11 May 2020, 15:53
ކުރިއަށް އޮތް 2-6 ހަފްތާގެ ތެރޭގައި ރާއްޖޭގައި މި އޮތް ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެ މިހާރު މި ކުރިމަތިލަނީ މި ބަލީގެ އެންމެ އުނދަގޫ ހާލަތާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ރައްޔިތުންގެ އެއްބާރުލުމާ އެކު ލޮކްޑައުން ދެމެހެއްޓިއްޖެ ނަމަ، މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި އެކަމުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން މި ވަންނަނީ ސާޖަކަށް. މި ބަލީގައި އަންނާނެ އެންމެ އުނދަގޫ ހާލަތަށް މި ވަންނަނީ. އަޅުގަނޑުމެންގެ ފޯކަސް މިހުރީ މި ހާލަތް މެނޭޖްކޮށް، މި ހާލަތުން އަރައިގަތުމަށް. އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން އީޒް [ލުއި] ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް [ރަނގަޅު ހާލަތުގައި] ޕޮސިބުލް [ކުރެވޭނެ] ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކަންކަން ރޭވިފައިވާ ގޮތަށް އޮމާންކަމާ އެކު ކުރިއަށް ގޮސްފި ނަމަ އޭރުން، ޖުލައި މަހުގައި ރާއްޖޭގެ ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އެއީ ބެސްޓް ކޭސް ސިނާރިއޯ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ސިނާރިއޯގެ އިތުރުން "މޮޓަރޭޓް ސިނާރިއޯއެއް" ނުވަތަ މެދުމިނުގެ ހާލަތަކަށް ވެސް ސަރުކާރުން އަންދާޒާތަކެއް ކުރާ ކަމަށެވެ. މި ހާލަތުގެ ތެރޭގައި ބަލި ފެތުރޭނެ މިންގަނޑެއް ބެލުމަށް ފަހު، ބަލި ކޮންޓްރޯލްކޮށް އޮކްޓޯބަރާ ހިސާބުގައި ޓޫރިޒަމް ހުޅުވޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުވެސް މިފަދަ ސާޖްތައް އަންނަ ކަން ފާހަގަ ކުރައްވަން މިނިސްޓަރު ވިދާޅުވީ އެންމެން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރިވިއްޖެނަމަ، މި އަންނަ ސާޖަށްފަހު، މިހާލަތު އަރައިގަނެވޭނޭ ކަމަށެވެ. އަދި ސާޖު އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްވެސް ދެ ގުނަ ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"އެހެންވީމާ މި ދަނޑިވަޅުގައި އަޅުގަނޑުމެން ހުރިހާވެސް އިރުޝާދަކީ، އެޅިފައިވާ ފިޔަވަޅުތައް ދެމެހެއްޓުމާއި އެއްބައިވަންތަކަން އިސްކުރުން. ލޮކްޑައުން މި ހާލަތުގައި ރައްޔިތުންނަށް ދަތިވާނެ އިތުރު ފިވަޅުތަކެއް އަޅުގަނޑުމެން ނާޅާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ، ސާޖްއަކާ ރާއްޖެ ކުރިމަތިވާ މި ދަނޑިވަޅުގައި ގޭގައި ތިބި ދުވަސްވީ މީހުންނަށް ސަމާލުވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގޭގައި ހުރި ކޮޓަރިތަކުގައި އެބޭފުޅުން އައިސޮލޭޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ކުރިމަތިވަނީ ހުޅަނގު މޫސުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މާލެއާ ދުރުގައި ހުރި ކަރަންޓީނު މަރުކަޒުތަކަށް މީހުން ގެންދިޔުމުގައި ދަތިތަކެއް ހުރެދާނެތީ، އެ ހާލަތަށް ސީޕްލޭންތައް ތައްޔާރ ހާލަތުގައި ހުންނާނެ ކަމަށެވެ. އެހެންވެ، އެކަމުގައި ވެސް ދަތިތަކެއް ނުވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މުޅި ދުނިޔެވެސް މިހާރު މިދަނީ ލޮކްޑައުންތައް ލުއިކުރުމަށްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްކޮށް ދާނަމަ ވެސް، މި އަހަރު ނިމޭ އިރުވެސް ޓުއަރިޒަމް ނުފެށޭނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ޓުއަރިޒަމް ހުޅުވާލާއިރު، ހުޅުވާލާނީ ރައްޔިތުންނާއި އެންމެންގެވެސް ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެގޮތުން މިހާރު އިކޮނޮމިކް ކައުންސިލުން އެކަމުގައި ޕްލޭންތައް ރޭވި ރައީސް އޮފީހާ ކަރުދާހެއް ހިއްސާކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ސިނާއަތުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޝްވަރާއެކު ޓުއަރިޒަމް އަލުން ފަށާނެ އުސޫލު ފައިނަލް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅާފައުވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު، އަލުން ފަށުމަށްޓަކައި އަޅަން ޖެހޭ މިންގަނޑުތައް އަޅުގަނޑުމެންނަށް މިހާރު ވަނީ ދެނެގަނެވިފައި. އޭގެ މާނައަކީ ފޭސް 1 ގައި ހުޅުވާނީ ކޮން އެއާޕޯޓެއްތޯ. ފުރަތަމަ ގެންނާނީ ކޮން ގޮތަަކަށް ކޮންކަހަލަ ފްލައިޓްތަކެއްތޯ. ފޭސް 2ގައި އަޅުގަނޑުމެން ގެންދާނީ ކޮން ގޮތަކަށްތޯ. އެއަށްފަހު ނިއު ނޯމަލްއެއްގައި ގެންދަވާނީ ކޮންގޮތަކަށްތޯ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.
އެ ޕްލޭނާ ގުޅޭ މާ ބޮޑު ތަފްސީލެއް އަލީ ވަހީދު ނުދެއްވަ އެވެ. ރައީސް އޮފީހާ މަޝްވަރާ ކުރުމަށްފަހު ޕްލޭން އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މިިނިސްޓަރު އަލީ އަދި ވިދާޅުވި ގޮތުގައި ކޮވިޑާއެކު އިިގްތިސާދަށް އައި ލޮޅުމާއެކު ޓޫރިޒަމް ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަނެ، ކުރިން އޮތް ފެންވަރަށް އެ ސިނާއަތް ގެންދަން އަހަރެއް ނުވަތަ ދޮޅު އަހަރުގެ މުއްދަތެއް ނަގާނެ އެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ ވިޔަފާރިވެރިންނައްޓަކައި ނޫން ކަމަށާއި ބޯޑަރު ހުޅުވާލާނީ، ރައްޔިތުންނަށްޓަކައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އާންމު ރައްޔިތުންގެ ވަޒީފާތަކާއި، އިޖްތިމާއި ގޮތުން ހުރި މަސައްލަތަކުގެ ހައްލަކީ، ރާއްޖޭގައި އަދިވެސް ފަތުރުވެރިކަން. އެ ދުވަސް އަޅުގަނޑުމެންނަށް ހޯދޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.