ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރަތައް އިތުރަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީއިން ނިންމައި މިއަދު އެކަން އިއުލާންކޮށްފި އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ބަދަލު ގެނައީ ދައުލަތުގެ މާލިއްޔަތަށް އިތުރު ބަދަލެއް ނާންނާނެތިއްޔާ، މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

"ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ. 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކްް މުސާރައިން 20 ޕަސެންޓު އުނިކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކެޓަގަރީގައި ހިމެނޭނީ މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ އިންނާއި ކޮންސަލްޓެންޓުން އަދި ބައެއް ކޮންޓްރެކްޓް މުވައްޒަފުން އަދި ކޮމިޝަންތަކުގެ އިސް މަގަމުތަކުގައި ތިބޭ ފަރާތްތައް ކަމަށެވެ.

މީގެ އިތުރުން 25،000 އާއި 60،000 އާއި ދެމެދުގެ މުސާރައެއް ލިބޭ ފަރާތްތަކުގެ އަސާސީ މުސާރައިން 30 ޕަސެންޓް އަދި 60،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން 35 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންގެ ލެވެލް އިން ފެށިގެމް މަތީ މަގާމުތަކުގެ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ވަނީ އުނިކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކެޕް ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ނިންމަން ޖެހެނީ، މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ މެނޭޖު ކުރުމަށް ހަރަދު ކުޑަކުރަން ޖެހޭތީ ކަމަށެވެ.

މުސާރަތަކުން ޕަސެންޓު އުނިކުރާނީ އަސާސީ މުސާރައިން ނަމަވެސް، އެހެން އެލަވެންސް ތަކާއެކު 25،000 އަށް ވުރެ މަތީ މުސާރައެއް ލިބޭ ފަހަރުތައް އަންނަ ކަމަށާއި، 10،000 ރުފިޔާ އަށް ވުރެ ދަށުން ބޭސިކް މުސާރަ ލިބޭ މީހުންގެ މުސާރަ 25،000 ރުފިޔާ އަށް ކެޕް ކުރާނެ ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.

ދިހަ ހާސް ރުފިޔާ އާއި 15،000 ރުފިޔާ އާއި ދެމެދު ބޭސިކް މުސާރަ ލިބޭނެ މީހުންނަށް ކެޕެއްގެ ގޮތުގައި 30،000 ރުފިޔާ ކަނޑައަޅާފައިވާއިރު، 15،000 ރުފިޔާ އާއި 20،000 ދެމެދުގެ އަސާސީ މުސާރަ ލިބޭ މީހެއްގެ ޖުމްލަ މުސާރަ ކެޕް ކުރަނީ 35،000 ރުފިޔާ އަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިހިހާސް ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ އަސާސީ މުސާރަ ލިބޭ މީހުންގެ އަސާސީ މުސާރައިގެ ކެެޕެއްގެ ގޮތުގައި 40،000 ރުފިޔާ ކަނޑައަޅާފައިވާއިރު 25،000 ރުފިޔާ އާއި 30،000 ރުފިޔާ އާ ދެމެދުގެ މުސާރަ ލިބޭ މީހުންނަށް ކެޕެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 45،000 ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުންގެ މުސާރަވެސް މީގެ ކުރިން ކުޑަކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ އަސާސީ މުސާރައިން 22 ޕަސެންޓު އުނިކޮށް، ބޯޑު އެލަވެެންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ ކަނޑާލާފައިވާ ކަމަށް ވިދާޅުވި އެވެ.

މިއާއެކު ކުންފުނިތަކުގެ އެމްޑީން އަދި ޑީއެމްޑީ އިންނަށް ލިބޭ މުސާރައިން 32 ޕަސެންޓު ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މުސާރައަށް މި ގެންނަ ބަދަލާއެކު ދައުލަތުގެ މާލިއްޔާއިން މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.