16 May 2020, 00:29
ޑައިލިސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެމީހާއަށް އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ.
ދެ ބައި އުމުރުގެ އެމީހާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ ޑައިލަސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ ފަހުން އޭނާގެ ހާލު ގޯސްވުމުންނެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
މީގެ ކުރިން ވެސް އައިޖީއެމްއެޗަށް ގެންދިޔަ ބައެއް ބަލިމީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މާބަނޑު މީހެއްގެ އިތުރުން ނ. މަނަދޫ އިން ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެނައި އުމުރުން ދުވަސްވީ މީހެއް ވެސް ހިމެނެ އެވެ.
އުމުރުން ދުވަސްވީ މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ގެއަށް ވެސް ދޫކޮށްލި ފަހުންނެވެ. ކޮވިޑަށް ޕިޒޮޓިވްވި މާބަނޑު މީހާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ ވިހައިފަ އެވެ.
ކޮވިޑް-19ގައި ފުރުތަމަ މަރުވި މީހާ އެ ބަޔަށް ޕޮޒިޓިވްވެފައިވާ ކަން ވެސް ކަށަވަރުވެފައި ވަނީ އައިޖީއެމްއެޗް ހޮސްޕޮޓަލަށް ގެންދިޔަ ފަހުންނެވެ.