުޙައްމަދު ވިދާޅުވިއެވެ. އެ ވަގުތު ޒަޣުލޫލު ގާޒީ ޞަފިއްޔުއްދީނުގެ މޫނަށް ބަލާލާފައި ހީނ ލިއެވެ. ޒަޣުލޫލުގެ ހީނ ލުމުގެ މަތުލަބު އެނގިވަޑައިގަތުމާ އެކު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެހެންތަ! އެހެންވީމާ ދަރިފުޅު ހާދަ މޮޅޭ. ރާޒުވާއަކީ ސިޔާސީ ކުޅިވަރެއް. ކޮންމެ ފަރުދަކު ވެސް ބޭނުން ކުރާން ޖެހޭ ވަގުތު އަދި ބޭނުން ކުރާން ޖެހޭ ތަނުގައި ބޭނުން ނުކުރާ ނަމަ އެ ވާނީ ބޭކާރު ކަމަކަށް. އަދި ރަނގަޅަށް އެ ފަރުދެއްގެ ރައްކާތެރިކަން ކަށަވަރު ނުކުރެވިއްޖެ ނަމަ އެ ފަރުދަކު ބީ ވުމަކީ ވެސް ކުރިމަތި ލާން ޖެހޭނެ ކަމެއް." ރާޒުވާގެ ފަލްސަފާއަކީ ކޮބައިކަން ގާޒީ ޞަފިއްޔުއްދީނު ވިދާޅުވެދެއްްވިއެވެ. އަދި ވިދާޅުވިއެވެ. "ރާޒުވާގެ ތިޔަ ބާޒީ ނިމުމުން ހިނގާ އަޝާ ކުރާން ދާން."

ގާޒީ ޞަފިއްޔުއްދީނު އެހެން ވިދާޅުވިތާ އިރުކޮޅަކުން ޒަޣުލޫލަށް ހިންގައިލެވުނު ކުޅިއަކުން ލިބުނު ފުރުސަތުގައި އަމީރު މުޙަައްމަދު "ޝާހު މާތަ!" ކިޔުއްވިއެވެ. އަދި މި ކިޔުއްވި ސަޔަކީ ސައި ފިލުވޭނެެ ގޮތެއް ނެތް ގޮތަށް ކިޔުއްވި ސަޔެއް ކަމުން ރާޒުވާގެ އެ ބާޒީީ އެ ހިސާބުން ނިމުނެވެ.

ކާކޮޓަރިއަށް ގޮސް އަޝާ ކޮށްގެން، ސަލްމާއާއި ސަލްމާގެ ބޭފުޅުން ގޮވައިގެން ގާޒީ ޞަފިއްޔުއްދީނު ވަޑައިގަތީ ގޭގެ ޗަތުމައްޗަށެވެ.

"ކާފާ! މިރޭ ކިޔައިދެއްވާނީ ކޮން ވާހަކައެއް ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.

"މިރޭ ކިޔައިދޭނީ އާދަމުގެފާނުގެ ވާހަކަ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އަދި ވާހަކަ ކިޔައި ދެއްވާން ފެށްޓެވިއެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމުގެފާނުން ޚަލްޤު ކުރެއްވުމަށް އިރާދަ ކުރެއްވުމާ އެކު މަލާއިކަތުންނަށް ޥަޙީ ކުރެއްވި. - ހަމަކަށަވަރުން ތިމަން އިލާހު ބިމުގައި ޚަލީފާއަކު ލައްވާ ހުށީމެވެ. މަލާއިކަތުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބައިލާހަށް حمد އާއެކު تسبيح ކިޔައި، އިބައިލާހަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އެ ބިމުގައި އިބަ އިލާހު ލައްވަނީތޯއެވެ؟ އެއިލާހު وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަން އިލާހު ދެނެވޮޑިގެންވަމެވެ."

*****

އާދަމުގެފާނަކީ ބިމުގެ ޚަލީފާއެއްގެ ގޮތުގައި ލެއްވުމަށް ބިމުގެ މަށީން ޚަލްޤު ކުރެއްވުނު ބޭފުުޅެކެވެ. އާދަމުގެފާނަކީ އިންސާނީ ދަރިފަސްކޮޅުގެ ފެށުމެވެ.

ކީރިތި ޤުރްއާނުގައި އާދަމުގެފާނު ޖަންނަތެއްގައި ލެއްވުނު ވާހަކަ އަންނާތީ ބައެއް އިލްމުވެރީން އެ ޖަންނަަތަކީ ސުވަރުގެ ކަމަށް ވިދާޅުވެއެވެ. އަނެއް ބައި އިލްމުވެރީންގެ ތަފްސީރުގައި ވާ ގޮތުން ކީރިތި ޤުރްއާނުގައި ބިމުގެ ބަގީޗާތަކަށް ވެސް ޖަންނަތު ކިޔައިފައި ވާތީ އެއީ ބިމުގައި ވި ޖަންނަތެކެވެ.

އެ ޖަންނަތަކީ ސުވަރުގެ ކަމަށް ވިދާޅުވާ ބޭފުޅުން ޤުރްއާނުން އެ ކަމަށް ނަންގަވާ އެންމެ ބޮޑު ދަލީލަކީ އެ ޖަންނަތުން ފައިބާށޭ ވަހީ ކުރައްވައި "އިހްބިޠޫ"އޭ ޥަޙީ ކުރައްވައިފައި ވާތީއެވެ. އެއީ ބިމުގެ ޖަންނަތެއް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި "އިހްބިޠޫ" އަކީ ކީރިތި ޤުރްއާނުގެ ބަސްކޮށާރަށް ބަލާއިރު،، މަތީން ތިރިއަށް ފޭބުމުގެ މާނަ އެކަނި އޮތް ކަލިމައެއް ނޫނެވެ. އެހެނީ ބަނީއިސްރާއީލުގެ މީހުން މަންނައާއި ސަލްވާގެ ބަދަލުގައި އެހެން ތަކެއްޗަށް އެދޭން ފެށުމުން، އެ ތަކެތި ހޯދުމަށް ބޮޑު ރަށަކަށް ފައިބާށޭ ވަހީ ކުރެއްވީ ވެސް "އިހްބިޠޫ" މި ކަލިމައިންނެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ބިމުގެ ޚަލީފާއެއްގެ ގޮޮތުގައި ޚަލްޤު ކުރެއްވުނު ބޭފުޅަކު ބިމަށް ފޮނުއްވާނީ ސުވަރުގޭގައި ހުންނެވުމަށް ފަހު ކުށެއް ކުރައްވައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ﷲ އާދަމުގެފާނު ޚަލްޤު ކުރެއްވުމަށް ފަހު ވާހަކަ ދެއްކެވުމުގެ ކުޅަދާނަކަން ދެއްވައި ތަކެއްޗަށާއި ކަންކަމަށާއި މީހުންނަށާއި މަފްހޫމުތަކަށް ނަން ކިއުމުގެ ގާބިލުކަން ދެއްވިއެވެ. އަދި މައްކާގެ ބިމުގައި ގެފުޅު ހުންނަ ތަނުގައި އެ ކަލޭގެެފާނަކީ ގިބުލައެއް ކަމުގައި ލައްވައި އެ ކަލޭގެފާނުގެ ވަށައިގެން މަލާއިކަތުން ތިިއްބަވައިގެން ސަޖިދަ ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. މިއަދު ގެފުޅުގެ ވަށައިގެން އަހަރެމެން ނަމާދުކޮށް ސަޖިދަކޮށް މި ހަދަނީ ވެސް ހަމަ އެ ގޮތުންނެވެ. އެ ދުވަހު މަލާއިކަތުން ވެސް ސަޖިދަ ކުރެެއްވީ އާދަމުގެފާނަކަށް ނޫނެވެ. ﷲ އަށެވެ. އެކަލޭގެފާނު ވެވަޑައިގަތީ ގިބުލައަކަށެވެ. މިއަދު އަހަރެމެން ވެސް ސަޖިދަ ކުރަނީ ގެފުޅަކަށް ނޫނެވެ. ﷲ އަށެވެ. ގެފުޅަކީ ގިބުލައެވެ.

މައްކާއާއި އަރަފާތާއި މުޒްދަލިފާއާއި މިނާއަކީ އާދަމުގެފާނާއި ޙައްޥާގެފާނުގެ ޒިކުރާ އާ ކޮށްދޭ ތަންތަނެވެ. ޢަރަފާތަކީ ޙައްޥާގެފާނު ޚަލްޤު ކުރެއްވުމަށް ފަހު އެކަމަނާއާއި އާދަމުގެފާނާ ބައްދަލުވެ ތަޢާރަފު ވީ ތަނެވެ.

ގެފުޅަކީ މި ބިމުގައި އިންސާނުންނަށް ޓަކައި ލެއްވުނު ފުރަތަމަ ގެއެވެ. ސަލާމް ލެއްވި އާދަމުގެފާނާއި ޙައްޥާގެފާނު އުޅުއްވީ އެ ގެފުޅުގައެވެ. ގެފުޅަކީ މިސްކިތެއް ނޫނެވެ. މިސްކިތަކީ ގެފުޅުގެ ވަށައިގެން ގެފުޅުން ބޭރުގައި ވާ މުސައްލައެވެ. އެ މިސްކިތުގެ ގިބުލައަކީ ގެފުޅެވެ.

އެހެންކަމުން މައްކާއަކީ ހުރިހައި އިންސާނުންގެ ވެސް މައިފުނައެވެ. މައްކާއަށް ޒިޔާރަތް ކުރުމަކީ އިންސާނީ ދަރިފަސްކޮޅުގެ ބައްޕަގެ އުފަން ބިމަށް ޒިޔާރަތް ކުރުމެވެ. އެހެންކަމުން އެ ގޮތުން މައްކާއަކީ ހުރިހާ އިންސާނުން ވެސް އެ ބިިމަކަށް ނިސްބަތްވާ ބިމެކެވެ.

މައްކާއަކީ "އުއްމުލްޤުރާ"އެވެ. މާނައަކީ "ރަށްތަކުގެ މަންމަ" އެވެ. މައްކާއަކީ ކުރީން ފެހިކަމާއި ފެންކޯރުތައް އޮތް ބަގީޗާ ބިމެކެވެ. ގިޔާމަތް ވުމުގެ ކުރީން އަލުން އެ ބިންތައް ފެހިވެ ފެން ކޯރުތައް ހިނގައި ބަގީޗާތަކަކަށް ވާނޭ ކަން މާތް ރަސޫލާގެ ބަސްފުޅުތަކުން އެނގެއެވެ.

ﷲ މަނާ ކުރެއްވި ގަހުން މޭވާ ފަރީއްކުޅުއްވުމާ ގުޅިގެން ﷲ އާދަމްގެފާނާއި ޙައްވާގެފާނަށް އެންގެވީ އެ ބިމުން ފޭބުމަށެވެ. އަދި އެ ބިމުގެ ފެހިކަމާއި އާބީ ތާޒާކަން ވެސް ގެންދެވިއެވެ.

އާދަމުގެފާނަށް ބިމުން ފައިބާން އެންގެވުމުން އެ ބިމާއި ގެފުޅު ދޫކޮށް ދާން ޖެހޭތީ ހިތާމަފުޅު ކުރައްވަމުން ގެފުޅާ ދުރަށް ވަޑައިގަތުން އުުނދަގޫފުޅު ވެގެން އާދަމުގެފާނުގެ ގެފުޅުގެ ވަށައިގެން ހަތް ބުރު ޖެއްސެވިއެވެ. މިއަދު އަޅުގަނޑުމެން މި ކުރާ ޠަޥާފަކީ އެ ހަތް ބުރުގެ ޒިކުރާއެކެވެ.

މައްކާއިން ފައިބާ ވަޑައިގެން އެ ބޭފުޅުން ވަޑައިގަތީ ޖިއްދާއަށެވެ. އާދަމުގެފާނުގެ ހުރިހާ ބޭފުޅުން އުފަންވެ ވަޑައިގަތީ ޖިއްދާގައެވެ. ޙައްޥާގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވާ މަގުބަރާ މިއަދުވެސް ޖިއްދާގައި ފެންނާން އެބަ ހުށްޓެވެ. ޖިއްދާ މި ކަލިމައިގެ އަސްލަކީ "ޖައްދާ"އެވެ. މާނައަކީ "މާމަ" އެވެ. އެ ނަން ކިޔައިފައި ވަނީ ހުރިހައި އިންސާނުންގެ މާމަ ޙައްޥާގެފާނަށް ނިސްބަތް ކޮށެވެ.

- ނުނިމޭ -