14 May 2020, 16:05
ކުރިން ކުރެވުނު އަންދާޒާތަކާ އަޅާބަލާއިރު، ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު މަޑުޖެއްސިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެންމެ ފުރަތަމަ ކުރެހުނު "ކާވް" އަށް ވުރެ، މިހާރު ފެންނަ ކާވް ތަންކޮޅެއް "ފްލެޓް" ކަމަށެވެ.
"މާނައަކީ ބަލި ޖެހެމުންދާ ނިސްބަތް މަޑުޖެއްސިފައޭ މިއޮތީ ފުރަތަމަ ކުރި އަންދާޒާތަކަށް ވުރެ،" މަބްރޫކް ވިދާޅުވި އެވެ.

މޭ، 13، 2020: ކޮރޯނާވައިރަހުގެ ހާލަތު ހާމަކުރުމަށް އެންއީއޯސީއިން ބޭއްވި ޕްރެސްކޮންފަރެންސްގައި އެތަނުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ
އެންމެ ފުރަތަމަ އަންދާޒާކުރެވުނީ ވައިރަހަށް ފަރުވާތެރި ނުވިވިއްޖެ ނަމަ، 100،000 އަށް ވުރެ ގިނަ މީހުންނަށްވެސް ވައިރަސްޖެހި، ފަރުވާދޭން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ އަންދާޒާތަކުން ދައްކަނީ 77،000 މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ.
މިހާރުގެ ނަންބަރުުތަކަށް ބަލާއިރު، ރާއްޖެ ޕީކަށް ދާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެ ހިސާބަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލަ އުޅޭނީ 6804 ގައި ކަމަށާއި، 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ. އަދި އައިސީޔޫގައި 101 މީހަކަށް ފަރުުވާ ދޭން ޖެހި، އައިސީޔޫގެ 100 އެނދު މުޅިން ފުރޭނެ އެވެ.

ޑރ. ޝީނާ މޫސާ
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ޓެސްޓު ކުރެވޭ މިންވަރު ދަށްކަމަށާއި އެހެންކަމުން ހަގީގީ މަންޒަރު އަދި ނުފެންނަ ކަމަށެވެ. ޓެސްޓު ކުރެވޭ މިންވަރު އިތުރުކުރެވިއްޖެ ނަމަ، ބަލި ފެތުރިފައިވާ ހަގީގީ މިންވަރު ދެނެގަނެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރޭ މަބްރޫކް ވިދާޅުވީ މިހާރު ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އޭޑީކޭގައި ބެހެއްޓުނު މެޝިނު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަން ނެރެވި، ޓެސްޓިން ކެޕޭސިޓީ ދުވާލަކު އިތުރު، 500 އިތުރު ކުރެވޭނެ ކަމަށެވެ.
ރޭގެ ޕްރެސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ކޭސްތައް ފެންނަ މިންވަރު މަދުވަނީ ޓެސްޓުކުރުން މަދުވުމުން ނޫން ކަމަށެވެ.

މޭ، 13، 2020: ކޮރޯނާވައިރަހުގެ ހާލަތު ހާމަކުރުމަށް އެންއީއޯސީއިން ބޭއްވި ޕްރެސްކޮންފަރެންސްގައި އެޕިޑޮމިލޮޖިސްޓް ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ
"އަޅުގަނޑުމެން ޓެސްޓިން ތައް ވެސް ހަމަ ކުރިއަށްދޭ އެހެންޏާ ވެސް ނަގާ މިންވަރަށް ޓެސްޓު ކުރެވޭ އެބަ. އަދި އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޓެސްޓުކުރާ މިންވަރު މަދުވެގެނެއް ނޫން ކޭސްތައް ފެންނަލެއް މަދުުވަނީކީ. އެހެން ނަމަވެސް މި ދުވަސްކޮޅު ކުރެވިފައި ހުރި ޓެސްޓުތަކުން އަޅުގަނޑުމެންނަށް ކޭސް ލޯޑު މި ފެންނަނީ ތަންކޮޅެއް ދަށްކޮށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 968 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ އާއި މިއަދު ޖުމްލަ 64 ކޭސް ފެނިފައިވެ އެވެ.