26 May 2020, 14:22
މާލޭ ސަރަހައްދު ފުރަބަންދުކުރުމާ ގުޅިގެން ރަށްރަށަށް ދާން ބޭނުންވެ، ތާށިވެފައި ތިބި މީހުންގެ ތެރެއިން 2،000 އަށް ވުރެެ ގިނަ މީހުން ކަރަންޓިން ފެސިލީޓީތަކަށް ގެންގޮސްފައިވާ ކަމަށް އެންއީއޯސީއިން ބުނެފި އެވެ.
މީގެ ކުރިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، ކޮންމެހެން މިވަގުތަށް ރަށަށް ދާންޖެހޭ 1،800 މީހުން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ އެންމެން މިމަހު 24ގެ ކުރިން ކަރަންޓިން ކުރެވޭނެ ކަމަށެވެ.
ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ތާށިވި މީހުންގެ ތެރެއިން އިއްޔެ އިތުރު 115 މީހަކު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް މިހާރު ގެންދެވިފައިވާ ކަމަށެގެ. އަދި މިހާތަނަށް ޖުމްލަ 2،053 މީހުން ޓްރާންސިޓް ކަރަންޓިނަށް ގެންގޮސްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
"މީގެ އިތުރުން އަދިވެސް ކުރު މުއްދަތަށް މާލެ އައިސްފައި ރަށަށް ނުދެވި ތިބި އެންމެން ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެލްޖީއޭ މައުލޫމާތު ދެއްވާ،" މަބްރޫކު ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --
ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްގެ ގޮތުގައި ޖުމްލަ ހަތް ރިސޯޓެއް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން އައްޑޫ، ދ، ޅ، އަދި ރ އަތޮޅުގައިވާ ރިސޯޓުތަކެއް ޓްރާންސިޓް ކަރަންޓިން ފެސިލިޓީތަކުގެ ގޮތުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
އަތޮޅުތެރޭ ރަށްތަކަށް ވައިރަސް ދިޔުމުގެ ފުރުސަތު ހަނިކުރުމަށް ސަރުކާރުން ނިންމާފައިވަނީ، މާލޭގައި ތާށިވި މީހުން 14 ދުވަހު ރިސޯޓުތަކުގައި ކަރަންޓީން ކުރުމަށެވެ. އަދި އެމީހުން ރަށަށް ފޮނުވާތީ 14 ދުވަސް ހަމަވުމަށްފަހު، ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގަޓިވްވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.