އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުންނަ ފަސް އަހަރުން މަތީގެ މީހުން އެ ބައްޔަށް ޓެސްޓްކުރަވޭ ގޮތަށް ހަދަން ނިންމައިފި އެވެެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ނެރުނު ބަޔާނުގައި ވަނީ އެ ޕްލޭން ކުރިއަށް ގެންދަން ނިންމިކަން އިއްޔެ އިއުލާންކުރައްވައިފަ އެެވެ.

"ގަދައަށް ހުން އައިސް ގިނަގިނައިން ކެއްސާފަ، ވަހަށާއި ރަހައިގެ ހިއްސުގައި ތަފާތުކަމެއް އުޅޭ ފަސް އަަހަރުން މަތީގެ އެންމެން ޓެސްޓްކުރެވޭނެ." އޭނާ ވިދާޅުވި އެވެެ.

މީގެ ކުރިން ޓެސްޓްކުރުމުގައި އިސްކަން ދީފައިވަނީ ބައެއް މީހުންނަށެވެ. އޭގެެ ތެރޭގައި އެކި މުހިންމު މަސައްކަތްތަކުގައި ޝާމިލްވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށެެވެ. ނޫން ނަމަ އެފަދަ މީހުންނާ ކައިރީގައި އުޅުނު މީހުންނަށެވެ.

ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓަށް ވަދެ ހޯމް ޓެސްޓް ކިޓްތަކާއި ގައުމުގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ދާން ބުކްކުރެވޭގޮތް މިހާރު ވަނީ ހަދައިފައެވެެ.

އިނގިރޭސިވިލާތުގައި ކޮރޯނާއަށް ޓެސްޓްކުރުމުގެ ކެޕޭސިޓީވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ދުވާލަކު ޓެސްޓްކުރެވޭ މިންވަރު 118،822 އަށް ވަނީ އިތުރުކޮށްފައެވެ. މިއީ ޓެސްޓްކުރަން އޮންނަ ޑިމާންޑަށް ވުރެވެސް އިތުރު އަދަދެކެވެ.

އޭގެ އިތުރުން ބަލި ކޮންޓްރޯލް ކުރަން ކޮންޓެކްޓް ޓްރޭސިން އެޕެއް ނެެރެފައިވާއިރު އެ މަސައްކަތަށް 18،000 އެއްހާ މުވައްޒަފުން މިހާރު ވަނީ ރެކްރޫޓްވެސްކޮށްފައެވެެ. އެއާއެކު ވަކި ވަކި ހިސާބުތަކުގައި "އައުޓް ބްރޭކް" އެއް އުޅުނަސް ވަރަށް އަވަހަށް ދެނެގަނެވޭނެއެވެެ.

މިއީ އެގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވީހާވެސް އަވަހަކަށް ނައްތާލުމަށް އެހީވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައިވެސް ފުރަތަމަ ދުވަސްވަރު ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް އަވަހަށް ބަލި މީހުން ދެނެގަނެ ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ.

ގާޑިއަން