23 May 2020, 12:43
ސްރީ ލަންކާގެ ކޮލޮމްބޯގެ އަވަށެއް ކަމަށްވާ އަތުރުގިރިޔާގައި، މަރުވެފައިވާ ކަމަށް މީގެ މަހެއް ކުރީން އާއިލާއިން ނިންމާފައިވާ މީހަކު، އެނބުރި އަވަށަށް ދިޔުމާއެކު އެތައް ބަޔަކު ސިއްސުވާލައިފި އެވެ.
އަތުރުގިރިޔާގައި އެކްސިޑެންޓެއްގައި، އެ އަވަށުގެ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށްވާ ޑަންޑިރިސް ޕެރޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް އަންގާފައިވަނީ މިދިޔަ މަހުގައެވެ. އެގޮތުން އެކްސިޑެންޓުގައި މަރުވި މީހާގެ ހަށިގަނޑަކީ ޕެރޭރާ ކަމަށް ކަށަވަރު ކޮށްދިނީ އާއިލާއިންނެވެ.
އަދި އެއަށްދަހު ޕެރޭރާ މަރުވި ކަމަށް ނިންމައި އާއިލާއިން ވަނީ އޭނާ ވަޅުލުމާއި މަރުވުމަށްފަހު ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކޮށްފައެވެ.
އެހެންނަމަވެސް މަރުވުމުގެ ކުރީން ޕެރޭރާ ދިރިއުޅެމުން ދިޔައީ އަތުރުގިރިޔާއަކު ނޫނެވެ. އެގޮތުން އޭނާ ކުރީން އުޅެމުން ދިޔައީ މުތުހީީނާ ސަރަހައްދުގެ މީގޮޑާގައެވެ. އެހެންނަމަވެސް ކޮވިޑް-19 އާ އެކު ދަތުރުކުރުމަށް މަނާވުމުގެ ސަބަބުން އޭނާއަށް އޭނާގެ އާއިލާ ގާތަށް ދެވޭގޮތް ވަނީ ނުވެފައެވެ.
އެންމެފަހުން ގެއިން ނިކުމެ ކޮންމެވެސް ވަރަކަށް ދަތުރުކުރުމުގެ ހުއްދަ ލިބުމުން އެންމެ ފުރަތަމަވެސް ޕެރޭރާ ވަނީ އޭނާގެ އާއިލާގެ އަވަށަށް ގޮސްފައެވެ. އެއާއެކު މުޅި އަވަށް ވަނީ ބޮޑު ސިހުމަކަށް އައިސްފައެވެ.
"އަހަރެން އަވަށަށް އައި އިރަށް އެއްބަޔަކު ބިރުން ދުވަން ވެސް ދުވި. ބައެއް މީހުންނަށް ޖެހުނު ޝޮކެއްގެ ސަބަބުން ބުނާނެ އެއްޗެއްވެސް ނޭނގުނު،" ޕެރޭރާ ބުންޏެވެ.
ޕެރޭރާ ބުނީ، އެ ކަންތައް ހައްލުކުރުމަށްޓަކައި އެންމެފަހުން އޭނާއަށް ޖެހުނީ ފުލުހަށް ދާން ކަމަށެވެ. އަދި މަރުވެފައިވަނީ ޕެރޭރާ ނޫން ކަން އޭނާ އަށް ސާބިތުކޮށްދޭން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެންގެ އަމިއްލަ މަހާނަ ފެނުނު ފުރަތަމަ މީހާ ކަންނޭނގެ މިއީ،" އޭނާ ބުންޏެވެ.
މިހާރުވެސް އެ މައްސަލަ ދަނީ އިތުރަށް ބަލަމުންނެވެ. އަދި އާއިލާއަށާއި އެހެން ފަރާތްތަކަށް އެފަދަ އޮޅުމެއްވި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އަދި ޕެރޭރާ ދުނިޔޭގައި ހުރި އިރު ވަޅުލާފައިވަނީ ކާކުތޯ ބެލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.