24 May 2020, 09:41
ދިވެހިންނަކީ އީދު މަޖަލުގައި ނިކަން އަރާ ތިބި ބައެކެވެ. ނަމަވެސް އަހަރުމެންނަށް ކުރިމަތިވެފައިވާ ކޮވިޑްްގެ ވަބާއާއެކު މި އީދުގެ މަޖާކުރުމަށް މިވަނީ ހިޔަނި އެޅިފަ އެވެ. ފުރަބަންދާ އެކު އެންމެން ތިބެން ޖެހިފައި މި ވަނީ ގޭގަ އެވެ.
އާއިލީ އީދު ސަޔާއި ފެންކުޅި ކުޅުމާއި، ކޯނޑިކެނޑުމާއި، މިހެން ގޮސް އީދުގައިކޮށް އުޅުނު ސަގާފީ އެތަށް ކުޅިވަރުތަކެއް ނުކުޅެވުނަސް ގޭގައި ތިބެގެން މަޖާކޮށް އުފާކުރެވިދާނެ އެވެ. ދުރުގައި ވިޔަސް އެކުގައި ވެވިދާނެ އެވެ. އަތުގައި އޮންނަ ފޯނު ނަގައި ރަށްޓެހިންނާއި އާއިލާ އެންމެންނަށް އީދު ތަހުނިޔާ ފޮނުވާލެވިދާނެ އެވެ.
އެގޮތުން މިފަހަރު ސަންގެ ކިޔުންތެރިންނަށް މި ހަދިޔާ ކުރަނީ މަޝްހޫރު ލަވަކިޔުންތެރިއާ ހަސަން އިރުފާން (ޒަކިއްޓެ) ގޭގައި ހުރެގެން އެހާމެ އަވަހަށް ކިޔާލަދިން "އަހާ މީ އީދެއް" މި ލަވަ އެވެ. މިއީ އޭނާ އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޮޑު ބެރުލަވަ ކިޔުމަށް އުޅުނު އިރު އޭނާގެ ހިތާ ގުޅިފައިވި ލަވައެކެވެ. އޭރު ފަރުމަ ގުރޫޕުން ފެނިގެންދިޔަ ޒަކިއްޓޭ މި ލަވަ ކިޔަން ފެށީ އެންމެ ފުރަތަމަ ބޮޑު ބެރުލަވައެއް ކިޔަން ވެގެންނެވެ.
ޒަކިއްޓެގެ މި ލަވައާއެކު އޭނާ ދޫކޮށްލާ މެސެޖެއް ވެސް އެބައޮތެވެ. އެއީ އެންމެން ގޭގައި ތިބެން ޖެހުނަސް މިފަހަރު އީދުގައި އާއިލާގެ މީހުންނާއި އެކުވެރިންގެ ހާލު ބަލައިލައި، ގުޅުން ބަދަހި ކުރުމެވެ. ކިތަންމެ ދުރުގައި ތިބެން ޖެހުނަށް އެންމެން އެކުގައިވުމަށެވެ. ދުރުގައި ވިޔަސް ހިތާ އެންމެ ކައިރީ ވެވިދާނެ އެވެ. މިލަވަ ބަލައިލާށެވެ!