07 Jun 2020, 12:17
އިންތިހާބެއްގައި ވާދަކުރަން ބޭނުންނަމަ އެ މުވައްޒަފަކު ހުރި މަގާމުން ވަކިވާނެ ކަމަށް އެސްޓީއޯގެ ހިޔުމަން ރިސޯސް ޕޮލިސީ ބުނާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް އެސްޓީއޯގެ ވަޒީފާގައި ތިބި ބަޔަކު ވަޒީފާއިން ވަކިވެ، އިންތިހާބު ފަސް ކުރުމުން އެ މީހުންނަށް ވަޒީފާ އަލުން ހަމަނުޖެހޭ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ އިންތިހާބުގައި ވާދަ ކުރުމަށް އެސްޓީއޯގެ މުވައްޒަފަކު ބޭނުންވާ ހިނދެއްގައި، ވަޒީފާ އިން ވަކިވާން ޖެހޭނެ ކަމަށް ކުންފުނީގެ ޕޮލިސީގައި ބަޔާންކޮށްފައިވާ ކަމަށާއި އިންތިހާބުން ބަލިވި ނަމަވެސް ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އޮޓަމެޓިކުން ނުލިބޭނެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރުމަށް ޓަކައި ވަޒީފާ އިން ވަކިވާއިރު މުވައްޒަފުންނަށް މިކަންތައް އޮންނާނީ ސާފުވެފައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
"ސިވިލް ސާވިސްގައި އޮންނަނީ ސަސްޕެންޑުވާނެކަމަށް. އެކަމަކު އެސްޓީއޯ އަކީ ސިވިލް ސާވިސްއެއް ނޫން. މިއީ ކުންފުންޏެއް. ކުންފުނީގެ އެޗުއާރު ޕޮލިސީ މި ބުނަނީ މުވައްޒަފަކު އިންތިހާބެއްގައި ވާދަކުރަން ބޭނުން ނަމަ ޖެހޭނީ ވަޒީފާ އިން ވަކިވާށޭ،" އެސްޓީއޯގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ވެސް، އަލުން ކުންފުނީގެ މަގާމެއް ހުސްވެ، ވަޒީފާ އަށް އިއުލާނު ކުރުމުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އިއުލާން ކުރުމުން އެސްޓީއޯގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ނުވަ ވަރަކަށް މީހުން ކައުންސިލް އިންތިހާބަށް ކުރިމަތިލިކަމަށްވެ އެވެ.