ބެއިޖިން (މެއި 4): ޗައިނާގައި މިއަހަރު ފަސް ދުވަހަށް ފާހަގަ ކުރާ މޭޑޭ ޗުއްޓީގެ ފުރަތަމަ ތިން ދުވަސް ތެރޭ އެގައުމުގެ އެތެރޭގައި ފަތުރުވެރިން ކުރި ދަތުރުތަކުގެ އަދަދު 85 މިލިއަނަށް އަރައިފި ކަމަށް ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓުއަރިޒަމްއިން ބުނެފި އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ޗައިނާއިން އެ ޗުއްޓީ ފަށާފައިވަނީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، ޕާކުތަކާއި ދާރުލްއާސާރުތައް ހުޅުވަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެތަންތަން ހުޅުވަމުން ދަނީ ހާއްސަ ގަވާއިދުތަކާއެކުގަ އެވެ.

އެގޮތުން ޕާކުތަކަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބެލުމާއި އެފަދަ ތަންތަނަށް އެއް ފަހަރާ ވަދެވޭ މީހުންގެ އަދަދާއި ހުޅުވާފައި ހުންނަ ގަޑިތައް މަދު ކުރުން ހިމެނެ އެވެ.

ޗައިނާގެ ޓުއަރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އެކަނިވެސް އެގައުމުގެ އެތެރޭގައި ފަތުރުވެރިން މަތިންދާބޯޓާއި ރޭލާއި ބަހާއި ފެރީން 30.94 މިލިއަން ދަތުރު ކުރި އެވެ. އަދި ފާއިތުވި ތިން ދުވަސް ތެރޭ އެގައުމަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 4.97 ބިލިއަން ޑޮލަރު ލިބިފަ އެވެ.

ޗައިނާގެ ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ އެނޭލިސިސް އިން ލަފާ ކުރާ ގޮތުގައި ލޮކްޑައުން ތެރޭގައި ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިޔައީ ކޮންމެ ދުވަހަކު އެވަރެޖުކޮށް 1.4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބެމުންނެވެ.

ޗައިނާގައި ދަތުރުފަތުރަށް ހުއްދަ ދިން ނަމަވެސް، އެގައުމުން ވަނީ އަދި ދިގު ދަތުރުތައް މީހުން ނުކުރުމަށާއި އެމީހަކު ދިރިއުޅޭ ސިޓީ ނުވަތަ ޕްރޮވިންސުގައި ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގެއިން ބޭރުގައި އުޅޭ އިރު މާސްކު އަޅައިގެން ތިބުމަށާއި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް އަންގާފަ އެވެ.

މީގެ އިތުރުން، ބޭރު ގައުމުތަކުން ޗައިނާއަށްދާ މީހުންގެ ފަރާތުން އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ޗައިނާއިން އަދިވެސް އޮތީ އިންޓަނޭޝަނަލް ފްލައިޓުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކަމަށް ބެލެވޭ ކޮރޯނާވައިރަހަށް ޗައިނާގައި މިހާތަނަސް 82،800އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި 4،633 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މިހާރު އެގައުމުގައި ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން އެގައުމުން ހޮނިހިރު ދުވަހު ފެނިފައި ވަނީ ވައިރަހުގެ ދެ ކޭސް އެވެ. އަދި އެގައުމުން ބަލީގައި މީހަކު މަރުވިކަން އެންމެ ފަހުން ރިޕޯޓު ކުރި މިދިޔަ މަހުގެ 27ގަ އެވެ.