އިތުރު 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 897 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިރޭ 3:00 ގައި ލިބުނު ނަތީޖާތަކުން ބަންގްލަދޭޝްގެ 14 މީހަކާއި 14 ދިވެހީންނާއި އިންޑިއާގެ ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާއަކީ މާލެއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވާނެ ދުވަސްވަރު ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް އެ ބަލިން ރަނގަޅުވީ މަދު ބައެކެވެ. މިހާތަނަށް ރަނގަޅުވީ 31 މީހުންނެވެ.

އެ ބަލީގައި ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ ހަތަރު މީހެކެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައެވެ. އަދި އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ރާއްޖެއިން ކޮވިޮޑް ކޮންޓްރޯލް ކުރުމަށް އަޅާ ޚާއްސަ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.