ކ. ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ތިމާވެށްޓަށް ނުރައްކާތެރި އަސަރުތައް ކުރަމުންދާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ކޮށްފައިވާ ދިރާސާތަކަށް ބަލާނަމަ އެ މައްސަކަތް ހުއްޓާލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެ އެވެ.

އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބޭތީ އާއި އެކަމުގައި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އެ މައްސަލަ ބަލަން މަޖިލީހުގެ ތިމާވެށި ކޮމިޓީއިން މިއަދު ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭގެ އިތުރުން ގުޅީފަޅު ޕްރޮޖެކްޓުގެ އެންވަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ކޮންސަލްޓޭޝަން ހެދި ފަރާތް ބައިވެރިވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މަސައްކަތް ހުއްޓުވަން އަންގާނީ މަސައްކަތް ކުރިއަށްދާއިރު އީޕީއޭގެ މިންގަނޑާ ހިލާފު ވެއްޖެ ނަމަ ކަމަށެވެ.

"މިހާރު ރިޕޯޓުގައި ފާހަގަކޮށްފައިހުރި އިމްޕެކްޓްތަކާއި އޭގެ މިޓިގޭޝަން މެޝާސްތައް ނަގައިގެން އެކަން ކުރާއިރުގައިވެސް އެއަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުން ދާކަމަށް އަޅުގަނޑުމެންނަށްވެސް ދިރާސާ ކޮށްގެން ފާހަގަކުރެވެން ޖެހޭނެ ކަން. ލޮލަށް ފެންނަ ފެނުމަކަށް ފާހަގަކުރެވިިގެނެއް މިކަމެއް ނުވާނެ. އެހާ ހަމައަށް ހިނގައްޖެނަމަ އަމުރު ނެރެގެން ނަމަވެސް ހުއްޓާނެ،" އޭނާ ވިދާޅުވި އެވެ.

އަދި މިހާލަތުގައި ގުޅީފަޅު މަޝްރޫއު ހުއްޓާ ފަދަ ހާލަކަތަށް މަސައްކަތް ގޮސްފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މަޝްރޫއާ ގުޅިގެން އާންމުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގުޅީފަޅު ބިން ހިއްކާއިރު އޭގެ ސަބަބުން ކައިރީގައި އޮތް ވިލިމާލޭގެ ފަރަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރުމެވެ. އަދި ދާދިފަހުން އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ގިނަ އަދަދެއްގެ ކިސަޑުތަކެއް ވިލިމާލެއާ ދިމާލަށް ދާ މަންޒަރު ފެނެ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ސެޑިމެންޓުގެ އަސަރު ވިލިމާލެ ފަރަށް ކޮށްފައި ނުވާ ކަމަށާއި އެތަނަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސެޑިމެންޓު ހުރީ އީއައިއޭއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޝްރޫއު ފެށިއިރު މިޓިގޭޝަންގެ މަސައްކަތް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު މިޓިގޭޝަންގެ މައްސަލަތައް ހައްލުކޮށްފައިވީ ނަމަވެސް މިޓިގޭޝަން އިތުރަށް ވަރުގަދަ ކުރަމުން އަންނަ ކަމަށް ނައީމް ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ މައި ޕޯޓުގައި ޖާގައިގެ ދަތިކަން ހުރުމުން އެހެން ޕޯޓެއް ތައްޔާރުކުރުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.

އެ ޕޯޓު ތިލަފުށީގައި ގާއިމުކުރުމަށްވެސް ހިޔާލު ގެންގުޅު ކަމަށްވި ނަމަވެސް އެތަނުގައި ޕޯޓު ގާއިމު ނުކުރެވޭނެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޕޯޓަކީ ތަފާތު ވައްތަރުގެ ސާމާނު ގެނެސްހަދާނެ ތަނަކަށް ވުމުން ތިލަފުށީގައި އެފަދަ ތަނެއް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ގްރޭޓާ މާލޭ ސަރަހައްދުގައި އެ ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ތަނަކީ ގުޅީފަޅު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަނދަރު ހެދުން ބިން ހިއްކުން ފަދަ މަޝްރޫއުތަކަކީ ވެއްޓަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ "ހައި އިމްޕެކްޓް" މަޝްރޫއުތަކެއް ކަމަށެވެ. އެހެން ނަމަވެސް އިކޮނޮމިކް ވެލިއު ބެލުމަށް ފަހު، ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަށް އެފަދަ މަޝްރޫއުތައް ހިންގަން ޖެހޭކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގައުމީ ނަޒަރަކުން މިކަމުގައި ބަލާއިރު މި މަޝްރޫއުގެ އިކޮނޮމިކް ވެލިއު މާ ބޮޑު،" އަސްލަމް ވިދާޅުވި އެވެ.