10 May 2020, 11:59
ރޯދަ ސުފުރާ މަތިން އަބަދުވެސް ކޮންމެވެސް ވައްތަރެއްގެ މަސްހުންޏެއް ލިބެންނެތްނަމަ އެއީ ފަޅުކަމެކެވެ. މަސްހުނީގެ ކޮންމެވެސް ބާވަތެއް ރޯދަމަހު ރޯދަވީއްލާ ގަޑިއަށް ތައްޔާރުވެފައި ހުރުމަކީ ގިނަ ދިވެހި ގޭބިސީތަކުގައި އާދަ އެވެ.
މިދުވަސްވަރަކީ އާއްމުކޮށް ރޯޯދަމަހު ތިޔާގިކޮށް ލިބެން ހުންނަ ފަތްޕިލާވެލި އަދި ތަރުކާރީގެ ބާވަތްތައް ލިބުން އަދި ހޯދުން އެއަށްވުރެ ދަތި ދުވަސްވަރެކެވެ. ކޮޕީފަތާއި ކުއްޅަފިލާފަތާއި އަދި ކަންކުންފަތް ޑިމާންޑާ އެއްވަަރަށް މިދުވަސްވަރު ނުލިބުނަސް ދިވެހި ރަހަތައް ނުގެއްލޭގޮތަށް ކެބެޖުން މަސްހުނި ތައްޔާރުކޮށްލެވިދާނެ އެވެ.
ސަން ބަދިގޭގެ މިފަހަރުގެ ޝެފަކީ މަޤްބޫލް އިންސްޓަގްރާމް އެކައުންޓް، ސިޑީސް ކިޗަންގެ ފަހަތުގައި ހުރި ހުނަރުވެރި "ސިޑީ"އެވެ. ތިހީވީ ހަމަ ރަނގަޅަށެވެ. އަހަރެމެންނަށް ކަށިކެޔޮގެ މީރު ފޮނިފޮނި ރަހަ އައިސްކްރީމްއަށް ގެނެސް "ހުސްނުހީނާ"އަށް ހިތްޖެއްސުވި މޭސްތިރިއަކީވެސް މިއީ އެވެ. ސިޑީގެ ކާމިޔާބީގެ ބޮޅުފަތީގައި "ބްލަޑްއޮރެންޖް ބައި ސިޑީސް ކިޗަން" ހިމެނޭނެކަން ޔަގީނެވެ. -- ތަފާތު މީރު ޑިޝްތަކެއް ތައްޔާރުކޮށްލަން ބޭނުންނަމަ ސިޑީސް ކިޗަންގެ އިންސްޓަގްރާމް ޕޭޖް ފޮލޯކޮށްލަންވާނެ އެވެ.
ސިޑީ މިފަހަރު އަހަރެމެންނާ ހިއްސާކޮށްލީ ރިހާކުރު ކެބެޖް މަސްހުނި ތައްޔާރުކުރާނެގޮތެވެ. ސިޑީ ދޭ ޔަގީންކަމަކީ، ކެބެޖް ކަމުނުދާ ރިހާކުރު ފޭނުންނަށްވެސް މި މަސްހުނި ވަރަށް ކަމުދާނެކަމެވެ.
ބޭނުންވާތަކެތި:
1 1/2 ކެބެޖް (ތުނިކޮށް ކޮށާފަ)
- 1 ކުޑަ ފިޔާ (ކޮށާފަ)
- 1 ގިތެޔޮ މިރުސް
- ¼ ޖޯޑު ކާށި ހުނި
- 1/2 ލުނބޯއެއްގެ ހުތް
- ¼ ދަޅު މަސް ނުވަތަ ވަޅޯމަސް (ބޭނުންނަމަ)
- 1 މޭޒުމަތީ ސަމުސާ ރިހާކުރު
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ގިތެޔޮ މިރުހާއި، ކޮށާފަ ހުރި ފިޔާކޮޅު އަދި ލިބޯ ހުތް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ¼ ދަޅު މަސް ނުވަތަ ވަޅޯމަސް (ބޭނުންނަމަ) އަދި 1 މޭޒުމަތީ ސަމުސާ ރިހާކުރު ކުރިން ތައްޔާރުކުރި މިކްސްއަށް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. މިހާހިސާބުން ތުނިކޮށް ކޮށާފައި ހުރި ކެބެޖްކޮޅު އެއްކޮށްލަންވީއެވެ. ތައްޔާރުކުރި މިކްސްއާ ކާށިހުނިކޮޅު އެއްކޮށްލުމަށްފަހު ކުޑަ ފެންފޮދެއް ޖަހާލުމުން ތިތައްޔާރުކޮށްލެވުނީ ރިހާކުރު ކެބެޖް މަސްހުންޏެވެ.
މިއީ އާއްމުކޮށް ގޭގެ ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ތަކެތިން ، މަދަުވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ކާއެއްޗެކެވެ.