07 Jun 2020, 14:26
މަސް އެކްސްޕޯޓްކުރަން އިތުރު މާކެޓްތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފި އެވެެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ރޭ ވިދާޅުވީ މިހާރު ވަރަށް ގިނަ ކަސްޓަމަރުންނާއެކު ވާހަަކަ ދެކެވެމުންދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެކްސްޕޯޓް އިތުރުވާނެކަަމަށް ބެލެވޭ ކަަމަށެވެ.
" އަޅުގަނޑުމެން މިހާރުވެސް އިތުރު މާކެޓްތައް ބަލަމުން ގެންދަނީ. ހާއްސަކޮށް ތުރުކީ ކެނެޑާ މި މާކެޓްތަކަށް އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުންދަނީ،" ފައުޒީ ވިދާޅުވި އެވެ.
އާންމުކޮށް ޔޫރަޕްއަށް ދަޅުގައި ބަންދުކޮށްފައި ހުންނަ ކަނޑުމަސް ބޭރުކުރާއިރު އެންމެ ބޮޑަަށް އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތުގެ މާކެޓް ތަކަށެެވެ. ކުރިއަށް އޮތް ތިން މަހަށްވެސް އޯޑަރުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެެ.
"އެހެން ނަމަވެސް ރޯމަހުގެ ޑިމާންޑް ކޮންމެވެސް ވަަަރަަކަށް އެބަދަށްވޭ. އެއީ ޔޫރަޕްގެ ގިނަ މާކެޓްތައް ކޮންމެވެސް ވަރަކަށް ލޮކްޑައުންއާ ގުޅިގެން އުނދަގޫތަކެއް އެބަހުރި އަޅުގަނޑުމެންނަށް. ރޯ މަސް އަޅުގަނޑުމެން ތައިލެންޑަށް ގޮސް ފެކްޓްރީތަކުގައި އަޅުގަނޑުމެން ޕްރޮސެސް ކުރުމުގައި އެ ފެކްޓްރީތައް މިހާރު ކޮންމެވެސް ވަރަަކަށް ޑައުންސައިޒްގައި އޮތީ. ތައިލެންޑްގެ ސްޓޯރޭޖްތައްވެސް މިހާރު ގާތްގަނޑަކަށް ފުރިފަ އޮތީ އެހެން ނަމަވެސް މަސް އެކްސްޕޯޓް ކުރުމުގައޮ މާބޮޑު ދަށްޗެއް ކުރިމައްޗެއް ނުވޭ." ފައުޒީ ވިދާޅުވި އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ފުރަބަންދާ ދިމާކޮށް މިސްރާބު ޖެހިއިރު ރޯމަހުގެ އަގު 1500 ޑޮލަރުގައި ހުރި ނަަމަވެސް މިހާރު އެ އަދަދު 1300 އަށް ވެއްޓިފައިވާކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ. އެހެން ނަމަވެސް މަސް ގަންނަ އަގު އެއްވަރެއްގައި ހިފަހެއްޓައިފައިވާ ކަމަށާއި އަދި ރޯމަަހަށްވެސް ރަނގަޅު އަގެއް ލިބޭނެކަމަށް އުއްމީދުކުރާކަަމަށް އޭނާ ވިދާޅުވި އެވެ.
ޔޫރަޕް ފުރަބަންދުން މަޑުމަޑުން ވީއްލާލަމުންދާއިރު ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ އަގު މިހާރު ކޮންމެވެސް ވަަރަކަށް ރަނގަޅުވަމުން އަންނަކަމަށް ފައުޒީ ވިދާޅުވި އެވެ. އެހެންކަމުން އޮޕަރޭޝަންތައް ފުޅާކުރަން މިހާރު މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.