12 May 2020, 22:09
ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ރާއްޖެއިން މިފަހުން ޕޮޒިޓިވްވި މާބަނޑު މީހާގެ ސިޒޭރިއަންއެއް މިއަދު ހަދައި ދަރިފުޅު ނަގައިފި އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭ މާބަނޑު ދެ މީހަކު ހިމެނެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދާފައި ވަނީ މިދިޔަ ހަފްތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ހެދި ޓެސްޓުތަކުން ވައިރަހަށް ޕޮޒިޓިވްވި މާބަނޑު މީހާ އެވެ.
އާއިލާގެ މެންބަރަކު "ސަން" އަށް މިއަދު ބުނީ ސިޒޭރިއަން ކާމިޔާބު ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ.
އަންހެން މީހާގެ ސިޒޭރިއަން ހެދިއިރު، އެ މީހާގެ ގައިގާ ބަލި ހުރިކަން ކަށަވަރުކުރުމަށް ކޮވިޑްގެ ދެވަނަ ޓެސްޓެއް ކޮށްދިނުމަށް އާއިލާއިން އޮތީ އެޗްޕީއޭގައި އެދިފަ އެވެ.
ނަމަވެސް އާއިލާގެ މެންބަރު ބުނީ ވިހޭއިރުވެސް އެ ޓެސްޓް ހަދައިދީފައެއް ނުވެ އެވެ. އެއީ ކަންބޮޑުވުމެއް ކަމަށް އާއިލާއިން ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ ވިހެއުމަށްޓަކައި އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކުރީ މިމަހު ދެވަނަ ދުވަހު އެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގުނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފަހުން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
އޭނާއާ ކޮންޓެކްޓްވި އެންމެން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. އޭގެ ތެރޭގައި އޭނާ އަށް ފަރުވާ ދިން އައިޖީއެމްޗްގެ ނަރުހުންނާއި ޑޮކްޓަރުންވެސް ހިމެނެ އެވެ. އަންހެން މީހާގެ ޓެސްޓުގެ ނަތީޖާއާ މެދު އާއިލާއިން ޝައްކު ކުރަނީ ވެސް އޭނާއާ ކޮންޓެކްޓުވި އެންމެން ނެގެޓިވްވެފައި ވާތީ އެވެ.
މިކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލު ކުރުމުން އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، އެ އަންހެން މީހާގެ ނަތީޖާ އަކީ "ފޯލްސް ޕޮޒިޓިވް" ނޫނީ އޮޅިފައިވާ ނަތީޖާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 900 އަށް ވުރެ މައްޗަށް އަރާފަ އެވެ.