މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުރަބަންދު އިއުލާނުކޮށް އިގުތިސާދު ހުއްޓާލާފައިވާއިރު، ފުރަބަންދު ނެގުމުން ކުރާނެ ގެއްލުންތަކާއި ފައިދާތަކާ މެދު އެމެރިކާ އަދި ޔޫރަޕުގެ ބޮޑެތި ލީޑަރުން މަޝްވަރާކުރައްވައިފި އެވެ.

ޔޫރަޕާއި އެެމެރިކާގެ ލީޑަރުންގެ މަޝްވަރާގައި ވަނީ، ކޮވިޑް-19 އަށް ފަރުުވާ ދޭ ވެކްސިންއާ ގުޅޭގޮތުން އަލިއަޅުވާލާފައެވެ. އެގޮތުން ވެކްސިން އެއް ނެތި ފުރަބަންދު ނިންމާލައި އިގުތިސޯދު ހުޅުވާލުމުން އޭގެ ސަބަބުން ކުރާނެ ގެއްލުންތައް ބޮޑުވެދާނެ ކަމަށް ޔޫރަޕުގެ ދެ ލީޑަރަކު ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެން މި ނުރައްކަލާ މި ކުރިމަތިލަނީ. އަދި އެކަމަށް ބަލާފައި އަލުން ރީލޯންޗު ނުވަތަ އަލުން ގައުމުތައް ހުޅުވާލަނީ. ރައްކާތެރިކަމަށް ބަލާފައި ނޫނީ މިކަމެއް ނުވާނެ،" އިޓަލީގެ ބޮޑު ވަޒީރު ޖުސޭޕީ ކޮންޓީ ވިދާޅުވިއެވެ.

ޖުސެޕީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯޯންސަންގެ ވާހަކަފުޅުވެސް ހުންނެވީ އެފަދަ ގޮތަކަށެވެ. އެގޮތުން ވައިރަސްގެ ވެކްސީން އެއް ނެތި ކުރިއެކޭ އެއްގޮތަށް ގައުމުތައް ހުޅުވާލުމުން އޭގެސަބަބުން ކުރާނެ ގެއްލުން އަންދާޒާ ކުރަން އުނދަގޫވާނެ ކަމަށް އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ދުރަށް ވިސްނައި މަސައްކަތް ކުރަން ޖެހޭ. ގަބޫލުކުރަން ޖެހޭ ކަމަކީ ވެކްސީން އެއް އަވަސް ތާރީހެއްގައި ލިބުމަށް ދަތިވެދާނެ ކަން،" ބޯރިސް ވިދާޅުވިއެވެ.

ގިނަ ލީޑަރުން އެއްބަސްވެވަޑައިންނަވާގޮތުގައި އަލުން ގައުމުތައް ހުޅުވާލާއިރު ހުރިހާ ގައުމުތަކުންވެސް "ނިއު ނޯމަލް" އަކަށް ދާން ޖެހެއެވެ. އެގޮތަށް ބަލައިގެން ނޫނީ ގައުމުތައް އަލުން ހުޅުވާލާއިރު ތަފާތު ނުރައްކާ ތަކާ ކުރިމަތިވާނެ ކަމަށް ލީޑަރުން ގަބޫލުކުރައްވައެވެ.