26 May 2020, 21:04
އެމްއެމްޕީއާރުސީގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް މަސައްކަތް ފަށައިފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް މަސައްކަތް ފެށިއިރު، ހަމަ މިފަދަ ގޮތަކަށް އެ ތަހުގީގުގެ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީން އެއްވެ، ޖޮއިންޓް ކޮމިޓީއެއް މިހާރު ވަނީ އުފައްދަވާފައެވެ.
ޖޮއިންޓް ކޮމިޓީ އުފައްދާފައިވަނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންތަކުން ކުރަމުންދާ ތަހުގީގުތައް ސާފުނުވާތީ އެކަން ބެލުމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
އެމްއެޕްޕީއާރުސީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އައީ ބަލަމުންނެވެ. ނަމަވެސް އެ ކޮމިޓީން ބަލަން ފެށި އެހެން މައްސަލަތަކާ ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ އޮތީ މަޑުޖެހިފަ އެވެ.
ނަމަވެސް އޭގެ އަށް މަސް ދުވަސްފަހުން މިއަދު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްއެޕްޕީއާރުސީގެ އޮޑިޓް ރިޕޯޓުގެ މައްސަލައާ މެދު ދެން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވެފައިވަނީ، މި މައްސަލައަކީ ކުރިންވެސް ބަލަމުން އައި މައްސަލައަކަށްވާތީ، މިކަމުގައި މިހާނަތަށް ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކުގެ ސަމަރީ ރިޕޯޓަކާއި މިހާތަނަށް ކޮމިޓީއަށް ލިބިފައިވާ ލިޔެކިޔުންތައް މެމްބަރުންނަށް ލިބޭނެ ގޮތް ހެދުމަށް އެދިވަޑައިގެންފައެވެ. އަދި އޭގެ އިތުުރުން މިހާރު އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ދެނެގަތުމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ސާފު ކުރުމަށް މެމްބަރުން ވާހަކަ ދެއްކެވިއެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ މިހާރު ތަހުގީގުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް ހަތަރު މުއައްސަސާއަކުން ބޭނުންވާ މައުލޫމާތު ހޯދުމަށެެވެ. އޭނާ ހުށަހެޅުއްވީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން މައުލޫމާތު ސާފުކުރެއްވުމަށެވެ.
ހަސަން އަފީފުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީީފެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އޮންލައިންކޮށް އެގަޑީގައި ތިއްބެވި ހަތް މެމްބަރުންގެ ވޯޓުންނެވެ.
މާލިއްޔަތު ކޮމިޓީން މި ބަލަނީ އެހެން މައްސަލައެއް: ނާޝިޒު
މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ނާޝިޒު ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ބައްލަވަނީ އެހެން މައްސަލައެއް ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ކޮމިޓީގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، މަޖިލީހުގެ އެހެން ކޮމިޓީއަކުންވެސް އެމްއެމްޕީއާއުރުސީގެ މައްސަލަ ބަަލަމުން އަންނައިރު، މާލިއްޔަތު ކޮޓީން އެ މައްސަލަ ބެލިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުގެ ސުވާލެއް، މަޖިލީހުގެ ތިން ހަތަރު ކޮމިޓީން އެއް މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅުގޮތްތޯ. ހުރިހާ ކޮމިޓީތަކަށް އަނެއްކާ ސިޓީތަކާ އެއްޗެހި ދާނެ ކަމަށް އަޅުގަނޑު މިބަލަނީ. ހުރިހާ ދިމާލަކުން ބެލުމުގެ ބަދަލުގައި ކޮންމެވެސް އެއް ދިމާލަކުން ބެލުމަށް އަޅުގަނޑުގެ ވާހަކައަކީ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒުގެ އެވާހަކަތަކަށް ޖަވާބު ދެއްވައި، ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާ މުހައްމަދު ނާޝިޒު ވިދާޅުވީ، ކޮމިޓީން ކުރާ މަސައްކަތަކީ އެ ކޮމިޓިގެ މެންޑޭޓްގެ ތެރެއިން އެ ކޮމިޓީގައި އޮތް އޮޑިޓް ރިޕޯޓުގެ ދިރާސާއަކާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އެހެން ކޮމިޓީއަކުން ކުރާ މަސައްކަތާއި މާލިއްޔަތު ކޮމިޓީން މިހާރު ކުރަމުންދާ މަސައްކަތާ ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތާ [އެއް މަސައްކަތެއް އެހެން ކޮމިޓީއަކުން ކުރާކަން] އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް ބައެއް ކޮމަން ގްރައުންޑްސްތް ހުރެދާނެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މި ކުރަނީ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް އެހެން މަސައްކަތެއްހެން،" ނާޝިޒު ވިދާޅުވިއެވެ.
މިއަދު ކޮމިޓީގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރަމުންގެންދާ ތަހުގީގު ނުނިމި، ދިގުލައިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިކަމުގައި ބަޔަކު ރާވައިގެން ވަކި ބަޔަކު ފްރޭމް ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން އަންނަނީ ޖޮއިންޓް ތަހުގީގުގެއް ހިންގަމުންނެވެ.
މީގެ ކުރިން އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.