19 May 2020, 09:34
އިންޑިއާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ އެވެ.
އިންޑިއާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް 5،242 ކޭސް ފެނިފަ އެވެ. މިއީ އެއް ދުވަހުގެ ތެރޭގައި މިހާތަނަށް އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ފެނުނު ޕޮޒިޓިވް ކޭސްތަކެވެ.
ދުނިޔޭގެ އެކި ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާ އިރު އިންޑިއާއިން ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަން ފަށާފައި ވަނީ އެގައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ވައިރަސް އަށް އިންޑިއާއިން ވަނީ 96،169 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި 56،000 އަށްވުރެ ގިނަ އެކްޓިވް ކޭސް ހިމެނޭ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ހަމަކޮށްފަ އެވެ.
މި މަހުގެ 31ގައި އިންޑިއާގެ ފުރަބަންދު ނެގުމަށް ވިސްނާފައިވާއިރު އެގައުމުގެ ބައެއް ފިހާރަތަކާއި ވިޔަފާރިތައް ވަނީ މިހާރު ހުޅުވަން ފަށާފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދަތުރުފަތުރުކުރުމުގެ ހިދުމަތްތައް ވެސް ވަނީ މިހާރު ފަށާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން 120 މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެހެންކަމުން ގައުމުގެ އިގުތިސޯދު އަލުން ހުޅުވާލުމަށް އެގައުމުގެ ފުރަބަންދު ނެގުން މުހިއްމު ވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.