07 May 2020, 12:00
ރޯދަމަހަކީ ގިނަ ގެތަކުގައި ކޮންމެދުވަހަކުވެސް ކޮންމެވެސް ބާވަތެއްގެ ރިހައެއް ތައްޔާރުކުރާ ދުވަސްވަރެކެވެ. މިގޮތުން އަހަރެމެންގެ ތެރޭގައިވެސް އަމިއްލައަށް އެކިވައްތަރުތަކުގެ ހަވާދު ތައްޔާރުކޮށްގެން ތަފާތު އެކި ތަރުކާރީއާޢި މަހުގެ ބާވަތްތަކާއި އެކީ ރިހަކައްކައެވެ. މިފަހަރު މިއޮތީ "ސަން ބަދިގޭގައި" ވެސް މީރު ރިހައެއް ތައްޔާރުކޮށްލަންޖެހިފައެވެ. ޝެފް ގޭމް ސްޓްރޯންގް ހިންގާ އެލީޝާ އިސްމާއިލް މިއަދު މި ތައްޔާރުކުރަނީ އޭނާ އެންމެ ޅައުމުރެއްސުރެވެސް އެންމެ ކާހިތްވާ އެއްބާވަތްކަމުގައިވާ ސްރީލަންކަން ޗިކަން ކަރީ އެވެ.
ބޭނުންވާ ތަކެތި
4-5 ކާފުރުތޮޅި
- 3-4 ކަރަންފޫ
- 1 ފޮނިތޮށި
- 3 ސެންޓިމީޓަރުގެ އިނގުރު ތުނިކޮށްކޮށާފައި
- 4-5 ލޮނުމެދު
- 2 ތަނޑި ހިކަނދިފަތް
- 1 ލެމަންގްރާސް ސްޓޯކް (ދެފަޅިކޮށްފައި)
- 2 ގިތެޔޮމިރުސް
- ރަނގަޅު ކޮލިޓީއެއްގެ ރޯސްޓެޑް ސްރީލަންކަން ކަރީ ޕައުޑާ
- ކުކުޅު ކޮށާފައި (1/2 ކިލޯ)
- ފުނޑި މިރުސް (ޗިލީ ޕައުޑާ)
- 3 ސައިސަމްސާ ރީދޫ
- 2 ސައިސަމްސާ ވައިޓް ވިނެގާ
- 1 ސައިސަމްސާ ހެލެބެލި ޕޭސްޓް
- 2 ސައިސަމްސާ ސޯއީ ސޯސް
- ލޮނު
- އަސޭމިރުސް
- ކާށިތެޔޮ (ތެލުލުމަށް)
- ¼ ޖޯޑު ފެން
- ¼ ޖޯޑު ކާށިކިރު
- ލުނބޯ ކޮޅެއް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ކުކުޅު މެރިނޭޓްކޮށްލާށެވެ. މެރިނޭޓްކުރުމަށްޓަކައި 2 ސައިސަމްސާ ޗިލީ ޕައުޑާއާއި، ރީދޫ އަދި ވިނެގާ ކޮޅު އަޅާލާށެވެ. އެއަށްފަހު 2 ނުވަތަ 2 ½ ސައިސަމްސާ ކަރީ ޕައުޑާ (ހަވާދު) އަޅާލާށެވެ. އެއާއެކު1 ސައިސަމްސާ ހެލެބެލި ކޮޅާއި ސޯއީސޯސް އަދި ރަހަހެޔޮވަރުކޮށް ލޮނު އަދި ގާތްގަނޑަކަށް 1 ސައިސަމްދާ އަސޭމިރުސް ކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ގާތްގަނޑަކަށް 2 ގަޑިއިރު ކުކުޅުތައް މެރިނޭޓްކުރަން ބަހައްޓާށެވެ.
އެއަށްފަހު ދެން ރިހަކެއްކުމާއިގެން ކުރިއަށްދާންވީ އެވެ. އެންމެ ފުރަތަމަ ކާށިތެޔޮކޮޅު އެޅުމަށްފަހު ރަނގަޅަށް ހޫނުވެލަންދެން މަޑުކޮށްލުމަށްފަހު ރިހައަށް ބޭނުންވާ ހުރިހާ މެއިން އިންގްރިޑިއަންޓްތަކެއް އަޅާލާށެވެ. އެއަށްފަހު ޗިލީ ޕައުޑަރު އަޅާ އެއްކޮށް ގަދަ މުށިކުލައަންނަންދެން ކައްކާލާށެވެ. ހާސްނުވާށެވެ. އެއްވެސް ސްޕައިސްއެއް ނުއަނދާނެއެވެ.
އެއަށްފަހު މެރިނޭޓް ކުރި ކުކުޅުތައް އަޅާލާށެވެ. އަދި ¼ ޖޯޑު ފެން އެޅުމަށްފަހު ހުރިހާ ސްޕައިސަސްތަކެއް ކުކުޅާއިއެކު ކެރެމަލައިޒްކޮށްލާށެވެ. މީރު ރިހައެއް ބޭނުންނަމަ ކުކުޅުތައް ނިކަން ރަނގަޅަށް ކައްކަން ޖެހޭނެ އެވެ. އެހެންކަމުން މިއީ ވަރަށް މުހިންމު ސްޓެޕްއެކެވެ. އެހެންކަމުން ކުކުޅުތަކަށް މުށިކުލައަރަންދެން ކެއްކުމަށްފަހު ދެން އަޅާނީ ½ ޖޯޑު ފެނެވެ. އޭރަށް ތެލީގެ އެކިދިމާތަކުގައި ހުރި ހަވާދުކޮޅުތައް އެއްވެ ޑީގްލޭޒްވާނެ އެވެ. އެއަށްފަހު މަތިޖެހުމަށްފަހު 10 ވަރަކަށް މިނިޓް ކައްކާލާށެވެ. މިއީ ބޮއިލްކުރުމެއް ނޫނެވެ.
10 މިނިޓްފަހުން، މަތިނެގުމަށްފަހު ކާށިކިރުގެ އެއްބައި ފެނާއި އެކީގައި އަޅާލާށެވެ. ބޭނުންނަމަ ކާށިކިރު އިތުރުކުރެވިދާނެ އެވެ. އޭރަށް ރިހައިގެ ކުޅިމަޑުވާނެއެވެ. ދެން އަނެއްކާވެސް ހަވާދުކޮޅަކާއި ސައިސަމްސަލެއްގެ ޗިލީ ޕައުޑާކޮޅެއް އިތުރުކޮށްލާށެވެ. އަދި ރަހަ މަޑުނަމަ ލޮނުކޮޅެއް އަޅާ ހުރިހާއެއްޗެއްގެ ރަހަހެޔޮވަރުކޮށްލާށެވެ.
އެއަށްފަހު މަޑުގިނީގައި 20-25 މިނިޓު ކައްކާލާށެވެ. އެއަށްފަހު ¼ ޖޯޑު ފެންފޮދެއް އަޅާލާށެވެ. އެއަށްފަހު ނިންމާލަމުން ލުނބޯހުތްފޮދެއް ޖަހާލާށެވެ.