16 May 2020, 09:18
އިންޑޮނޭޝިއާގެ އަވަށަކަށް ވައިގެ މަގުން ކޮވިޑް-19 ޓެސްޓް ކިޓުތަކެއް ހިފައިގެން ދަތުރުކުރަމުން ދިޔަ ފްލައިޓެއް އިންޖީނަށް ދިމާވި މައްސަލައެއްގައި އެ ފްލައިޓު ވެއްޓި ޕައިލެޓު މަރުވެއްޖެ އެވެ.
އުމުރުން 40 އަހަރުގެ ޕައިލެޓް ޖޯއިސް ލިން، އިންޑޮނޭޝިއާގެ އަވަށަކަށް ޓެސްޓް ކިޓު ހަވާލުކުރުމަށް ނައްޓާލާފައިވަނީ ޕަޕުއާ ޕްރޮވިންސްގެ ސެންޓާނީގައި ހުރި އެއާޕޯޓަކުންނެވެ.
އޭނާގެ ދަތުރު ފަށާފައިވަނީ ކޯޑިއެކް މަތިންދާ ބޯޓެއްގައެވެ. އޭނާ އެވަގުތު މަސައްކަތްކުރަމުންދިޔައީ މިޝަން އޭވިއޭޝަން ފެލޯޝިޕް (އެމްއޭއެފް) ނަމަކަށް ކިޔާ ޖަމިއްޔާއެއްގައެވެ. ލިން އެ ޖަމިއްޔާގައި މަސައްކަތް ކުރަމުންދާތާ ތިން އަހަރު ވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހުގައި އިންޑޮނޭޝިއާގެ އަވަށެއް ކަމަށްވާ މަމިޓް އަށް ޓެސްޓް ކިޓު ފޯރުކޮށްދިނުމަށް ދަތުރު ފެށިއެވެ.
ފްލައިޓު ނައްޓާލައި ގިނަ އިރުތަކެއް ނުވަނީސް އިމާޖެންސީއެއް އުޅޭ ކަމަށް ލިން އެންގިއެވެ. އަދި ފްލައިޓުގެ އިންޖީނު މެލްފަންކްޝަނެއް ވެގެން ފްލައިޓު، އެ ސަރަހައްދުގެ ކޯރަކަށް ވެއްޓުނު ކަަމަށް އެމްއޭއެފް އިން ބުންޏެވެ.
އެމްއޭއެފް އިން ބުނީ އެ ސަރަހައްދަށް ޑައިވަރުން ވަގުތުން ގޮސް ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް ޖޯއިސް ފްލައިޓުން ނެގިއިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއޭއެފް އިން ބުންޏެވެ.