މީގެ ކުރިން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހަށް ހާޒިރުވާން އެންގުމުން، ފުލުހަށް ހާޒިރު ނުވެ ފިއްލަވައިގެން އުޅުއްވި ކަމަށް ބުނެ ހަސަން ސައީދުގެ މައްޗަށް ކުރީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖުލައި19، 2018ގަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި އޮތް މުއްދަތު ގުނައިގެން ހަސަން ސައީދުގެ ހުކުމް ތަންފީޒުކޮށް ނިމުމުން ނޮވެމްބަރު މަހު އޭނާ ބަންދުން ދޫކޮށްލީ އެވެ.

ހަސަން ސައީދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި، މިއަދު އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ހައިކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައި، ލައިވްކޮށް ދުރަށް ދެއްކި އަޑުއެހުމުގައި އެ ކޯޓުން ހުކުމް ކުރީ ހަސަން ސައީދާ އެއްކޮޅަށެވެ.

އެ ދައުވާ ހަސަންގެ މައްޗަށް ސާބިތު ކުރަން ފުރިހަމަ ވާން ޖެހޭ ކަންތައްތައް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން، އޭނާ ހޯދަން ފުލުހުން އާންމު އުސޫލުގެ ތެރެއިން އިއުލާން ކުރިކަމާއި، އޭނާ ހޯދަން ފުލުހުން އިއުލާނު ކުރިކަން އޭނާއަށް އެނގިފައިވާ ކަމާއި، އެކަން އެނގިހުރެ ފުލުހަށް ހާޒިރު ނުވި ކަމާއި އަދި ހާޒިރުނުވީ ހާޒިރުވުމުގެ ފުރުސަތު އޮވެގެންކަން ދައުލަތުން ސާބިތުކޮށްދެވެންވާނެ ކަމަށް ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ތަހުގީގަށް ހާޒިރުވާން ފުލުހުން އަންގާ އާންމު އުސޫލުގެ ތެރެއިން، ހަސަން ސައީދަށް ފުލުހަށް ހާޒިރުވާން އެންގި ކަމެއް އެނގޭ ހެއްކެއް ނެތެވެ. އެ މައްސަލައިގައި ފުލުހުން ނެރުނީ ހަސަން ސައީދުގެ މައްސަލަ ބަލަމުންދާކަން އަންގާ ނޫސްބަޔާނެއް ކަމާއި، އެއީ އާންމު އުސޫލުން ފުލުހަށް ހާޒިރުވާން އަންގާ އެންގުމެއް ނޫންކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އާންމު އުސޫލާ އެއްގޮތަށް ތަހުގީގަށް ހާޒިރުވާން އެންގިކަން ދައުލަތަށް ދަށު ކޯޓުގައި ސާބިތުކުރެވިފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން ހަސަން ސައީދު ކުރި އަމަލަކުން ހުރަސް އެޅިގެން ދިޔައީ ކޮން ގާނޫނަކަށް ކަން ދައުލަތުން ދެއްކި ވާހަކަތަކުން އެނގެން ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

ހަސަން ސައީދުގެ ދިފާއީ ހެކީންގެ ގޮތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހުށަހެޅުއްވި އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވި އެވެ. އެހެން ނިންމެވި ސަބަބުތަކަކީ ދައުލަތުން މައްސަލަ ސާބިތު ކުރަން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަފީ ކުރެވޭ ފަދަ ހެކިބަހަކަށް ނުވާތީ އާއި އެ ހެކީންނަކީ މައްސަލައާ ގުޅުންހުރި ޖިނާއީ ތުހުމަތުތަކެއް އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ ބަޔަކަށް ވާތީ އާއި، ޖިނާއީ ބޮޑެތި މައްސަލަތަކެއް އޭރުވެސް އެ މީހުންގެ މައްޗަށް ހިނގަމުންދިޔައީތީ ކަމަށް ބުނެ ބުނެފައިވެ އެވެ. ނަމަވެސް އެއީ އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި، އެ ހެކިވެރިން ހާޒިރު ނުކޮށް މައްސަލަ ގެންދިޔައީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ހަސަން ސައީދުގެ މައްޗަށް ރިޝްވަތުގެ ދައުވާއެއްވެސް ކުރި އެވެ. ނަމަވެސް 2018ގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލު ކުރީ އެވެ. އޭރު ސިޔާސީ އޮއިވަރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.