ދަހޭގް (6 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށް ޚާއްސަކޮށްގެން ހޮލެންޑް (ނެދާލޭންޑްސް) އިން ބޭހެއް އީޖާދުކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ ބްލޫމްބާގް ބުނާގޮތުން ހޮލެންޑްގެ މަޝްހޫރު އުޓްރެޚްޓް ޔުނިވާސިޓީގެ ސައެންސްވެރިން މިހާރު ވަނީ ކޮވިޑް-19ގެ ޖެނެޓިކް ކޮމްޕޯނެޓްތަކަށް ހަމަލާދީ އެވައިރަސް އިންސާނުންގެ ހަށިގަނޑުގެ ތެރޭގައި ބަލިކޮށް މަރާލުމުގެ ގާބިލްކަން ލިބިފައިވާ ބޭހެއް އީޖާދުކޮށްފައެވެ. އަދި މި ބޭހަށް ބޭނުންވާ ކްލިނިކަލް ތަޖްރިބާތައް ފަށަން ވެސް އެޔުނިވާސިޓީން ގެންދަނީ ތައްޔާރުވަމުންނެވެ.

އާންމު ގޮތެއްގައި ވައިރަސްއަކީ އިންސާނުންގެ ހަށިގަނޑުން ބޭރުގައި ބަލިކޮށް އަދި މަރާލަން ފަސޭހަ އެއްޗެއް ނަމަވެސް އެއީ އިންސާނުންގެ ހަށިގަނޑަށް ވަނުމަށް ފަހު ބަލިކޮށްލަންވެސް އަދި މަރާލަންވެސް އުނދަނގޫ އެއްޗެކެވެ. އިންސާނުންގެ ހަށިގަނޑަށް ވަނުމަށް ފަހު ވައިރަސް ބަލިކޮށްލައި އެންމެފަހުން މަރާލަނީ ހަށިގަނޑުގައިވާ ދިފާއީ ނިޒާމުންނެވެ. މި ބޭހަކީ އަދި ތަޖްރިބާގެ ހާލަތުގައިވާ ބޭހެއްކަމަށްވާތީ ހޮލެންޑްގެ އުޓްރެޚްޓް ޔުނިވާސިޓީން މިކަމާބެހޭ ތަފްސީލް އަދި ނުދޭކަމަށާއި ނަމަވެސް އުޓްރެޚްޓް ޔުނިވާސިޓީގެ ޕްރޮފެސަރަކު މި ބޭހާބެހޭ ރިސާޗް ޕޭޕަރެއް ހުށަހަޅުއްވާފައިވާކަމަށް ބްލޫމްބާގް ބުނެ އެވެ.

އެ ޕޭޕަރުގައި ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ބޭހަށް އެއްތަޖްރިބާއަށް ވުރެ ގިނަ ކްލިނިކަލް ތަޖްރިބާތައްކޮށް އެ ހުރިހާ ތަޖްރިބާތަކަކުން ކަށަވަރު ނަތީޖާތައް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ބަޔާންކޮށްފައިވެ އެވެ. އެ ޕޭޕަރު ބުނާ ގޮތުން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ބޭސް ބިނާކޮށްފައި ވަނީ "މޮނޮކޮލޯނަލް އެންޓިބޮޑީ 47D11 ،ސްޕައިކް ޕްރޮޓިން"ގެ މައްޗަށެވެ. މިއީ ކޮވިޑް-19 ވައިރަސް އާ އަދި ސާސް ވައިރަސްއަށް ވެސް ހަމަލާދީ އެވައިރަސް މަރާލުމުގައި ވަރަށް ގާބިލް އެންޓި ބޮޑީއެއްކަމަށްވެއެވެ. ސާސް ވައިރަސްއަކީވެސް ކޮރޯނާ ވައިރަސްގެ ސްޓްރެއިން ގައި ހިމެނޭ ވައިރަސްއެކެވެ.

"މޮނޮކޮލޯނަލް އެންޓިބޮޑީ 47D11 ،ސްޕައިކް ޕްރޮޓިން" ނަމަކަށް ކިޔާ މި އެންޓި ބޮޑީ އުފައްދާފައިވަނީ ޖީންތައް މޮޑިފައިކޮށްގެން އުފައްދާފައިވާ މިދާތަކަކަށް ކަމާބެހޭ ތަޖްރިބާތަކެއް ކޮށްގެން އެ މީދާތަކުގެ ހަށިތަކުން ކަމަށްވެއެވެ. އުޓްރެޚްޓް ޔުނިވާސިޓީގެ ސައެންސްވެރިން މިހާރު މަސައްކަތް ކުރަނީ ކޮވިޑް-19 އިންސާނުންގެ ހަށިގަނޑުގައިވަނިކޮށް މަރާލުމަށްޓަކައި އެ އެންޓި ބޮޑީތައް އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ ގޮތް ހެދުމުގެ ތަޖްރިބާތައް ކުރުމަށް ކަމަށް ބްލޫމްބާގް ބުނެއެވެ.

ސައެންސްވެރިން ބުނާގޮތުން ކޮވިޑް-19 އުފެދުނީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސް-ކޯވް-2) ނަމަކަށް ކިޔާ ކޮރޯނާވައިރަސް ގެ ވައްތަރަކުންނެވެ. ކޮވިޑް-19 އުފެދުނީ "ސާސް-ކޯވް-2" ވައިރަސް އަށް އައި ޖެނެޓިކް މިއުޓޭޝަނެއްގެ ތެރެއިން ކަމަށްވެސް ސައެންސްވެރިން ބުނެއެވެ.

ހޮލެންޑް ގެ އުޓްރެޚްޓް ޔުނިވާސިޓީ ން އުފެއްދި ކޮވިޑް-19 ގެބޭހުގެ ކްލިނިކަލް ތަޖްރިބާތައް ނިމި އޭގެ ބޭނުންކުރަން ފެށޭނެ ތާރީޚެއް އަދި ނޭންގޭކަމަށް ބްލޫމްބާގް ބުނެއެވެ. (ބްލޫމްބާގް)