14 May 2020, 09:10
"އެކަމަކު....ދޮންބެ ބުނީމެއްނު ވަލީދޭން ޖެހެނީ ބައްޕައޭ. ދޮންބެއަށް އެނގޭތަ؟ މިންކާގެ ބައްޕަައަކީވެސް މަންސޫރުއެއް........................." އާލިޔާގެ ޖުމްލައިން އަޔާޒުގެ ސަމާލުކަން ހުއްޓުނެވެ. ވަގުތުން ހިތަށް އެރީ މިންކާގެ ބުޅި އިސްތަށިގަނޑެވެ. އޭނަގެ ދައްތަ ހިރާގެވެސް އޮންނަނީ ހަމަ އެގޮތަށް ބުޅި އިސްތަށިގަނޑެކެވެ. މިންކާ މާމައާއި ހެދި އުޅޭއިރު ކޮންމެވެސް ކަމެއް އެނގިގެން އުޅޭފަދައެވެ. އޭނައަށް ކުރާ އިހުތިރާމާއެކު މިފަހަކަށް އައިސް "ދޮންބެ" ވެގެން އުޅޭގޮތުން ތަފާތުކަމެއް އިހުސާސްކުރެވުނެވެ. މިންކާއަށް ހަގީގަތް އެނގެނީބާވައެވެ. އެހެންކަމުގައި ވެއްޖެއްޔާ ސިއްރުކުރުމުގެ މަގުސަދަކީ ކޮބާބާވައެވެ. އަޔާޒު ކުޑަކޮށް ކޮށި އަރާގޮތްވިއެވެ. ދެތިންފަހަރު ކެއްސާލާފާއި ނޭވާ ހަމަޔަކަށް އެޅިއެވެ.
"އެހެންވެއްޖެއްޔާ ކޮންފަދަ ބޮޑު ކޯއިންސިޑެންސަކަށްވާނީ. ވާހަކައިންނާއި ފިލްމުން ނޫނީ އެކަހަލަ ހާދިސާއެއް ހިނގާފާނެތަ؟ " އަދާވެސް ލޯ ބޮޑުކޮށްލިއެވެ.
"ދިރިއުޅުން އާއްމުކޮށް އެހާ ޑްރެމެޓިކް ނުވިޔަސް އެފަދަ ހާދިސާތައް ވަރަށް ގިނަ. ޚާއްސަކޮށް ބައްޕަމެން ނޭގޭ މައްސަލަ ހެހެ." އާލިޔާ އެހެން ބުނެލިއިރުވެސް މިންކާގެ ބައްޕައަކީ އޭނަގެ މީހަކަށްވާނެކަމަކަށް ހިތަކަށް ނާރުވައެވެ.
"ހޫމް. ދޮންބެ މަންސޫރުއަކީ ކާކުކަން އޮޅުން ފިލުވާނަން. މިއަދު އާފަލުކާން އާލިޔާ ހަދާނެއްނެތް ދޯ....ރިމެމްބާ. އެން އެޕްލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އެވޭ...."
އަޅުގަނޑު ބޭނުމެއްނޫނޭ ޑޮކްޓަރު ދުރުގައި ބަހައްޓަން..ދުނިޔެއިން އެންމެ ލޯބިވާ އިންސާނާއާއި ދުރުގައި ކިހިނެއް އުޅޭނީ.." އާލިޔާ ހީގަތެވެ.
"ދޮންބެދެކެ ލޯބިވާވަރުން ހަމަ އަވަށްޓެރިއަކާ މެރީކުރަނީ ދޯ"
"ތިބުނީ ހަމަ ތެދެއް. އޭރުން ހަދާންވާއިރަށް މިގެއަށް ދުވެ އާދެވޭނެ. ހަމައެކަނި ފާރެއް ހުރިކަން."
އާލިޔާ މާޒިންމަތިން ހަނދާންވެ ކުޑަކޮށް ރަކިވިއެވެ. މާޒިންގެ ނަން ހިތަށް އެރުމުން މިފަހަކަށް އައިސް ތަފާތު އުދަގުލެއްވެއެވެ. އެ އިހުސާސްތަކާއި ހަގުރާމަކުރަން އޭނަ އައޫޒުކިއެވެ. ޝައިތާނާ ސިކުނޑިއަށް ވަސްވާސްވައްދަން އޭނަ ފުރުސަތެއްނުދޭނެއެވެ.
އެހެންމީހުން ބުނާނެއެވެ. އަޅުވެރިކޮށް އުޅެންޏާ ދުނިޔެއިން ލިބޭނީ ކޮން އުފަލެއްހެއްޔެވެ.އެކަމަކު އެހެންބުނާ މީހުންނަށް ނުވިސްނެނީއެވެ. މާތްﷲއާއި އޮންނަ ގުޅުން ވަރުގަދަވުމުން އެލިބޭ ރޫހާނީ ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްކުރެވޭނީ އީމާންކަމުގެ ފޮނިކަން ލިބިގަނެވުނު މިންވަރަކުންނެވެ. ވާޖިބަކަށްވީތީ އަދި މިސްކިތަސް އެރިޔަސް ނިތްތެޅިޔަސް އެ ގުޅުން ވަރުގަދަވެ އީމާންކަމުގެ ފޮނިކަމެއް ނުލިބޭނެއެވެ. އެހިސާބަށް ދާން މަސައްކަތް ކުރަންޖެހޭނެއެވެ. ގުރުއާނާއި ހަދީސުގައިވާ ގޮތަށް އުޅެ ކޮންމެ އަޅުކަމެއް އޭގެ ފުރިހަމަގޮތުގައި ކުރުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުނީއެވެ. އާލިއާއެކު އުޅެން ފެށުމުން އެއްވެސް ކަމެއްގައި ކަންބޮޑުވުމެއްނެތި އާލިޔާ އަބަދު ހިނިތުންވެ އުފަލުގައި ހުރުމުން ވައިރަސްއެއް ފަދައިން އެ އުފާވެރިކަން އެހެންމީހުންނަށް ފެތުރެއެވެ. މައިންބަފައިންނާ ލޯބިވެރިޔާއާއި ވަކިވެ އެހެން ދިރިއުޅުމެއް ފެށުމުން އަދާ ގެ ހިތަށްވެސް އެފަދަ އުފާވެރިކަމެއް ލިބިއްޖެއެވެ.
***
މިންކާ ނިދިގަނޑެއް ޖަހާލާފައި ހޭލެވިގެން ވަގުތުން އަތް ކާއްތާލީ ފޯނު ހޯދުމަށެވެ. އާލިޔާ ވައިބާއިން ދެއްކި ވާހަކަ ފެނި އޭނަގެ ނިދިފިލައިފިއެވެ. ހާސްވުމާއެކު އިނގިލީގައި ދައިގަނެވުނެވެ. އަޔާޒްއަށް މަންސޫރަކީ އާލިޔާގެ ބައްޕަކަން އެނގިގެން ނުވާނެއެވެ. އެކަން އެނގިއްޖެއްޔާ ބައްޕަގެ ލޯބިން އޭނަ މަހުރޫމްވެދާނެއެވެ. އޭނަގެ ހިތް އާލިޔާއަށްޓަކާ ހަސަދައިން ފުރިދާނެއެވެ. މީރާއަށް ވިފަދައިންނެވެ. އާލިޔާ ހުންނަން ޖެހޭނީ އޭނަގެ އެކުވެރިއެއްގެ ގޮތުގައެވެ. ކޮއްކޮއެއްގެ މަގާމުގައެއް ނޫނެވެ. ބައްޕަގެ ބޮލަށް އެރޭނެ ގޮތަކާއިމެދު އޭނަ ވިސްނިއެވެ. އަޔާޒްއަށް އެހާ ފަސޭހައިން އެކަން ކާމިޔާބު ވިޔަދީގެން ނުވާނެއެވެ.
"އާލިޔާ. ނޫން. އަހަރެންގެ މަންމަ ބައްޕައާއި ވަކިވެގެން ދިޔައީއެއް ނޫން. މަންމަ ނިޔާވީ. ފޮޓޯތައް ވެސް ވަރަށް ތަފާތު. އެދުވަހު އާލިޔާގެ މަންމަގެ ފޮޓޯދެއްކީމެއްނު. މުޅިން ތަފާތު. އެއީ އެހެން މީހެއް.." މިންކާ ޓައިޕްކޮށްފައި ފޮނުވުމަށްފަހު ހާސްކަމުގެ ނޭވާއެއްލިއެވެ.
ލޯގަނޑު ދޮށުގައި ހުއްޓި މިންކާ ދުޢާކުރިއެވެ. އެއަށްފަހު ބުރުގާއެޅިއެވެ. ބުރުގާ އެޅުމުން އަރްސަން ފޫޫހިވެދާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އަރްސަންގެ ލޯބި ހާސިލުކުރެވޭނީ ދީނަށް އުޅުނުވަރަކުން ކަން ނޭގެއެވެ. ސްޓައިލިޝް ބުރުގާއެކެވެ. ތަންކޮޅެއް ބާރު ހެދުމެކެވެ.
"ސްޓިލް މޮޑެސްޓްދޯ. ސްޓައިލިޝް އަރަބި ކުއްޖަކާ ވައްތަރީ ހެހެ.." މިންކާ އޭނަގެ ޗަބީކޮލުގައި ހިފައިލިއެވެ. ހިކިލަން އިތުރު މަސައްކަތެއްކުރަންވީއެވެ. މިއަށްވުރެ ބަލައިލަން ފަސޭހަވާނެކަން ނޭގެއެވެ.
މިންކާ އާލިޔާމެންގެއަށް ދިޔަ މަގުމަތީގައި "ސްކައިޕެލެސް" ފެނުމުން ވަދެނުލާ ދާކަށް ހިތެއް ނުރުހުނެވެ. އޭނަގެ މަގުސަދަަކީ މާޒިންއާއި އާލިޔާ ގުޅުމެވެ. އޭނައާއި އަރްސަންވެސް މެއެވެ. އޭރުން އޭނައަށް އާލިޔާގެ ހަގީގަތްވެސް ބުނެވިދާނެއެވެ. އާލިއާއަކީވެސް ގަދަރުވެރި މަހުޖަނެއްގެ ދަރިއެކެވެ. ފަރުދާގައި ފޮރުވިގެން ހުއްޓަސް މީރާފަދަ ފަތްމިންޏެކެވެ. މީރާގެ ޑަބަލްއެއްފަދައެވެ. މީރާފަދައިން ބާރު އެއްޗެހި ލާ މޭކަޕްކޮށްފިއްޔާ ތަފާތެއްނުވާނެއެވެ.
މިންކާ އެގެއަށް ވަނުމާއެކު ކަންފަތުގައި ޖެހުނީ ޕިއާނޯ ކުޅޭ އަޑެވެ. އާއްމުކޮށް ކުޅޭނީ އަރްސަންއެވެ. ދެލޯ ބޭގަރާރުކަމާއެކު ހޯދީ އަރްސަންގެ ސޫރަ ދެކެލުމަށް އެދިހުރެއެވެ. ބޯ އަރިކޮށްފައި ބަލަނިކޮށް ބަޔަކު އަންނަހެން ހީވެގެން ބަލައިލިއިރު ފެނުނީ ސުކައިނާއާއި އުއްމު ކުލްސޫމެވެ. ދެމީހުން ގައުމީ ހެދުމުގައި ނަލަވެގެން ތިބިގޮތުން ކޮންމެވެސް މުހިއްމު އިވެންޓަކަށް ގޮސްފައި އަންނަނީކަން މިންކާ ދެނެގަތެވެ. އުއްމު ކުލްސޫމްގެ އެ އުމުރުގައިވެސް އޭނަގެ އިންޓަވިއުތައް ނޫސްތަކުން ގެނެސްދެނީ އޭނަގެ މަޝްހޫރުކަމާއި އެ ޚާންދާނުގެ ޝާހީކަމުން ކަން ނޭގެއެވެ. އެ އުމުރުގެ އެންމެ ރީތި އަންހެނަކަށް ދެން އޭނަ ދެކެފައިވަނީ އުއްމުކުލްސޫމްގެ ކޮއްކޮއެވެ. މޫނުގައި ރުލެއް ނުހުންނައިރު ދޮންކަމުން ދިއްލިފައެވެ. ހަމައެހާ ރީތި އަޅި ލޮލެކެވެ. އިނގިރޭސިން ވާހަކަދައްކާލެއް ހިތްގައިމުކަމުން މިންކާވެސް އާޝޯޚުވެއެވެ. ސުކައިނާ ފޯނެއްގައި ހުއްޓަސް މިންކާގެ ބުރަކަށީގައި ފިރުމާލާފައި ހާލު އޮޅުން ފިލުވިއެވެ. އިޝާރާތުން އެބަ އަންނަމޭ ކިޔާފައި ލިފްޓަށް ވަނެވެ. އުއްމު ކުލްސޫމް މިންކާ ގޮވައިގެން ގޮސް ސޯފާއެއްގައި އިށީދެފައި ގާތުގައި ބޭންދިއެވެ.
"މިންކާއާއި އަދާގެ އެކުވެރިއެކޯ އާލިއާއަކީ. އެކުއްޖާޔާހެދި ޔޯ އަދާވެސް އަރްސަންއާއި ރުޅިވީ..." އުއްމު ކުލްސޫމް ބުނަންފެށިއެވެ. މިންކާގެ ހިތް ރޫރޫ އަޅައިލިއެވެ.
"ނޫން ތި އިވިވަޑައިގެންފައިވަނީ މުޅިން ރަގަޅުވާހަކައެއް ނޫން. އެއީ އަދާގެ އަމިއްލަ ނިންމުމެއް. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރިދާނެ. އާލިޔާއަކާ އެ ކައިވެނި ނުވުމާ އެއްވެސް ގުޅުމެއް ނެތް.." މިންކާ ފުންނޭވައެއް ދޫކޮށްލިއެވެ.
"މާޒިން އާލިޔާ އާއި ކައިވެނިކުރަން އުޅޭކަން މިންކާއަށް އެނގޭތަ؟"
"އެކަހަލަ ވާހަކައެއް އެހިން...."
"އެހާ އަޅުވެރި ނިގާބީ ކުއްޖަކު މާޒިންއާއި އިންނަން ގަބޫލުވި ސަބަބަކީ ކޮބާ؟ " އުއްމުކުލްސޫމް އެހިއެވެ.
"ޔަގީނުންވެސް ގަދަރުވެރިކަމާއި ފައިސާއާއިހެދި އެއްނޫން....." މިންކާ އާލިޔާ ދިފާއުކުރިއެވެ.
"އެކަހަލަ ކުދިން އިންނަން ރަގަޅީ ޝޭޚަކާ ނޫންތަ. މާޒިންމެންގެ އުޅުމާއި އާދަކާދައާއި އާލިޔާ ނުގުޅެންޏާ މިގޭގައި އެކުއްޖާއަށް އުޅެވިދާނެތަ؟މިގޭތެރޭގެ ހާލަތު މިންކާއަށް އެނގެއެއްނު. ކުލަ ޖެހިފަކާއެއްނެތް. ޔޫރަޕްގެ ގެއަކަށް ވަދެވުމަކީ ތަފާތެއްނެތް. ކޮންމެހެން އެކަމާ ފަޚުރުވެރިވަނީއެއް ނޫން. މުސްލިމުން ވެއްޖެއްޔާ ދީނީ ކުލައެއް ފެންނަންވާނެ. އެކަމާ ހިތާމަކުރަން އެކަމަކު މިޒަމާނުގެ ކުދިންގެ އުޅުން...." އުއްމުކުލްސޫމް ކުޑަކޮށް ހިނިތުންވެލިއެވެ.
"އައިމް ވޮންޑަރިން. މިގޮތަށް ވާހަކަ މިހިރީ އުއްމުކުލްސޫމް މިގުޅުމާއި ދެކޮޅީ ހެއްޔޭ ނޫނީ ލައިކްވަނީ ބާ..." މިންކާ އަމިއްލަ ޟަމީރާއި ވާހަކަދެއްކިއެވެ.
"ވީއިރު މިކަން ކުރިއަށް އެބަދޭ އެހެންނު. މިންކާ ހިތްހަމަޖެހޭތަ؟މިބުނީ ކުރިން މާޒިން މިންކާގެ ކޮއްކޮއާއި ކައިވެނިކުރަން ނިންމާފައި އޮތްވާ ހިތާމަވެރި ހާދިސާއެއް ހިނގީ. އެހާ އަވަހަށް މާޒިން މިގޮތަށް ނިންމުމުން ކީކޭ ހިތަށް އެރީ؟ "
"އައި ޑޯންޓް މައިންޑް. ސަބަބަކީ އާލިޔާއަކީ ވަރަށް ރަގަޅު ފްރެންޑެއް. ގައިޑެންސް ލިބުމުގެ އަސްލަކީ އޭނަ. މިހެން މިދެންނެވީ ކުރިން ބުރުގާ އަޅަން ހިތަށް ނާރާ. މި ރަމަޟާންމަހު ވަރަށް ގިނަ ފިލާވަޅުތައް ލިބި ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. ތިވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ޕޭރެންޓުން އަޅުގަނޑުމެން ބޮޑުކުރީ ހުޅަގުގެ އަވައިގާ ޖެހި އެގޮތަށް ނިވާކަން ކުޑަ ހެދުން އަޅުވާ މޭކަޕްކޮށް މިނިވަންދޫނި ތައް ފަދައިން އުދުހެން ދޫކޮށްގެން. މަރުވެދާނެކަމަށް ވިސްނާދީ ދީން އުގަންނާދީފައެއް ނުވޭ. ހުސްއަތާ މާތްﷲގެ ހަޟުރަތަށް ދިޔުމުން މި ހުރިހާ މުއްސަދިކަމުގެ ބޭނުން ކެނޑޭނެކަން ބުނެދީފައެއްނެތް. ދުނިޔޭގެ ހުރިހާ އުފާތަކެއް މީރާއަށް ލިބުނުއިރު ކޮއްކޮވެސް މަރުވެ ދިޔައީ ހުސް އަތާ. ބައްޕަމެން ކޮއްކޮއަށްވެސް އާޚިރަތަށް މަސައްކަތް ކޮށްދިންނަމަ. މިއަދު ކޮއްކޮގެ ހާލު ދެނެވޮޑިގެންވަނީ ހަމައެކަނި އެފަރާތުން. އަޅުގަނޑަށް އެނގެނީ....." މިންކާގެ އަޑު ކުރެހޭގޮތްވިއެވެ.
"އާލިޔާގެ ސޯލް ވަރަށް ބިއުޓިފުލް. ﷲ ނޯސް ބެޓާ އެކަމަކު އަޅުގަނޑަށް ފީލްވާގޮތަށް މި ދެންނެވީ. ވީމަ އާލިޔާ މާޒިންއާއި ކައިވެނިކުރުމަކީ މިގެއަށްވެސް ހުރި ރަހުމަތަކަށް ހަމަވެދާނެ..." މިންކާގެ ވާހަކަތަކުން އުއްމު ކުލްސޫމްއަށްވެސް އަސަރުތަކެއް ކޮށްފިކަން ނޭގެއެވެ. ލޯ ފެންކަޅިވިއެވެ.
މާޒިން އެތަނަށް ނުކުތުމުން އެވަގުތު ދެކެވެމުން ދިޔަ ވާހަކަ މެދުކަނޑައިލެވި ދެމީހުންގެ ސަމާލުކަން މާޒިންއަށް ހުއްޓުުނެވެ. އޭރު ފަހެއްޖަހަނީއެވެ. މާޒިން ފެންވަރާލައިގެން ހުރުމުން ދުވާ މީރުވަހާއެކު މޫނުމަތިން ތާޒާކަން ފައުޅުވެއެވެ. އިސްތަށިގަނޑު ފެންތިކިތަކުން ވިދައެވެ.
"ގުޑްމޯނިން މާމާ......" މާޒިން ގޮސް އޭނަގެ މާމަގެ ގައިގާ ބައްދާލައިފިއެވެ.
"ދެންމެތަ މޯނިން ވީ.." މިންކާ ދެލޯ ބޮޑުކޮށްލިއެވެ.
"މިއީ ކާކުތަ؟ "މާޒިން އެގުނުކަމަކަށް ނެހެދިއެވެ.
"ބުރުގާ އެޅިޔަސް މިއީ ހަމަ މިންކާ. ބޮލުގައި ފޮތިކޮޅެއް އެޅިޔަސް މޫނު ވަކިކުރަން އެނގެންވާނެއްނު...." މިންކާ ހިނި އައެވެ.
"އަސްލު ބުރުގާ އެޅީމަ ވަރަށް ތަފާތުވެއޭ. ހޫމް ދެންމެ ހޭލީ. ރޯދަމަހު އެންމެ އަވަހަށްވެސް އެނދުން ހިއްލައިލެވޭނީ ތިނެއްޖަހާއިރު. ރޯދަކުރުވާނެއްނު............"މާޒިން ދެފައި ބިއްލޫރި މޭޒަށްލައިގެން ކަންނެތްކޮށް އޮށޯވެލިއެވެ.
"ނޫން. ތިހެން ރޯދަހިފުމުގެ ބޭނުމެއްނެތެއްނު. އައި މީން އާލިޔާ ބުނާގޮތުން ނަމާދުނުކޮށް ދުވާލު ހަތަރުދަމު ނިދުމުން ރޯދަ ބާތިލްވާނެ. ބޭކާރުކޮށް ބަނޑުހައިކަން އިހުސާސްކުރުމަށްވުރެ ކައިގެން ހުރީމަ ޒިންއަށް ރަގަޅުވާނީ..ސަބަބަކީ ނަމާދުނުކޮށް ކުރާ އެއްވެސް އަޅުކަމެއް ގަބޫލުނުކުރައްވާނެ. އެންމެ ކުރިން ސުވާލުކުރެވޭނީ ނަމާދާއި ބެހޭގޮތުން..." މިންކާ ބުނެދިނެވެ.
"ގޯޑް. ހަމަ އާލިޔާގެ އެސިސްޓެންޓުންވެސް ހަމަ ދަރުސް ދިނުމުގައި. އާލިޔާ ގާތު ބުނެބަލަ އޯލްމައިޓީ އިޒް ދަ މޯސްޓް މާސިފުލްއޭ ހީ ވިލް ފޮގިވްއޭ..." މާޒިން ލޯ އަޅައިލިއެވެ.
"މާޒިން. ކޮންއިރަކުން މާމަމެން އާލިއާއާއި ބައްދަލުކުރުވަނީ؟ "އުއްމު ކުލްސޫމް އިނީ ޝައުގުވެރިވެފައެވެ.
"އެކުއްޖާ މިގެއަށް އަންނާކަށް ބޭނުމެއް ނުވެޔޯ..." މާޒިން އެއްމިޔަކަނުން ހީލިއެވެ.
"އެއީ ކީއްވެ؟ "
"މާމަ މިންކާ ގާތުން އައްސަވާ. ސަބަބަކީ އާލިޔާ ފޮނުވީމައެއްނު މިންކާ މި އައީ...." މާޒިން ބުނެލިއެވެ.
ޕިއާނޯގެ އަޑު ކެނޑުމުން މިންކާގެ އަތްފައި ކުރިއަށްވުރެ ފިނިވިއެވެ. އަރްސަން މިތަނަށް އަންނާނެބާވައެވެ.
"ނޫން އާލިޔާ ފޮނުވައިގެނެއްނޫން. މިހެން ދަމުން ވަދެލީ." މިންކާ ފިނިވެފައިވަ ދެއަތް އުގުޅައިލިއެވެ. ބިއްލޫރި ކުޑަދޮރުތަކުން ބޭރުގެ މަންޒަރުތައް ފެންނައިރު ވެހިފައިވާ ބޯ ވާރޭގެ ސަަބަބުން ތެމިފައިވާ ގަސްތަކުގައި ފޮޅިފައިވާ މާތައް ތާޒާކަމުން ބަލާ ބަލާ ފޫހިނުވާވަރުވެއެވެ. މާހައުލު އަދިވެސް އޮތީ ނިކަން ފިނިކޮށެވެ. މިގޭތެރެއަށް ވަނުމުން ދުވާ ލެވެންޑާގެ ހިތްގައިމުވަސް ފިނިކަމާ އެކުވުމުން ރޫހުވެސް ތާޒާވެއްޖެއެވެ. ޚާއްސަކޮށް މިގެއަކީ އޭނަގެ ހިތުގެ ފިނިކަމުގައިވާ އަރްސަން ދިރިއުޅޭ މަކާންކަމުން މިތަނަށް ހިތުގައި އެހެން ކަހަލަ ލޯތްބެއްވެސް ޖެހިއްޖެއެވެ.
އިރުގަނޑެއްވާންދެން އެކިކަހަލަ ވާހަކަތަކެއްގައި ތިބެފައި މާޒިން ބޭނުންވީ އޭނައާއެކު ގަސްތަކުގެ ތެރެއަށް އައުމަށެވެ. މާޒިން މިންކާގާތުން އާލިޔާ އެންމެ ރުހެނީ ކޮންކަހަލަ އެއްޗެއް ތޯއާއި ހަދިޔާއަކަށް ދިނުމަށް ރަގަޅުއެއްޗެއް އެހިއެވެ. އޭނަ ހުރީ މާޒިންއާއި އާލިޔާ ގުޅުވާހިތުން ކެތްމަދުވެފައެވެ. އެ ކައިވެނި ކުރުވުުމުން އަރްސަން މުޅިން އޭނައަށް މިލްކުވީއެވެ. މިންކާ ގަސްތަކުގެ ތެރޭ ހިނގަމުން ދިޔައިރު ދޭތެރެއަކުން ބެލްކަންޏާއި ޓެރެސްއަށްވެސް ލޯ ހިންގައިލެވެއެވެ. އަރްސަން ފެނުމަށް އެދި ހިތް މޮޔަވާވަރުވެއެވެ. އެކަމަކު އޭނަ މާޒިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނެވެ. މާޒިން ކަތުރަކުން ރަތް ފިނިފެންމާތައް ބިނދެފައި ތަރުތީބުކޮށްފައި މިންކާއަތަށް ދިނެވެ. އޭނަ ނޯޓްކޮޅެއްގައި "ޔޫ ހޭވް މައި ހޯލް ހާޓް. ވިތް ލަވް މާޒިން " ލިޔެފައި ބުކޭގައި ތަތްކުރިއެވެ. އެމަސައްކަތްކުރިއިރުވެސް މީރާ މަތިން ހަދާންވެ ހިތަށް އުދަގޫކުރިއެވެ. ނަމަވެސް މިއީ މީރާއަށް ބޭވަފާތެރިވުމެއް ނޫނެވެ. އާލިޔާއަކީ އަރްސަންގެ މީހެކެވެ. އޭނަގެއެއް ނޫނެވެ. އެންމެ ފޫހިވަނީ އާލިޔާގެ މޫނު ފެނިފައިވާތީއެވެ. އެކުއްޖާ ފެނުމުން މީރާ ހަދާންވާތީއެވެ. އާލިޔާ އާއިއެކު އުޅެންޏާ ދުވަހެއްގެ ކޮޅުންވެސް މީރާގެ މަތިން ހަދާން ނައްތާނުލެވި މީރާގެ ހިޔަނިކަމުގައިވެގެން އެކުއްޖާ ހުންނާނެއެވެ.
***
ުދަމު ނިދުމުން ރޯދަ ބާތިލްވާނ.ެޮށް ދުވާލު ހަތަރުދަމު ނިދުމުން ރޯދަ ބާތިލްވާނ.ެސަމާލުކަން މާޒިންއަށް ހުއްޓުުނެވެ. ޅުވާ މޭކަޕްކޮށ
މިންކާ އެގެއިން ނުކުތީ ކާރުތައް ސްކައިޕެލެސްއަށް އަންނާން ފެށުމުންނެވެ. ރޯދަ ވީއްލަން ދައުވަތުދީފައިވާ އާއިލާގެ މެމްބަރުންތަކެވެ. އެންމެންވެސް ތިބީ ފެޝަން އަގުބޮޑު ހެދުންތަކުގައި މޭކަޕްކޮށްލައިގެންނެވެ. މިއީ ހަގީގަތުގައި އޭނަވެސް ކުރިން އުޅުނު ދުނިޔެއެވެ. މިހާރު މިކަންތައް ފެނުމުން ދުނިޔަވީ އުފާތަކަށް ހަަމައެކަނި ގެއްލި އާޚިރަތް ހަދާން ނެތެނީހެއްޔޭ އެހޭ ހިސާބަށް އާލިޔާ އޭނަގެ ވިސްނުން ބަދަލުކުރުވައިފިއެވެ.
އާލިޔާމެންގެ ގެއަށް ވަނުމުން އަމާންކަން އިހުސާސްކުރެވުނެވެ. ކޮންމެވެސް ދިމާލަކުން ހިތްގައިމު ރާގަކަށް ގުރުއާން ކިޔަވާ އަޑު އިވުމުން މިންކާ ހިނިތުންވެލިއެވެ. ސަލާމް ގޮވައިލުމުން އެތެރެއިން ސަލާމްގެ ޖަވާބު އިވުނެވެ. ބަޓަރުކޭކު ފިހޭ މީރުވަހުން ގޭތެރެ އެއްވަސްވެފައެވެ.
ނަސީބަކުން ދިމާވީ އާލިޔާއާއެވެ. އޭނަވެސް ނުކުތީ އިސްތަށިގަނޑު ޝޭމްޕޫކޮށްގެން ފެންވަރާލައިގެންކަން ނޭގެއެވެ. ތެމިފައި އޮތް ބުޅި އިސްތަށިގަނޑު ވިހުރުވާލާފައި އޮތްއިރު ލައިގެން ހުރި ކަޅު ޓީޝާޓާއި ދޫ ފްލޯރަލް ހަރުވާޅާއި ނިކަން ގުޅެއެވެ. މާޒިންފަދައިން އާލިޔާވެސް މުޅިން ކަޅުކުލައިގައެވެ.
"ކޮބާ އެހެންކުދިން.." އޭނަ ސުވާލުކުރިއެވެ.
"ދޮންބެ ރޫމްގައި. މާމަވެސް...." އާލިޔާގެ ނަޒަރު އެންމެ ކުރިން ހުއްޓުނީ މިންކާގެ އަތުގައި އޮތް ބުކޭއަށެވެ.
"ދައުވަތު ނުދިނަސް އިފްތާރަށް މިއައީ. އަންނަމުން ސްކައިޕެލެސްއަށް ވަދެލިން. ދެމީހުން އެއް ފަހަރާ ފެންވަރަންވަނީ ހަމަ ބުނެ ކިޔާފައި އެއްގަޑިއެއްގައިތަ." މިންކާ ދިމާކުރިއެވެ.
"ތިބުނީ...." އާލިޔާ މައުސޫމްގޮތަކަށް ލޯ ބޮޑުކޮށްލިއެވެ.
"މިބުނީ މާޒިންވެސް އެގަޑީގައި ފެންވަރާލައިގެން ނުކުތީ. އަދި ބްލެކް ޓީޝާޓަކާއި ދިގުސޯޓެއްލައިގެންނޭ ނުކުތީ ހެހެ. އޭނަދިން ހަދިޔާއެއް. ކިހާ ލޯބި. އަހަރެމެންނަށް މިކަހަލަ ގިފްޓެއްދޭނެ ލޯބިވެރިޔެއް ނުހުރޭ. އަދި މިއޮތް ނޯޓްކޮޅެއް. ކޮންފަދަ ކިއުޓް....." މިންކާ ދިއްކޮށްލުމުން އާލިޔާ ރަކި ހުނުމަކާއެކު އޭގައި ހިފިއެވެ. ބައެއްފަހަރު ކިތަންމެ އަޅުވެރިކޮށް އުޅެން މަސައްކަތްކުރާ ކުއްޖަކަށްވެސް އެންމެ ރުހޭ ފަރާތުން މަލުގެ ހަދިޔާއެއް ލިބުމުން ހިތް ވަގުތުކޮޅަކަށް ނަމަވެސް އޮޔާ ބެހިގެން ހިނގައިދާނެއެވެ. މާޒިންއަކީ އޭނަގެ ފިރިމީހާއަށް ވާން އެންމެ އެކަށީގެންވާ ޒުވާނާއޭ ހިތަށް އަރާ ސަބަބުތަކުގެ ތެރެއަށް މި ސަބަބުވެސް ލެވިދާނެއެވެ. މިންކާއަތަށް މާ ތައް ދީފައި ފޮނުވިކަމީވެސް މާޒިންގެ ރަގަޅުކަމެވެ. ހަލާލް ގުޅުމަށް އޭނަވެސް އިހުުތިރާމް ކުރަނީކަމަށް ވެދާނެއެވެ. އެކަމާ އާލިޔާ ވަރަށް އުފާވިއެވެ. މާޒިންއަށް އޭނަ އެއްކަލަ ދުވަހު ޖެއްސިހާ ވައްތަރުތައް ފެނުނު ހަދާންވެސް މިފަހަރުވެސް އާވިއެވެ. މަސްހުނި އިހުސާސްތަކުން އޭނަ ގެ ސިކުނޑިއަށް ހައިޖާނެއް ގެނުވައެވެ. ވީއިރު މިހާރުއްސުރެ މާޒިން ފޮނުވާ ހަދިޔާތައް ފޮރުވުން ރަގަޅުކަމުގައި ނިންމީއެވެ. ނަމަވެސް ހަމައެކަނި މާތަކެވެ. ނޯޓްކޮޅުތަކެވެ.
އާލިޔާ ކޮޓަރިއަށްވަދެ ފެންއަޅާފައި ވާސްއެއްގައި މާތައް އަތުރާލާފައި ނޯޓްކޮޅު ކިޔާލުމުން މޫނު ރަތްވިއެވެ. ކޮންފަދަ ތަފާތު ލަފުޒުތަކެއް ހެއްޔެވެ. އޭނަ މޫނު ފެނުމުން މާޒިންއަށް އޭނަދެކެ ލޯބިވެވުނީބާވައެވެ. މި ނޯޓުން ވެސް ދޭހަވަނީ ލޯތްބެވެ. އާލިޔާގެ މޮޔަހިތް މާޒިން އޭނަދެކެ ލޯބިވެއްޖެކަމަށް ގަބޫލުކޮށްފިއެވެ. ލޯތްބާއި ބެހޭގޮތުން އެއްވެސް ކަމެއް އޮޅުންނުފިލާ އަދި ދުވަހަކު ކުއްޖަކާ ރައްޓެހިވެފައި ނުވާ އާލިއާއަށް މީހަކު ކޮންމެފަދަ ލަނޑެއް ދޭން އުޅުނަސް ވިސްނޭނެކަމެއް ނޭގެއެވެ. އެހާ ތަޖުރިބާއެއް ނެތެވެ. އަލަށްވެސް މިފެންނަނީ މާޒިންގެ ހަދިޔާއާއި ނޯޓެވެ.
މިއީ ހަލާލްކަމެއް ހެއްޔެވެ؟ އޭނަ ބޭނުވީ ކައިވެނީގައި ބަރަކާތް ލެއްވުމެވެ. މާތްﷲއަށްޓަކާ ލޯބިވުމަށެވެ. ހަލާލު ގުޅުމަކަށެވެ.
މާޒިންގެ މެސެޖެއް އެވަގުތު އައުމުން އާލިޔާ ކަންބޮޑުވިއެވެ.
ސީރިޔަސްކޮށް ޝައިތާނާގެ ދަންތުރައެއްގައި ޖެހި އޭނަ މަގު އޮޅެނީބާވައެވެ.
"އާލިޔާ. ކީއްކުރަނީ ހާދަ ލަސްވެއްޖެއޭ..."މިންކާ ބޯ ދިއްކޮށްލިއެވެ. "އަދި އެނގޭތަ އުއްމު ކުލްސޫމް ބޭނުންފުޅުވެޔޯ އާލިޔާއާއި ބައްދަލުކުރަން..."
"ސުބުހާނަﷲ އެގޭ މީހުންނަށްވެސް އެނގެނީތަ؟ "އާލިޔާ ފޯނު ބާއްވާފައި ނިކުންނަން އައެވެ.
"މާޒިންގެ އާއިލާއަށް އެނގިގެންތާ މެރީ ކުރެވޭނީ. އެއާއިލާއިން އަންނާނެ ބައްދަލުކުރަން. ދެން އާލިޔާ އެބޭފުޅުން ވަޑައިގަންނަވާއިރުވެސް ހުންނާނީ މޫނު ފޮރުވައިގެންތަ؟ " މިންކާ އެހިއެވެ.
"ނޭގޭ ތި ވާހަކަދެއްކީމަ ނާވަސް އެބަވޭ...." އާލިޔާގެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވުމުން މިންކާއަށް އެކަން ޔަގީންކޮށްދޭން އެއަތުގައި ހިފައިލިއެވެ.
"ޕްލީޒް ނޫނެކޭ ނުބުނައްޗޭ. ވަރަށް ގިނަކުދިން މާޒިންގެ ފަހަތުން އުޅޭ. އަތުތެރެއިން ވެސް ދަމައިގަންނަން ތައްޔާރަށް ތިބޭނީ. އާލިޔާގެ ސަބަބުން މާޒިން ބަދަލުވީމަ ކިހާ ސަވާބެއްލިބޭނެ."
ދެކުދިން ވާހަކަދައްކަމުން ކާކޮޓަރިއަށް ދިޔައިރު އަދާ ހުރީ މޭޒުމަތި ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ބަންގިގަޑިއަށް އެންމެން ދުޢާކޮށް ކަަދުރުން ރޯދަ ވީއްލިއެވެ. ކެއުމާއިގެން މަޝްޣޫލުނުވެ އެންމެ ކުރިން ޖަމާއަތުގައި ނަމާދުކުރީއެވެ. އާލިޔާގެ އަޑު ރީތިކަމާއި ރާގު ކަމުދިޔަވަރުން އެހެން ކިޔަވަން ދަސްކުރަން މިންކާވެސް ބޭނުންވިއެވެ. ނަމާދަށްފަހު ކާންތިބި ގަޑީގައި އަޔާޒު މިންކާ ގާތުން މަންސޫރު ނަމްބަރު އެހުމުން މިންކާ ކުއްލިއަކަށް ހާސްވިއެވެ. އޭނަ އުޅުނުގޮތް ބަލަން އަޔާޒް ހުރީ ހައިރާންވެފައެވެ. އެހާވަރުން ހާސްވެގެން އުޅެން ބޮޑު ސުވާލެއްވެސް ނޫނެވެ.
"އަޅުގަނޑުގެ ޝަކުވާއެއް ކުރަންތޯ؟ " މިންކާ ކަންބޮޑުވާފަދަ ގޮތަކަށް ހެމުން އިސްޖެހިއެވެ. ނިތްކުރީގައި ކޮންމެވެސް ވަރަކަށް ދާތިކިތައް ވިދާލައިފިއެވެ.
"ނޫނޭ. ކޮންކަމަކާ." އަޔާޒްއެހިއެވެ.
"ލައިކް...އަޅުގަނޑު އާލިޔާގެ މާމައަށް ބުދެއް ގެނެސްދިނީމަ..." މިންކާ ފޯނު ހާވަން ފެށިއެވެ.
"އެއީ މައްސަލައެއްނޫނޭ......"އަޔާޒު ހިނިތުންވެލިއެވެ. "ތިހޯދަނީ ނަމްބަރުތަ؟ "
"ލައްބަ.....އެކަމަކު އައި ތިންކް ބައްޕަގެ ހުއްދަ ހޯދާފައިހެން އަޅުގަނޑު ނަމްބަރު ދޭނީ.....އައިމް ސޮރީ ބަޓް....ހީ މައިޓް.....ފަހަރެއްގައި ބައްޕަ ހިތްހަމަނުޖެހިދާނެތީ. އެކަމަކު އަޅުގަނޑަށް އެހިދާނެތޯ ބައްޕަގެ ނަމްބަރު ހޯދާ ސަބަބު.." މިންކާ ހާސްވީފަދަ ގޮތަކަށް ބުނެލަމުން ފޯނު މޭޒުމަތީ ބޭއްވިއެވެ.
"މިންކާ. ސަބަބަކީ އަޅުގަނޑަށް މެރީ ކުރެވެން އޮތީ ބައްޕަގެ ވަލީ ލިބިގެން. އޮފްކޯޒް ނުލިބުނަސް ކުރެވޭނެ ބައްޕަ ހުރިތަނެއް ނޭގެންޏާ. އެކަމަކު ބައްޕަ ދުނިޔޭގައި ހުރެއްޖެއްޔާ އެންމެ ރަގަޅުގޮތަކީ ބައްޕަ ވަލީދިނުން. މިންކާގެ ބައްޕައަށްވެސް މަންސޫރު ކިޔާތީ ރޫލްއައުޓްކޮށްލަން. އެކަމަކު އެއީ ބައްޕަ ނޫންކަން އެނގޭ...ސްޓިލް ކޮންފާމްކޮށްލަން ދޮންބެ ބޭނުންވަނީ.." އާލިޔާ ތަފްސީލްދިނެވެ.
"އޯ......." މިންކާ ހާސްކަން އިތުރުވިއެވެ.
"ސޯ މިރޭ ގެއަށް ގޮސް އެބަ ފޮނުވަން ނަމްބަރު. ޔޫ ކެން މީޓް ހިމް....." މިންކާ އަޔާޒްއާއި ހަތަރުކަޅި ހަމަކޮށްލަން އުޅެފައިވެސް ދުރަށް ބެލިއެވެ.
މިންކާ ފޮރުވަން އުޅެނީ ކޯންޗެއް ބާވައޭ އަޔާޒުގެ ހިތަށް އެރިއެވެ.
މިންކާއަކީ ހަމަ އޭނަގެ ދައްތަގެ ދަރިއެއްބާވައެވެ. ސިކުނޑީގެ ކަނަކުން ބުނެދެނީ އިހުސާސްވަނީ އެފަދަ ގޮތެކެވެ. މިންކާއާއި ދޭތެރޭ ކޮއްކޮއެއްކަމުގައި ބެލެވެންފެށީ މާ ގިނައިން މިގެއަށް އައިސް ހޭދަކުރަން ފެށުމުންނެވެ. މިހާރު އެ އިހުސާސްތައް ވަރުގަދަވެ ގާތްތިމާގެ ގުޅުމެއް އޮތްހެން ހީވާންފެށީއެވެ. ނުތަނަސްވަންކަން ވެރިވާން ފެށުމުން ވާހަކައިގެ މައުޟޫ އާލިޔާ ބަދަލުކޮށްލީ ދީނީ ވާހަކައަކަށެވެ.
"ފަހު ދިހައެއް ދެން މިފެށެނީ. އެންމެ ވަގުތެއްވެސް ވޭސްޓްނުކޮށް އަޅުކަމުގައި ރޭތައް ހޭދަކުރުމުން ލައިލަތުލްގަދުރު ވިލޭރޭގެ ނަސީބު ލައްވާނީ." އާލިޔާ ބުނެލިއެވެ.
"އާލިއާގެ ޕޭޖު ކިޔައިލީމަ މައުލޫމާތުކޮޅެއް ލިބިއްޖެ. ތައުބާވެ ރަމަޟާންމަހަށް ޚާއްސަ ތަރާވީސް ނަމާދު އަދި ދަމުނަމާދުފަދަ ނަމާދުތައް ކޮށް ގިނަގިނައިން ދުޢާކޮށް ޒިކުރުކުރުން ގިނަގިނައިން އިސްތިޣުފާރުކޮށް ގުރުއާން ކިޔެވުމާއި ތަފްސީރުކިޔުމުގައި މި ދިހަދުވަސް ހޭދަކޮށްލަންވީ. ބޭކާރު އަނގަތެޅުމުން ދުރުވާންވީ. ޓީވީ ބެލުން ކޮމްޕިއުޓާ ގޭމް ކުޅުން ސޯޝަލްމީޑިއާގައި ވަގުތު ހޭދަކުރުން ފަދަ ހުރިހާ ކަމަކުން ފަހުދިހައިގާ ދުރުވާން ބުނެދީފައި ހުރީ. އެކަމަށް ދެވިހިފާ ކުރަން ބޭނުމިއްޔާ ބާކީއޮތް ތްރީހަންޑްރެޑް އެންޑް ފިފްޓީފައިވް ޑޭސް އެއޮތީ. އެންމެ ދިހަ ދުވަހަށް ކެތްކުރަން މަޖުބޫރުވާނެދޯ. ނޫނީ ފަހުން އެކަމާ ރިގްރެޓްކުރާނެ. ބަރަކާތްތެރި ދިހަދުވަސް އެންމެ ފުރިހަމަގޮތުގައި މިގޮތަށް ބަދަލު ގެނެސް މުޅި އުމުރަށް ގެނައި ޗޭންޖަކަށް ހަދަންވާނީ......."އަދާ ބުނެލިއެވެ.
މިންކާ އިނީ ހިމޭންވެ ނުތަނަވަސްވެފައެވެ.
ގެއަށް ވަދެފައި މިންކާ އަވަސްވެގަތީ އޭނަގެ ބައްޕައާއި ބައްދަލުކުރުމަށެވެ. އޭރު މިންކާވަނީ ދައްކަންވީހާ ވާހަކަތައް ހިތުގައި ރާވާލާފައެވެ.
"ބައްޕައަށް ޑޮކްޓަރ އަޔާޒު އެނގިލައްވާތަ؟އަދާގެ ހަޒްބެންޑް.....ޖިބްރީލްގެ ފްރެންޑެއް." މިންކާ އޭނަގެ ބައްޕައާއި ޖެހިގެން އިށީނެވެ."އެ ބޭފުޅާ މާ އެހެން ކަހަލަ ކަމަކަށް ޝައްކުކޮށްގެން އުޅެނީ...."
- ނުނިމޭ -